ޑިސެންބަރު މަހު ދުނިޔޭގައި އަލަށް ފެތުރެންފެށި ކުޑަކުޑަ ވައިރަހެއް މިއަދާ ހަމައަށް އައިއިރު މުޅި ދުނިޔެ އިނދަޖައްސާލައިފިއެވެ. ދަތުރުމަތީގައި އުޅުނު ވިޔަފާރިވެރިންނާއި މުއްސަނދިންނާއި މަޝްހޫރު ޝަޚްސިއްޔަތުތައް ގޭގައި ބަންދުކޮށްފިއެވެ. އަަވަދިނެތި އުޅެމުން އައި ހަލަބޮލި ދިރިއުޅުން މަޑުޖައްސުވައި ދިރިއުޅުމުގެ ވައްޓަފާޅި އެކަށް ބަދަލުކޮށްލައިފިއެވެ. ކޮރޯނާވައިރަހާ އެކު މުޅި ދުނިޔެ ބަންދުވެ، ގައުމުތަކުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަމުންދިޔައެވެ. ދުނިޔެއަށް މެދުވެރިވި ހާލަތާއެކު ގައުމުތަކުގެ އިސް ސަފުގައި ތިއްބެވި ސިޔާސީވެރިން ފަހަތަށް ޖެހިވަޑައިގެން، ސިއްހީ ޚިދުމަތްތެރިންނަށް އިސް ސަފުން ޖާގަ ދެއްވިއެވެ. މީޑިއާގެ މޫނުމައްޗަކަށް ވެސް އެބޭފުޅުން ވީއެވެ. ދަންނަވާން މިއުޅެނީ ސިއްހީ ޚިދުމަތްތެރިންގެ ވާހަކައެއް ނޫނެވެ. ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ކުއްލި ނުރައްކަލުގެ ހާލަތާއެކު ބަހަވީ ކުއްލިހާލަތެއް (އެމެޖެންސީއެއް) ވެސް ކުރިމަތިވި ވާހަކައެވެ. ހަމަ އެހެންމެ އާއްމު ބަސްކޮށާރުގައި ހުރި ލަފުޒުތަކެއް ބޭސްވެރިކުރެވުނު ވާހަކައެވެ.
ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ހުބޭއީގައެވެ. މީޑިއާ ރިޕޯޓުތަކުން އެނގޭ ގޮތުގައި ބަލި ފެތުރެން ފެށުމާއެކު ޗައިނާ ސަރުކާރުން އަވަސްވެގަތީ ބަލިފެތުރެން ފެށި އަވަށަށް ހުރިހާ ވަސީލަތެއް ފޯރުކޮށްދޭށެވެ. ވަސީލަތްތައް އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމުގައި ދިމާވި އެންމެ ބޮޑު ދަތިކަމަކީ ބަލިމީހުންނާއި މުއާމަލާތްކުރުމުގައި ޑޮކްޓަރުންނަށް މެދުވެރިވި ހުރަހެވެ. އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮޮތުން، ހަލުވިކަމާއެކު ބަލި ފެތުރެން ފެށި ސަރަހައްދުތަކުގައި ކުއްލިނުރައްކަލުގެ އީޖާބީއެއްގެ ގޮތުން ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ފެށިއެވެ. އެގޮތުން ބަލީގެ ނުރައްކާ ތިލަވާން ފެށުމާއެކު ބަހުގެ ޚިދުމަތްދޭ މަރުކަޒުތަކާއި ޔުނިވަރސިޓީތަކާއި، ވިޔަފާރީގެ ޚިދުމަތްދޭ ފަރާތްތައް ގުޅިގެން ކޯވިޑް-19އާ ހަނގުރާމާކުރުމުގެ ގޮތުން ބަހުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ސިއްހީ އެހީތެރިންގެ ޓީމު ވޫހާނަށް ދިޔަތާ 48ގަޑިއިރުގެ ތެރޭގައި ޑޮކްޓަރުން ބަލިމީހުންނާއި މުއާމަލާތްކުރާނެ ގޮތުގެ އަތްމަތީ ފޮތެއް އެކުލަވައިލައި އެޓީމުތަކާ ހިއްސާކުރެވުނެވެ.
