(13 މާރިޗު 2020 ގައިޝާއިއުކުރި ބަޔާ ގުޅޭ)
ސުންނަތުގެ މަޤާމަށް ބިދްޢަ އުފުލުން
އެންމެ ހަޑިމުޑުދާރު ބިދްޢައަކީ ސުންނަތުގެ ދަރަޖައަށް އުފުލާފައިވާ ބިދްޢައެވެ. ރަސޫލާގެ ސުންނަތުގައި ވާރިދުވެފައިވާ އިސްތިޚާރާގެ ބަދަލުގައި މުޞްޙަފުން ނުވަތަ ތަސްބީޙަފަތިން އިސްތިޚާރާ ކުރުމަކީ މި ބާވަތުގެ ބިދްޢައެކެވެ.
އިސްތިޚާރާ ނަމާދަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށް ދެއްވާފައިވާ ނަމާދެކެވެ. އެއީ ކުރަން ބޭނުންވާ ކަމެއްގައި އޮތް ހެޔޮގޮތާއި ނުބައި ގޮތް ނޭނގޭތީ ﷲގެ ޙަޟްރަތުން އެ ކަން ބަޔާންކޮށް ދެއްވުމަށް އެދި ކުރާ ނަމާދެކެވެ. މި ކަމަށް ޓަކައި ކުރާ ނަމާދަކީ ދެ ރަކްޢަތް ނަމާދެކެވެ.މި ނަމާދު ކުރާގޮތާއި މި ނަމާދުކޮށް ނިމުމުން ކުރާ ދުޢާ ފިޤްހު ފޮތުފޮތުގައި ތަފްޞީލުކޮށް ބަޔާންކޮށްފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި ޖާބިރު ބުނު އަބްދުﷲގެފާނު ވިދާޅުވާ ގޮތުގައި އެބޭކަލުންނަށް ހުރިހާ ކަމެއްގައި އިސްތިޚާރާ ކުރާނެގޮތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އުގަންނާ ދެއްވިއެވެ. އެއީ ޤުރްއާނުގެ ސޫރަތްތައް އުނގަންނާ ދެއްވާ ގޮތަށެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިންސާނާ ކުރަން ކުރިމަތިލާ ކަންތައްތަކާމެދު ހިތްހަމަޖެހުން ހޯދުމަށް ޓަކައި ވަސީލަތެއް ތަނަވަސްކޮށް ދެއްވައިފައެވެ. އެއީ އިންތިޚާރާ ނަމާދެވެ. މި ވަސީލަތުގެ ބަދަލުގައި މާތް ﷲ ނަހީ ކުރައްވާފައިވާ ވަސީލަތެއް ބޭނުން ކުރުމަކީ އެންމެ ހަޑި ހުތުރުކަން ބޮޑު ބިދްޢައެކެވެ.
އިންސާނަކު އެހެން އިންސާނަކާ ބައްދަލުވާ ހިނދު އިސްލާމްދީނުގެ ސަލާމް ދޫކޮށްލައިފާ ، އެހެން ސަލާމަކުން ( މިސާލަކަށް ގުޑް މޯރނިންގ ނުވަތަ ޞަބާޙުލްޚައިރު ނުވަތަ ބާއްޖަވެރި ހެނދުނެއް ފަދަ ސަލާމެއް ) ބޭނުންކުރުމަކީ ބިދްޢައެކެވެ. އެކަމަކު އިސްލާމްދީނުގެ ސަލާމާއެކު މި ފަދަ ތަޙިއްޔަތެއް ބޭނުން ކުރުމަކީ ބިދްޢައެއް ނޫނެވެ. އެހެނީ މާތް ﷲ ވަޙީ ކުރައްވަނީ ( وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا إِنَّ اللَّـهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا - ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. )
ބިދްޢާގެ މިންގަނޑުތަކާއި ބިދްޢަ ފެތުރޭ ސަބަބުތައް
