ރާއްޖެއިން މިސާލު ނަންގަވައިގެން އެހެން ޤައުމުތަކުގެ ޤަނޫނުހަދާ މަޖިލީސްތައް ބޭއްވުމަށް ބާރުއެބައަޅާ- ރައީސް ނަޝީދު

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރާއްޖެއިން މިސާލު ނަންގަވައިގެން އެހެން ޤައުމުތަކުގެ ޤަނޫނުހަދާ މަޖިލީސްތައް ވެސް ބޭއްވުމަށް ބާރުއަޅަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލެއްވަމުން ދެއްކެވި ވާހަކަ ފުޅުގައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖެއިން މިސާލުނަންގަވައިގެނެ، އެހެންޤަމުތަކުގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުން، އެޤައުމުތަކުގެ ހުއްޓިފައިވާ މަޖިލީސްތައް ފަށްޓަވައިދެއްވުމަށް އެމަޖިލީސްތަކުގެ ރައީސުންނަށް ދަންނަވަމުންދާކަމަށެވެ.

ރާއްޖޭއިން އޮންލައިންކޮށް ބާއްވަމުންދާ މަޖިލީހުގެ ޖަލްސާތަކާ ބެހޭ މަޢުލޫމާތު އިންޓަރޕާލަންމަންޓްރީ ޔުނިއަންއަނާއި ކޮމަންވެލްތް ޕާލަމެންޓްރީ އޭސޯސިއޭޝަނާއި ބައެއް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކާވެސް ޙިއްސާކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި އިނގިރޭސި ވިލާތުގެ ހައުސް އޮފް ކޮމަންއާއި އިންޑިއާގެ ލޯކްސަބާއާއި ސްރީލަންކާގެ ޤާނޫނު ހަދާމަޖިލީސް ހިމެނޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީސް ހުއްޓިގެން ދިއުން އެއީ ރަނގަޅު ގޮތެއް ނޫން. މިމަޖިލީހެއް ނުހުއްޓޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނާ އެންމެ ގާތުގައި ތިބެންޖެހޭނެ ބަޔަކީ މެމްބަރުން ކަމަށް ރައީސް ނަޝީދު ވިދާވަމުންގެންދަވާ ބަސްފުޅު ތަކުރާރު ކުރައްވަމުން ވިދާޅުވީ ގާތްކަމަށް ވިދާޅުވަނީ ޖިސްމާނީގޮތުން ގާތްވުމަކަށް ނޫންކަމަށެވެ.  ރައްޔިތުންގެ އުދާސްތަކާއި ކަންބޮޑުވުންތަން އެންމެ ގާތުން އަޑުއަހާނެ ބަޔަކީ މަޖިސް މެމްބަރުންނަށް ވުމެވެ. ނަމަވެސް ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން މިދަނޑިވަޅުގައި ފުރިހަމަ ނުކޮށްދެވިދާނެކަމަށެވެ. އަދި މެމްބަރުން ބޭނުންވެ ވަޑައިގަންނަވާ ޙައްލުތައް ވެސް ހޯދައި ނުދެވިދާނެކަމަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮވުމަށް ބޭއްވި ޖަލްސާ ފިޔަވައި އެންމެ ގިނަ މެމްބަރުން އެއްޖަލްސާއެއްގައި ބައިވެރިވެވަޑައިގެންވި ޖަލްސާއަކީ އޮންލައިންކޮށް ބޭއްވި ފުރަތަމަ ޖަލްސާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އޮންލައިންކޮށް ބޭއްވި ފުރަތަ ޖަލްސާގައި 80 މެމްބަރުން ބައިވެރި ވަޑައިގެންނެވިއެވެ. އޮންލައިންކޮށް ބާއްވާ ތިން ވަނަ ޖަލްސާ މިއަދު އޮންނާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.