މިކަމުން އަޅުގަނޑުމެންނަށް އެނގެނީ ކޯވިޑް-19އިން ދިފާއުވުމުގައި ބަހަވީން (ލިންގުއިސްޓުން)ގެ މުހިއްމުކަމެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ޚިދުމަތްތެރިންގެ ވާޖިބަކީ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި ބައްޔާ ބެހޭ ސާފު މައުލޫމާތު ފޯރުކޮށްދިނުމެވެ. ކޯވިޑް-19އަކީ އާ ބައްޔަކަށްވުމާއެކު، އެފަދަ ހާލަތުގައި މުއާމަލާތްކުރާ ބަސް ނުވަަތަ މުއާމަލާތްކުރުމުގައި ހުރި ބަހުގެ ހުރަސްތައް ނައްތައިލައި، އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ސިއްހީ ޚިދުމަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބަޔަކު ތިބެންޖެހެއެވެ. އެ ބަޔަކަށްވާންވާނީ ބަހަވީންނެވެ. ބަހުގެ މަރުކަޒުތަކެވެ. ރާއްޖޭގައި ނަމަ ދިވެހި ބަހުގެ އެކެޑަމީ އާއި ޔުނިވަރސިޓީ ތަކެވެ.
ޗައިނާއާ ޚިލާފަަށް ދިވެހިން ވާހަކަދައްކަނީ އެއްބަހަކުންނެވެ. އެހެންނަމަވެސްް ރާއްޖެއަށް ދިމާވި ބަހަވީ ކުއްލިހާލަތު ވެސް ވަކި ކުޑައެއް ނޫނެވެ. އެ ހާލަތަށް އަޅުގަނޑުމެންނަށް އެންމެ ރަނގަޅަށް ތައްޔާރުވެވުނު ބާވައެވެ؟ އަޅުގަނޑުމެންނާ ހަަމައަށް ކޮރޯނާ ބަހުރުވަ އައީ ރާއްޖެއިން ބޭރުންނެވެ. އެހެންކަމުން ކޮރޯނާ ބަސްކޮށާރުގައި ހުރީ މުޅިންވެސް ބޭރު ބަސްބަހެވެ. އަޅުގަނޑުމެންގެ އާބާދީ އިނގިރޭސި ބަހަށް ކިތަންމެ ފަރިތަކަމުގައި ވީނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެބަހާ ބީރައްޓެހި މީހުން ވެސް ރާއްޖޭގައި މަދު ނޫން ކަމެވެ. ކޯވިޑް-19އަކީ ނުރައްކާތެރި ބައްޔަކަށް ވެފައި، ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ، އެންމެ ތުއްތު ކުއްޖާ އިން ފެށިގެން އުމުރުން އެންމެ ދުވަސްީމީހާއާ ހަމައަށް ސާފުބަހުން ބަލީގެ ސައްހަ މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ. މިކަން ކުރަން ޖެހޭ އެންމެ ރަނގަޅަށް އަޅުގަނޑުމެންނަށް ކުރެވުނު ބާވައެވެ؟
ދުނިޔެއަށް މެދުވެރިވި މި ހާލަތުގައި ދުނިޔޭގެ ހުރިހާ ބަހަކަށްވެސް ބަހަވީ އެމެޖެންސީ މެދުވެރިވިއެވެ. ޗައިނާ، އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އާއްމުންނަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ސާފުބަހުން ފޯރުކޮށްދިނުމަށްޓަކައި އެ ގައުމުތަކުގެ ބަހަވީންނާއި ލެކްސިކޯގްރާފަރުންގެ ބޭނުން ހިފަމުން ދިޔައެވެ. އެހެންކަމުން އެތަންތަނުގައި އާއްމުވަމުން ދިޔަ ކޮރޯނާ ބަހުރުވަ އެއްގޮތެވެ. އަދި ހަމައެހެންމެ ކޮރޯނާ ބަސްކޮށާރުވެސް އެއްގޮތްވިއެވެ. ނަތީޖާއެއްގެ ގޮތުން ކޮރޯނާބަހުރުވައިގެ އިސްތިލާހުތައް ވައިގައި ހިފައި ބަސްފޮތްތައް އަދާހަމަކުރެވުނެވެ. މާނައަކީ ބަހަށް އިތުރު ކުރިއެރުން ވެސް ލިބުމެވެ.
އަޅުގަނޑަަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަކިވަކި ލަފުޒަށް ކިޔާނެ ދިވެހި ލަފުޒުގެ ލަފަޔަކަށް ދިވެހި ބަހުގެ އެކެޑެމީގައި އެދިވަޑައިގަތެވެ. އެކެޑެމީން އެ ލަފާ އެރުވިވެސްމެއެވެ. އޭގެތެރެއިން ބައެއް އިސްތިލާހުތައް އެޗްޕީއޭގެ ލިޔެކިޔުންތަކާއި އެެންގުންތަކުން ފެންނާންވެސް އެބަހުއްޓެވެ. އެހެން ނަމަވެސް އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކުރެވުނު ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ބަހަވީންގެ ނުވަތަ ބަހުގެ ދާއިރާގެ މީހުންގެ ބައިވެރިވުމެއް ނެތެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންވެސް މަދެއް ނޫނެވެ. އެހެންކަމުން ދިވެހިބަހުން ތައްޔާރުކުރެވޭ ލުއި ފޮތެއް ވިޔަސް އޯޑިއޯއެއް ވިޔަސް ނުވަތަ ވީޑިއޯއެއް ވިޔަސް ބިދޭސީ ބަސްބަހުން ވެސް އެކުލަވައިލާން ޖެހެއެވެ. އަދި އެކި ބަހުރުުވަތަކުން އޯޑިއޯ/ވީޑިއޯ ތައްޔާރުކުރަންޖެއެވެ. މިހެން ދަންނަވާއިރު ބައެއް ކަހަލަ މެސެޖުތައް ބޭރުބަސްބަހުން ހުރިކަންވެސް ފާހަގަކުރަމެވެ. މިތަކެތި ތައްޔާރުކުރެވެންވާނީ އެއްފުރާޅެއްގެ ދަށުން ވަކި އިންތިޒާމެއްގެ މަތިންނެވެ.
ކުއްލި ނުރައްކަލުގައި ހާލަތުގެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ބަހަވީން ބައިވެރި ކުރެވުނު ނަމަ މިއަދު މައި މީޑިއާ އާއި ނޫސްވެރިންގެ ބައްދަލުވުންތަކުން އިވޭ 'ފިޒިކަލް ޑިސްޓެންސިން'، 'ސޯޝަލް ޑިސްޓެންސިން'، 'ކޮންޓެކްޓް ޓްެރޭސިން' 'ލޮކް ޑައުން' "ފްލެޓްން ދަ ކާރވް' ފަދަ ބޭރު ބަސްބަސް އިވޭލެއް މަދުވާނެއެވެ. ނުވަތަ އެ ބަޔަކު ހިތަށް އެރި ލަފުޒެއް ބޭނުންކުރުމުގެ ފުރުސަތު ހަނިވާނެއެވެ. ކުއްލިއަކަށް މެދުވެރިވި މުޅިން އާ ހާލަތެއް ވީމާ އެއްވެސް ކަމެއް ދުރާލާ ރޭވިފައެއް ނުހުންނާނެކަން ގަބޫލުކުރެވެއެވެ. ނަމަވެސް ބޭރުގެ ލަފުޒު ދިވެހިކޮށް، ކުރިން މިދެންނެވިގޮތަށް އާއްމުކުރެވުނު ނަމަ މައި މީޑިއާގައި ބޭނުންކުރާ ކޮރޯނާބަހުރުވައާއި ކޮރޯނާބަސްކޮށާރު އެއްގޮތްވާނެ ކަމާމެދަކު ޝައްކެއް ނެތެވެ. އެއް މީޑިއާއިން ގުދު ފަތާކުރާ ވާހަކަ ދައްކާއިރު އަނެއް މީޑިއާއަކުން އިވެނީ 'ކާރވް ފްލެޓް' ކުރާ ވާހަކައެވެ.