1- ދީނީ ބިދްޢަތަކަކީ އެއްބަސްވެވިފައިވާ އުޞޫލުތަކެއްގެ މަތީގައިވާ އެއްޗެކެވެ. ދެބަސްވުން އުފެދިވަނީ ފަރްޢީ އިޖްތިހާދީ ކަންކަމުގައެވެ. ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ ކަންތައްތަކަށް ބިދްޢައެކޭ ނުކިޔޭނެއެވެ.ފަރްޢީ މަސްއަލަތަކުގައި އިޖްމާޢެއް ނޯންނާނެއެވެ. ޢިލްމު ވެރިން ވިދާޅުވާ ގޮތުގައި މަޛްހަބީ ޚިލާފުތަކަކީ ޟަރޫރަތެކެވެ. ޖުމްހޫރާ ޚިލާފުވިޔަސް މުޖްތަހިދެއްގެ ރައުޔު ބިދްޢައަކަށް ނުވާނެއެވެ. އެހެނީ މި ފަދަ ކަންކަމުގައި ރާޖިޙާއި މަރްޖޫޙު އޮންނާނެއެވެ. މިއިން އިސްތިސްނާ ވާނީ ފާޅުކަންބޮޑު ނައްޞަކާ ޚިލާފު ފަތުވާތަކެވެ. ބިންހެލުމެއް އައުމުން ނުވަތަ ޠޫފާނެއްގެ ދަރަޖައަށް ވައި ގަދަވުމުން ނަމާދުކޮށް ދުޢާ ކުރުން ބިދްޢައަކަށް ނުވާނެއެވެ. އެހެނީ އެއީ ބައެއް އިމާމުންގެ އަރިހުގައި ޝަރްޢު ކުރެއްވިގެންވާ ކަމެކެވެ.
2- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ނުވަތަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާތް ޞަޙާބީންގެ ޒަމާނުގައި ނެތް ކަމަކަށް މެނުވީ ބިދްޢެކޭ ނުކިޔޭނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުގައި އައިސްފައިވާ ކަލިމަ ( أَحْدَثَ) ގެ މާނައަކީ މިއީއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ނުވަތަ އެކަލޭގެފާނުގެ ޞަޙާބީން ކުރެއްވި ކަމެއް ނުކުރުމަކީ ބިދްޢައެއް ނޫނެވެ. އެއީ ސުންނަތާ ޚިލާފު ވުމެވެ.
ބިދްޢަ އުފެދޭ ސަބަބުތައް
ޢިލްމު ވެރިން ފާހަގަ ކުރައްވާ ގޮތުގައި ބިދްޢަ އުފެދެނީ ތިން ސަބަބަކާ ހެދިއެވެ. އެއީ:
ހ- ޙުކްމުގެ މަޞްދަރުތައް ނޭނގުން ނުވަތަ އެ ދެނެގަންނާނެ ވަސީލަތްތައް ނޭނގުން.
ޝަރްޢީ ޙުކްމުތަކުގެ މަޞްދަރުތަކަކީ ކީރިތި ޤުރްއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި އިޖްމާޢާއި ޤިޔާސެވެ. މަޞްދަރުތަކަށް އިސްކަން ދޭން ޖެހޭނީ މި ތަރްތީބުންނެވެ. ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޢިބާދާތުގެ ކަންތައްތަކުގައި ޤިޔާސެއް ނުކުރެވޭނެއެވެ. އޭގެ މިސާލެއް މިހާރު ވާނީ ބަޔާންކޮށްފައެވެ. މި ކަންކަމުގައި ބައުގަނޑު އުފެދެނީ މި އަންނަ ސަބަބުތަކާ ހެދިއެވެ.
1- ޢަރަބި ބަހުގެ އުސްލޫބު ނޭނގުން : ﷲ ތަޢާލާގެ ފޮތަކީ ޢަރަބި ބަހުން ބާވައިލައްވާފައިވާ ފޮތަކަށް ވާތީ ޢަރަބި ބަހުގެ ޢިލްމުތައް ރަނގަޅަށް ނޭނގި އެ ފޮތުގެ ޙުކްމުތައް ދެނެއެއް ނުގަނެވޭނެއެވެ. ކީރިތި ޤުރްއާނުގެ ބައެއް ޢާއްމު ބަސްފުޅުތައް ބައެއް ފަހަރަށް ޚާއްޞަ ވެފައި ވެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ވަޙީ ބަސްފުޅުތަކުގެ އުސްލޫބުތައް ރަނގަޅަށް އެނގިގެން މެނުވީ އެ ފޮތުން ޢިލްމު ޙާޞިލެއް ނުކުރެވޭނެއެވެ.
