އީރާނުން އަސްކަރީ ސެޓެލައިޓެއް ޖައްވަށް ފޮނުވާލައިފި

އީރާނުން ކާމިޔާބު ކަމާއެކު އެ ގައުމުގެ ފުރަތަމަ އަސްކަރީ ސެޓެލައިޓް ޖައްވަށް ފޮނުވައިފި ކަމުގައި ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފިއެވެ.

"އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ފުރުތަމަ ސެޓެލައިޓް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސްއިން ކާމިޔާބުކަމާއެކު އޯބިޓަށް ފޮނުވާލައިފި." އައިއާރްޖީސީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ވެއެވެ.

"މިކަން ވެގެންދާނީ ބޮޑު ކާމިޔާބީއަކަށް. އަދި އިސްލާމިކް ރިޕަބްލިކް އީރާނަށް ޖައްވީ ހޯދުމުގެ ދާއިރާއިގައި ލިބޭ އިތުުރު ކުރިއެރުމަކަށް." އެ ބަޔާނުގައި ވެއެވެ.

އީރާން ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ދައުރުކުރާނީ ބިމަށްވުރެ 425 ކިލޯމީޓަރު މަތި އޯބިޓެއްގައެވެ. 'ނޫރު' ގެ ނަމުން ނަންދެވިފައިވާ މި ސެޓެލަައިޓު ފޮނުވާލާފައި ވަނީ 'ޤާސިދު' ސެޓެލައިޓް ލޯންޗަރެއް ބޭނުންކޮށްގެން އިރާނުގެ މަރްކަޒީ ސަހަރާއިންނެވެ.

މުޅި ދުނިޔެވެސް ކޮރޯނާ ވައިރަސްއާ ހަނގުރާމަކުރަމުންދާ ވަގުތެެއްގައި އީރާނުން މި ސެޓެލައިޓް ޖައްވަށް ފޮނުވާލުމުން ދޭހަކޮށްދެނީ އީރާނުން އޮތީ ކުރިމަތިވެދާނެ ކޮންމެ ކަމަކަށް ތައްޔާރަށް ކަމެވެ.

"އެމެރިކާއިން އީރާނަށް ފިއްތުން ކުރިމަތިކުރެވޭނެ އެންެމެ ބޮޑަކަށް މިހާރު ފިއްތުން ކުރިމަތިކޮށްފައި ވާއިރު، މިކަމުން އީރާނަށް ގެއްލޭނެ އިތުރު އެެއްޗެއް ނެތް." މިޑްލްބަރީ އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްގެ ފާބިއާން ހިންޒް ވިދާޅުވިއެވެ.

އީރާނުން ސެޓެލައިޓް ޖައްވަށް ފޮނުވާލަން މަސައްކަތްކުރީ އެ ގައުމުގެ އަސްކަރީ އިންގިލާބުގެ އަހަރީ ދުވަހާ ދިމާކޮށް، ފާއިތުވި ފެބުރުވަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އެ ފަހަރު ކުރި މަސަައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މި ނާކާމިޔާބީއާ ގުޅިގެން އީރާނުގެ މިނިސްޓަރ އޮފް މިނިސްޓަރ އޮފް އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ އަދި ސެޓެލައިޓް ޕްރޮގްރާމާ ހަވާލުވެ ހުންނެވި، މުޙައްމަދު ޖަވާދު އަޒަރީ ޖަހްރޯމީ އޭރު ކުރެއްވި ޓުވީޓެއްްގައި ވިދާޅުވެފައި ވަނީ އީރާނު "ނުހުއްޓުވޭނެ" ކަމުގައެވެ.

ރ

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.