ކޮރޯނާބަހުރުވައިގައި ހުރި ލަފުޒުތަކަކީ އާ ލަފުޒުތަކެއް ނޫނެވެ. އެއީ އިނގިރޭސި ބަހުގެ ބަސްކޮށާރަށްވެސް އާ ލަފުޒެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ ބަލި ފެތުރެން ފެށިއިރުވެސް އިނގިރޭސި ބަހުގެ ބަސްކޮށާރުގައި ހުރި ލަފުޒެވެ. ނަމަވެސް ކޯވިޑް-19 އާއެކު މި ލަފުޒުތައް ވަނީ ބޭސްވެރިކުރެވިފައެވެ. ލަފުޒުތަކަށް އާ މާނަ ދެވި ބޭސްވެރިކަމާ ގުޅިފައެވެ.
ކޯވިޑް-19އަކީ ނިއުޅެމުންދާ ބައްޔަކަށް ވާތީ މި ކާރިސާއާއި ގުޅުންހުރި ބަހުގެ ކަންކަމަށް ގޮތް ކަނޑައަޅައި ނިންމާން އަދި މާ އަވަހެވެ. އެހެން ނަމަވެސް ކާރިސާތަކާ ގުޅިގެން އަންނަ ބަހަވީ ކުއްލިހާލަތްތަކުގައި ޚިދުމަތްދެއްވާ ބޭބޭފުޅުންގެ ތަޖުރިބާއަށް ބަލާއިރު ފާހަގަކުރެވޭ ދެތިން ކަމެއް ހިއްސާކޮށްލާނަމެވެ.
ބަލި ފެތުރުނަ ނުދީ ހިފެހެއްޓުމަށްޓަކައި ނުވަތަ ބަލި ކޮންޓެއިން ކުރުމަށް ބާރުއަޅައި އެކަމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެއްވޭނެ އެއްބަޔަކީ މިދެންނެވި ބޭފުޅުންނެވެ. ކޮރޯނާވައިރަހުން ދިފާއުވުމަށް ކުރާ މަސައްކަތުގައި ސަމާލުވާންވީ އަމިއްލަ ރައްކާތެރިކަމަށް އެކަންޏެއް ނޫނެވެ. ބަހުގެ ޚިދުމަތްދޭ ފަރާތްތަކުން އެބަޔަކާ މަތިކުރެވިފައިވާ ރަސްމީ ޒިއްމާގެ އިތުރުން އިޖްތިމާއީ ޒިއްމާއެއް އޮތްކަން ދަނެ، ކުއްލިހާލަތުގެ ޓީމުތަކާއެކު މަސައްކަތްކުރުމަށް އިސްނެގުމަކީ ބަހަވީންގެ މައްޗަށްވެސް ލާޒިމުކަމެކެވެ. މިގޮތުން ބަހުގެ އެކެޑެމީއާއި ޔުނިވަރސިޓީ އަދި ކޮލެޖުތައް ގުޅިގެން ކުއްލިނުރައްކަލުގެ ހާލަތުގައި މަސައްކަތްކުރައްވާ ބޭފުޅުންނާއެކު މަސައްކަތް ކުރެވިދާނެއެވެ. އޭރުން ސިއްހީ ލަފަޔާއެކު އާއްމުންނަށް ފަހުމުވާނޭހެން އެކި ބަސްބަހުން، އެކި ބަހުރުވަތަކުން މައުލޫމާތު އެކުލަވައިލާން ފަސޭހަވާނެއެވެ.
އަޅުގަނޑުމެންނަށް ކުރިމަތިވެގެން މިއުޅޭ ވަބާއަކީ މީހުންނާއި ތަކެތީގެ ހަރަކާތް ހުއްޓުވި ވަބާއަކަށްވީ ކަމުގައިވީ ނަމަވެސް މައުލޫމާތު ފެތުރުމަކަށް ހުއްޓުމެއް ނާދެއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ވެސް ނެތެވެ. މައުލޫމާތީ ފަންނިއްޔާތާ ނުލައި ކޮރޯނާވައިރަހާ ހަނގުރާމަކުރަން މާބޮޑަށްވެސް އުނދަގޫވީހެވެ. ބަލިން ރައްކާތެރިވުމާއި، ބަލި ކޮންޓްރޯލު ކުރުމުގައި ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލާހިތްވަނީ މައުލޫމާތީ ފަންނިއްޔާތު (އިންފޮމޭޝަން ޓެކްނޮލޮޖީ)ގެ ބޭނުން ފުރިހަމައަށް ހިފުމެވެ. ރާއްޖޭގައި އޭގެ ބޭނުން ހިފިކަމުގައި ވީނަމަވެސް މައުލޫމާތު އެކުލަވައިލުމުގައި ކުރިން ކުރިން މިދެންނެވިގޮތަށް އަމަލުކުރެވިފައި ނުވާތީ ފަންނިއްޔާތުގެ އާލާތްތަކާއި އިންޓަނެޓުގެ މަންސަތަކާއި މައި މީޑީއާއިން ބައްޔާމެދު ފަތުރަމުންދާ އާއްމު މައުލޫމާތުގެ އެއްގޮތްކަން ކުޑައެވެ. ބޭނުންކުރާ ބަހުރުވައާއި ބަސްކޮށާރުވެސް ތަފާތެވެ.