2- ސުންނަތް ނޭނގުން : ކީރިތި ރަސޫލާގެ ސުންނަތަށް ޢަމަލު ކުރުމަށް ޓަކައި ، މުޞްޠަލަޙުލް ޙަދީޘް ވަރަށް ރަނގަޅަށް އެގެން ޖެހޭނެއެވެ. ޞަޙީޙު ޙަދީޘާއި ޟަޢީފު ޙަދީޘާއި މައުޟޫޢު ޙަދީޘް ވަކިކޮށް ދެނެގަނެވެން ޖެހޭނެއެވެ. ބިދްޢަތައް އުފެދުމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މައްޗަށް ހަދާފައިވާ ދޮގުބަސްތަކުގެ ދައުރު ވަރަށް ބޮޑެވެ.
3- ޤިޔާސް ނޭނގުން : ޤިޔާސް ނޭނގުމުގައި ދެ ކަމެއް ހިމެނެއެވެ. ފުރަތަމަ ކަމަކީ ޝަރްޢުގައި އައިސްފައިވާ ޤިޔާސުގެ ދަރަޖަ ނޭނގުމެވެ. ޝަރްޢީ މަޞްދަރުތަކުގައި އެންމެ މަތީ ދަރަޖަ ލިބިފައިވަނީ ކީރިތި ޤުރްއާނަށެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތަށެވެ. ދެން އިޖްމާޢަށެވެ.އެއަށްފަހު ޤިޔާސެވެ. ސާބިތު ސުންނަތެއް އޮތްވާ ޤިޔާސު ކުރުމުގެ ސަބަބުން ބިދްޢައެއް އުފެދި ދާނެއެވެ. ދެވަނަ ކަމަކީ ޤިޔާސް ކުރަން ނޭނގުމެވެ. ފަހަކަށް އައިސް ބައެއް މީހން ޢިބާދާތުގެ ކަންކަމުގައި ޤިޔާސް ކުރާ ތަން ފެނެއެވެ.މިއީ ހުއްދަ ކަމެއް ނޫނެވެ.
4- ހަވާނަފްސަށް ތަބާވުން: ދީނުގެ ޙުކްމުތައް އިސްތިންބާޠު ކުރުމުގައި ހަވާނަފްސަށް ތަބާވުމަކީ ، ތެދުމަގުން ކައްސައިލުމެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ ( وَمَنْ أَضَلُّ مِمَّنِ اتَّبَعَ هَوَاهُ بِغَيْرِ هُدًى مِّنَ اللَّـهِ - އަދި اللَّه ގެ حضرة ން ތެދުމަގަކާނުލައި، އެމީހެއްގެ އަމިއްލަ އެދުމަށް تبع ވީ މީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކު ހެއްޔެވެ؟)
5- ޝަރްޢީ ކަންތައްތަކުގައި ހަމަ ބުއްދިއަށް ފެންނަގޮތް ރަނގަޅު ގޮތް ކަމަށް ދުށުން: ބިދްޢަތައް އުފެދުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހަމަބުއްދިއަށް ފެންނަ ކަންތައްތައް ރަނގަޅުކަމަށް ޤަބޫލު ކުރެވުން ވެއެވެ. މާތް ﷲ އިންސާނާގެ ބުއްދިއަށް ވިސްނުން ދެއްވާފައި ވަނީ ވަކި މިންވަރަކަށެވެ. އޭނާއަށް އޭނާގެ ފިޔަސް ފަހަނަޅައެއް ނުދެވޭނެއެވެ. އެއްވެސް އިންސާނަކަށް ހުރިހާ އެއްޗެއް ދެނެއެއް ނުގަނެވޭނެއެވެ.އެހެން ކަން އޮތްގޮތް ކަމުގައި ވިޔަސް ބައެއް އިންސާނުން ވަނީ ބުއްދީގެ ވިސްނުން މާ މަތީ ދަރަޖައަކަށް އުފުލައިފައެވެ. މާތް ﷲ ބާވައިލެއްވި ޙުކްމުފުޅުތަކުގެ ޙިކްމަތް ދެނެގަންނަން މަސައްކަތް ކޮށްފައެވެ. އެއިން ކޮންމެ ކަމަކަށް ބުއްދި ޤަބޫލު ކުރާ ބަހަނާއެއް ދެއްކޭތޯ ބަލައިފައެވެ. މާތް ﷲ ހުއްދަ ނުކުރައްވާ އެތައް ކަމެއް ހުއްދަ ކޮށްފައެވެ.
