ކާޑާއި ބޭހަށް ދިވެހީން ނުޖެހޭނެ ކަމުގެ ޔަޤީންކަން އިންޑިޔާ ސަރުކާރުން ވަނީ ދީފައި- މެމްބަރ ޝިފާއު

ދިވެހިން ކާޑާއި ބޭހަށް ނުހޭނެކަމުގެ ޔަޤީންކަން އިންޑިޔާ ސަރުކާރުން ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޝިފާއު  ވިދާޅުވެއްޖެއެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ސްޓިމިއުލަސް ޕެކޭޖާ ގުޅިގެން މަޖިލީހުން ދެކޭގޮތް ހާމަކުރެއްވުމަށް ހުށަހެޅުނު މައްސަލައި ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރ ޝިފާއު ވިދާޅުވެފައި ވަނީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. ސަރުކާރަށް އެއްބާރުލުން ދިނުމުގެގޮތުން ބަލި ފެތުރުނަ ނުދިނުމަށް ރައްޔިތުން ގޭގައި މަޑުކޮށް ދެއްވުމަށް އޭނާ އެދި ވަޑައިގެންނެވިއެވެ. އެއީ ހަމައެކަނި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށް އެކަނި ދެވޭ އެއްބާރުލުމެއް ނޫންކަމަށާއި އެއީ އިޤްތިޞާދު ރައްކާތެރިކުރުމަށް ވެސް ކޮންމެ ރައްޔިތަކަށް ވެސް ކޮށްދެވޭނެ ކަމެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮވީޑް 19 ގެ ސަބަބުން ޤައުމުގެ އެތެރޭގެ އިޤްތިޞާދަށް މިހާރުވެސް އަސަރުކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ސަރުކާރުން ރައްޔިތުންގެ ޒަރުރީ އެއްވެސް ކަމަކަށް ދަތިވިޔަ ނުދޭނެ ކަމުގެ ޔަޤީންކަން ދެއްވައިފައިވާ ކަމަށް މެމްބަރ ޝިފާއު ވިދާޅުވިއެވެ.

 "ކާޑްގެ ބާވަތަކަށް ވެސް، އިންޑިއާ ސަރުކާރުންވެސް ޔަޤީންކަން އެދެނީދިވެހިން ބަނޑަށް ނުޖެހޭނެ ކަމަށް. އިންޑިޔާ ސަރުކާރުން އެޔަޤީންކަން ދެނީ ދިވެހިން ބޭހަށް ނުޖެހޭނެކަމަށް. ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ހުރި ހުރިހާ ކަމެއް ކުރާނެ. މިވަގުތު ރައްޔިތުން ޤުރުބާންވާންވީ މިޤައުމު ސަލާމަތްކުރަން. އަޅުގަނޑުމެން ކޮންމެ ދިވެއްސަކަށް ވެސް ފުރުޞަތު އެބަ އޮތް  މިޤައުމަށްޓަކައި ކަމެއް ކޮށްދިނުމަށް. އެއީ ގޭގައި މަޑުކޮށްލަ ދިނުން" ޝިފާއު ވިދާޅުވިއެވެ.

ދާދިފަހުން ރާއްޖެއަށް ވަނީ އިންޑިއާއިން ކާޑްގެ ބާވަތްތައް އެތެރެކޮށްފައެވެ. ނަމަވެސް އެއީ ދިވެހި ސަރުކާރުން ގަނެގެން ގެނެސްފައިވާ ކާރޑްގެ ބާވަތްތެކެވެ. ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހަށް ދަތިނުވެ ކާރޑްގެ ބާވަތްތައް ލިބެމުންދާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.