މީޑީއާގެ ބަސްމަގު އެއްގޮތް ކުރުމުގެ އިތުރުން ކުރެވިދާނެ އަނެއް ކަމަކީ ކުއްލިނުރައްކަލުގެ އީޖާބީގައި ބޭނުންކުރާނެ ބަހުގެ ޚިދުމަތްތަކުގެ ސިޔާސަތެއް އެކުލަވައި، ކުއްލި ހާލަތުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމެވެ. އާއްމު ކުއްލިހާލަތަކީ (ޕަބްލިކް އެމަޖެންސީއަކީ) ސަރުކާރާއި ދައުލަތްތަކަށް ކުރިމަތިވާ ބޮޑު އިމްތިހާނެކެވެ. އެ އިމްތިހާނުން ފާސްވާނެގޮތެއް ހޯދަން ޖެހެއެވެ. ކުއްލިނުރައްކަލުގެ ހާލަތު ނުވަތަ ކާރިސާތަކުން އަރައިގަތުމަށް ރާއްޖޭގައި ރޭވުންތަކެއް އެބަހުއްޓެވެ. އެފަދަ ހާލަތު އިއުލާންކުރެވޭނެ ގޮތްތައްވެސް އެބަހުއްޓެވެ. "ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު" ވެސް އެބައޮތެވެ. ބަދީލީ ރޭވުން (ކޮންޓިންޖެންސީ ޕްލޭން)ތައް ވެސް އެބަހުއްޓެވެ. ނަމަވެސް މި ރޭވުންތަކުގެ ތެރޭގައި 'ބަހަވީ ބަދީލީ ރޭވުން' (ލިންގުއިސްޓީކް ކޮންޓިންޖެންސީ ޕްލޭން) އެއް ފެންނާކަށް ނެތެވެ. މިދިމާވި ސިއްހީ ކުއްލިނުރައްކަލުގެ ހާލަތުން ބޭރު ގައުމުތަކުން ހާސިލުކުރި އިބްރަތަކީ ކުއްލިނުރައްކަލުގެ ހާލަތުގައި ބަހަވީ ބަދީލީ ރޭވުންތައް ހިމަނަން ޖެހޭ ކަމެވެ.
އިސްވެދެންނެވި ފަދަ ހާލަތަކަށް ތައްޔާރުވާއިރު ކުއްލިހާލަތުގެ އީޖާބީގައި ބަހުގެ ޚިދުމަތުގެ ތެރެއިން ތިން އުންސުރަކަށް ސަމާލުކަން ދޭންޖެއެވެ.
ފުރަތަމަ ކަމެއްގެ ގޮތުން މިހާރު އެކުލަވާލެވިފައިހުރި ނުވަތަ ހެދިފައިހުރި އުސޫލާއި ގަވައިދު އަދި ރޭވުންތަކާއި ގާނޫނު އަލުން އިސްލާހު ކުރުން ހިމެނެއެވެ. އެގޮތުން "ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު" އަށް ބަހަވީ ބަދީލީ ރޭވުން އިތުރުކޮށް އިސްލާހުކުރެވިދާނެއެވެ.
