ކޮވިޑް-19: ފިލިޕީންސްގައި ތިބި ދިވެހީންގެ ތެރެއިން 47 މީހަކު ރާއްޖެ ގެނެސްފި

ފިލިޕީންސްގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ މީހުންގެ ތެރެއިން 47 މީހަކު ރާއްޖެއަތުވެއްޖެއެވެ. އެމީހުން ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ މުޙައްމަދު މަބްރޫކް ވިދާޅުވިއެވެ. އިތުރު 16 މީހަކު ރާއްޖެއަށް މިމަހު 28 ވަނަ ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުގެ މަސައްކަތަކީ ވަކިގައުމަކުން ވަކި މީހަކު ގެންނާކަށް ނޫންކަމަށެވެ. އެހެންނަމަވެސް ދިވެހީން އުޅޭ ހުރިހާ ގައުމެއްގެސަރުކާރާ ވާހަކަ ދައްކައިގެން ދިވެހީންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ މީހުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެގައުމަކުން ވެސް ޖާގައެއް ލިބުނީމާ އެޖާގައިގެ ބޭނުން ހިފައިގެން ގެނެވެންތިބި މީހުން ގެނައުމުގެ މަސައްކަތް އެބަކުރެވޭ. އަދި ހާލުގައި ޖެހެން ދޫކޮށްނުލައި އެންމެންނަށް ވެސް އެހީތެރިވުމުގެ މަސައްކަތް ފޮރިން މިނިސްޓްރީގެ ފަރާތުންދަނީ ކުރަމުން. މިކަމުގައި އިތުރުއެހީއަށް ބޭނުންވާ ކަމަށްވާނަމާ ގުޅޭނެ ގޮތްތަކާއި ކޮމިނިކޭޝަންވަނީ ވަރުގަދަކޮށްފައި،" މަބްރޫކް ވިދާޅުވިއެވެ.

ޔޫއޭއީގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ޚަބަރުގެ އެއްވެސް އަޕްޑޭޓެއް ރަސްމީކޮށް އަދިވެސް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަން ޔަގީން ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ބާރަށް ކުރައްވަމުން ގެންދަވާ ކަމަށް ފޮރިންމިނިސްޓްރީއާ ހަވާލާ ދެއްވައި މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން މިމަހު 27 ވަނަ ދުވަހުވަނީ އިޓަލީގެ 358 މީހުން ފުރައިފައެވެ. އެމީހުން ފުރީ ރާއްޖޭގައި ތިބި އިޓަލީ މީހުން އަނބުރާ އެގައުމަށް ގެންދިއުމަށް އެގައުމުގެ ސަރުކާރުން ފޮނުވި މަތިންދާ ބޯޓެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.