ކޮވިޑް-19 ގެ ނުރައްކަލުން ރާއްޖެއަށް އަރައިގަނެވިއްޖެ ކަމަށް މިވަގުތު ނިންމުމަށްވުރެ ގޯސްކަމެއް މިހާލަތުގައި ދިވެހީންނަށް ނުކުރެވޭނެ ކަމަށް އެ ބައްޔާ ގުޅިގެން ހިނގާ ކަންކަމާބެހޭ މައުލޫމާތު ހާމަކުރުމަށް ރައީސް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެ ވަށައިގެންވާ ގައުމުތަކުގައި ތުފާނެއްގެ ގޮތުގައި އެބަލި ފެތުރެމުންދާ ކަމަށެވެ. އޭގެ ތެރޭގައި އިގްތިސާދީ ގޮތުން ވެސް ބިޔަ ވަރުގަދަ ގައުމުތައް ހިމެނޭ ކަމަށާއި އެހެން ނަމަވެސް އެ ގައުމުތަކަށް ވެސް ދަނީ އެބަލީގެ ކުރިމަތީގައި ހިފަހައްޓާ ނުލެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖެ ވަށައިގެން ތޫފާނެއްގެ ގޮތަށް މުޅި ދުނިޔޭގައި ވަކި ގައުމެއްނެތި މިދަނީ މި ބަލި ފެތުރެމުން. ދުނިޔޭގެ ބިޔަ ބޮޑެތި ވަރުގަދަ އިގްތިސާދު އޮންނަ ގައުމުތަކަށް އެ އުޅެނީ ހިފަހައްޓާ ނުލެވިގެން. މި ބަލިން އަރައިގަނެވިއްޖެކަމަށް އަޅުގަނޑުމެންނަށް މިހާރު ނިންމިއްޖެއްޔާ އެއަށްވުރެ ގޯސްކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ،" މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާތަނަށް މިކަމުގައި ރާއްޖެއިން އަމަލު ކުރަމުން އަންނަ ގޮތް ގައުމެއްގެ ގޮތުގައި ނުވަތަ ރައްޔިތުންގެ ގޮތުގައި ބަދަލު ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. އަދި ވީހާވެސް ބޮޑަށް މިކަމަށް ސަމާލުވެ ކުރިއަށްއޮތް ދުވަސް ތަކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިބަލި އަދިވެސް އެތައް މަހަކަށް ދުނިޔޭގައި އުޅެނޭ ކަމަށް މާހިރުން ވިދާޅުވެފައިވާކަމަށެވެ. އެހެން ކަމުން އެހެން ގޮތަކަށް ދިއުޅެން އާދަކުރަން އެބަޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 'އަޅުގަނޑުމެން އާދަވާން އެބަޖެހޭ އާ ގޮތަކަށް ދިރިއުޅެން. އަދި އާ ކަންތައްތަކަށް ސަމާލުވެގެން ކޮންމެ ދުވަހަކު ވެސް އުޅެން،" މަބްރޫކު ވިދާޅުވިއެވެ.