އަލަށް މެދުވެރިވާ ކޮންމެ ހާލަތެއްވެސް ތަފަތުވާނެއެވެ. ކުއްލިނުރައްކަލުގެ ހާލަތުގައި އީޖާބީ ޓީމުތަކަށް ބޭނުންވާނެ ބަހުގެ ޚިދުމަތް އަދި ޖެހޭނީ ހޯދާ ބަލާށެވެ. އެހެން ނަމަވެސް މައުލޫމާތު އާއްމުކުރާނެ ގޮތްތަކެއް ކަނޑައެޅުން ވެސް މުހިއްމެވެ. މިސާލަކަށް ފޯނު، ރޭޑިއޯ، ޓީވީ، ސޯޝަލްމީޑިއާ. މައުލޫމާތު ހާމަކުރާނެ ބަސްބަސް، ބަހުރުވަ، އިޝާރާތް ބަހުރުވަ، ބޭރު ބަސްބަސް ކަނޑައެޅުމާއި، މުއާމަލާތް ކުރުމުގައި މެދުވެރިވެދާނެ ހުރަސްތަކާއި އޭގެ ހައްލާއި، ޒަމާނީ ފަންނިއްޔާތާއި، އެމެޖެންސީ ހާލަތުގައި އެކި ފެންވަރުގައި ބޭނުންކުރާނެ ބަހުގެ ޚިދުމަތްތަކުގެ ރޭވުމެއް އޮތުން މުހިއްމެވެ. މީގެ އިތުރުން ބަލިން ރައްކާތެރިވާނެ ގޮތާއި، ތައްޔާރުވާނެ ގޮތާއި، ބަލީގެ ކަންކަން ބަލަހައްޓާނެ ގޮތާއި، ދުރާލާ ދޭނެ އިންޒާރުތަކާއި، ކުއްލިހާލަތުގެ އީޖާބީގައި މީހުން ސަލާމަތްކުރާނެ ގޮތާއި، ކުއްލިހާލަތަށް ފަހު ކަންކުރާނެ ގޮތާއި، ކަންކަން އަލުން ބިނާކުރާނެ ގޮތް ފަދަ ބަހާއި ގުޅޭ އެހެން ކަންކަންވެސް ކަނޑައެޅިދާނެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގައި ބަހުގެ ޚިދުމަތްދޭނެ ވަކި މުއައްސަސާއެއް ގާއިމުކުރެވިދާނެއެވެ. މިތަނަކީ އެފަދަ ހާދިސާއެއް ދިމާވުމުން ކުއްލިހާލަތުގެ އީޖާބީ ޓީމުތަކާއެކު މަސައްކަތްކުރާނެ ތަނަކަށް ހެދިދާނެއެވެ. ކުއްލިހާލަތެއް މެދުވެރިވުމުން އެތަނަށް ކަނޑައަޅާފައިވާ މުއައްޒަފުން މަސައްކަތަށް ނެރެ، ބަހުގެ ޚިދުމަތް ފޯރުކޮށްދެވިދާނެއެވެ.
މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގައި ބަހާއި ގުޅޭ ދިރާސާކުރުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހެދިދާނެއެވެ. ކުއްލިހާލަތުގައި ދެވޭ ބަހުގެ ޚިދުމަތަކީ ވަކި މައިދާނެއްގައި ވަކި ބޭނުމަކަށް ބަސް ބޭނުންކުރާނެ ގޮތްތައް ދެނެގަތުމެވެ. އެއީ ބަހުގެ ވަކި ޚާއްސަ ހާލަތެކެވެ. ކުރިން ދިމާވެފައި ނުވާ ހާލަތެކެވެ. ބަހުގެ ޚިދުމަތްދޭ އެފަދަ ފަރާތްތަކުގެ ތަޖުރިބާގެ އަލީގައި ބަހަވިއްޔާތުގައި ބޭނުންކުރެވިދާނެއެވެ. މީގެ ބޭނުމަކީ ދާއިރާއިން ދިރާސާކުރުމާއި، ބަހަވީ ކުއްލިހާލަތުގެ ސުލޫކު ގާއިމުކުރުމެވެ. މިގޮތަށް އަމަލުކުރުމުން ބަހަވީންނަށް އާއްމު ކުއްލިހާލަތުގައި މަސައްކަތް ކުރެވޭނެ ފުރުސަތު ފަހިވާނެއެވެ. މީގެ އިތުރުން ކުއްލިހާލަތުގެ އީޖާބީގައި ބަހުގެ ޚިދުމަތަށް ޚާއްސަވެ ހުންނަ ދިރާސާ މަރުކަޒެއް ގާއިމުކުރެވިދާނެއެވެ. މި މަރުކަޒުގެ މަގްސަދަކަށް ވާންވާނީ ގުދްރަތީ ކާރިސާތަކާއި، މުޑިއެރުން (އެކްސިޑެންޓް) ތަކާއި، އާއްމު ސިއްހީ ހާދިސާތަކާއި އާއްމު ސިއްހަތާއި އިޖްތިމާއީ ރައްކާތެރިކަމުގެ ހާދިސާތަކުގައި ޚިދުމަތް ދިނުމެވެ. އަދި އޭރަކު އެ އޮންނަ ކާރިސާއާ ބެހޭ މުއައްސަސާއަކާއެކު މަސައްކަތް ކުރުމެވެ.
މިފަހަރު މުޅިދުނިޔެއަށް ކުރިމަތިވި ކޮރޯނާގެ ވަބާގެ ސަބަބުން އެހެން ގައުމުތަކުގެ ބަސްބަހަށް ކުރިއެރުން ލިބުނެވެ. އަޅުގަނޑުމެންނަށް ވެސް އެ ފުރުސަތު ލިބި، އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުނު ކަމަކަށް ގަބޫލެއް ނުކުރެއެވެ. ބަހަވީ ބޮޑު ކާރިސާއެއް ކުރިމަތިވެގެން ދިޔައިރު އެންމެ އެކަށޭނެ ގޮތެއްގައި އެކަމުގައި ބައިވެރިވާނޭ ފުރުސަތު ބަހަވީންނަކަށް ނުލިބެއެވެ.
ކޯވިޑް-19އަިން މުޅި ދުނިޔެއަށް ދަސްކޮށްދިން ފިލާވަޅަކީ ފަންނިއްޔާތާއި ބޭސްވެރިކަމުގެ ދާއިރާއިން ކިތަންމެ ކުރިއެރުމެއް ލިބިފައިވީނަމަވެސް ކޮންމެ ކަމެއްގައި ވެސް ކުރިއެރުން ހޯދޭނީ އެބައެއްގެ އަމިއްލަ ބަހުންކަމެވެ. އަމިއްލަ ބަހަކީ ހަލީސާއެއް ނޫންކަމާއި، މައުލޫމާތު އެކުލަވައިލުމާއި އާއްމުންނާ ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބަހުގެ ދައުރު ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ދައްކައިދީފިއެވެ. ކޮންމެ ފަދަ ކާރިސާއެއް މެދުވެރިވިޔަސް އެކާރިސާއެއްގެ ސަބަބުން ލިބޭ ނަފްސާނީ ބަލިކަށިކަމަށް ހައްލު ހޯދައިދެވޭނީ ވެސް ބަހުންނެވެ. ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ބަހަވީ ހިތްހަމަޖެހުން ފޯރުކޮށްދެވޭނީ ވެސް އަމިއްލަ ބަހުންނެވެ. އެއްވެސް މީހަކު ބާކީނުކޮށް އާއްމުންނާ ހަމައަށް މައުލޫމާތު ފޯރުކޮށްދެވޭނީ ވެސް އަމިއްލަ ބަހުންނެވެ.
އުއްމީދަކީ ބަހަށް ކުރިއެރުން ލިބޭން އަންނަ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފި، ބަހަށް ހައްގު ޖާގަ ލިބޭނޭ ދުވަހެއް ފެނުމެވެ. މިހާރު މެދުވެރިވެފައި މި އޮތް ކަހަލަ ހާލަތަކަަށް ތައްޔާރުވާއިރު ބަހަވީ ބަދީލީ ރޭވުންތައް ވެސް ސަރުކާރުގެ ސިޔާސަތުގައި ހިމެނުމެވެ.
ޢިލްމީ މަޒުމޫނެއް. ކުރު ކުރެއްވި ނަމަ ވަރަށް ރަނގަޅު ވީސް. ބަހުގެ އެކަޑަމީ މާބޮޑަށް ވެސް ހަރަކާތްތެރި ވާން ޖެހޭ ކަން މަޒްމޫނުންވްސް އެނގޭ.