ޢިޚްތިލާފު ނައްތައިލެވިދާނެ
މުސްލިމުންގެ އެއްބައިވަންތަކަން ހަރުދަނާ ކުރުމަށް ޓަކައި ބިދްޢައިގެ މަފްހޫމާމެދު މިއަދު ވަނީ ވިސްނަން ޖެހިފައެވެ. ޢިލްމުވެރިން އެއްބަސްވެވަޑައިގެންފައިވާ ޤަވާޢިދެއް ބުނާގޮތުގައި (لا يُنْكَرُ الْمُخْتَلَفُ فيه، وإنما ينكر المتفقُ عليه – ދެބަސްވުން އޮތްކަމެއްގައި އިންކާރުކުރުމެއް ނެތެވެ. އެހެނެއްކަމަކު އިންކާރުކުރުން އޮތީ އެއްބަސްވެފައިވާ ކަންތައްތަކުގައެވެ. ) މި ޤަވާޢިދުގެ މަފްހޫމަކީ ޢިލްމުވެރީންގެ މެދުގައި ދެބަސްވުން އޮތް ކަންތައްތަކަކީ މުސްލިމުންގެ މެދުގައި ދެބަސްވުންތަކާ އަރާރުންތައް އުފައްދާ ކަމަކަށް ހަދައިގެން ނުވާނެއެވެ. މިސާލަކަށް ރިބާއަކީ ޙަރާން އެއްޗެއްކަމާމެދު ޢިލްމުވެރީންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތެވެ. އެހެނެއްކަމަކު ޢިލްމުވެރީންގެ މެދުގައި އިޚްތިލާފު އޮތް މަސްއަލަތަކުގައި އަރާރުންވުމުގެ ބަދަލުގައި އެ އިޚްތިލާފު އޮތްކަން ބަލައިގަނެވޭވަރުގެ ތަނަވަސް ހިތެއް އޮންނަން ޖެހޭނެއެވެ. މިސާލަކަށް ފަތިސް ނަމާދުގައި ޤުނޫތު ކިޔުން.
މިއާ ޚިލާފަށް އެއީ ޙަރާންކަމެއްކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަންތައްތަކުގައި އެންމެހައި މުސްލިމުން އެކަތިގަނޑަކަށްވާން ޖެހޭނެއެވެ. ކުރިން ބުނިފަދައިން ޢަޤީދާއާއި ޢިބާދާތުގެ އަޞްލުތަކުގައި ބިދްޢަ ޤަބޫލެއް ނުކުރެވޭނެއެވެ. މެންދުރު ނަމާދުގެ ހަތަރު ރަކްޢަތް ދެ ރަކްޢަތަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެނެއްކަމަކު ޢިބާދާތުގެ ފަރްޢުތަކުގައި އިޚްތިލާފުތައް ހުރިކަން ދަންނަން ޖެހޭނެއެވެ. މިސާލަކީ އަލްޙަމްދު ކިޔަވާއިރު ބިސްމި ކިޔުމުގެ މަސްއަލައެވެ.
ހަމައެފަދައިން ކުފްރުވެރި ބިދްޢައާއި ކުފްރުވެރިނުވާ ބިދްޢަވެސް ތަފާތު ކުރަން ޖެހޭނެއެވެ.ބިދްޢައާ ބެހޭ ގޮތުން ހިނގަމުންދާ ދެބަސްވުންތަކުގެ ތޫނުކަން ކޮށިކޮށްލުމަށް ޓަކައި ބޭނުންކުރެވިދާނެ ފިޤްހީ ޤަވާޢިދެއް ފެނެއެވެ. މި ޤަވާޢިދު ބުނަނީ (الحكم على الأفعال لا على الذوات – ހުކުން އޮންނާނީ ޢަމަލުގެ މައްޗަށެވެ. ކުރާ މީހާގެ މައްޗަކަށް ނޫނެވެ. ) މި ބަހުގެ މުރާދަކީ މީހަކު ބިދްޢައެއް ކުރުމުން އެ ކަން ބިދްޢައަކަށް ވާނެއެވެ. އެކަމަކު އެ ކަން ކުރިމީހާ މުބްތަދިޢަކަށް ބިދްޢަ އުފެއްދި މީހަކަށް ) ނުވާނެއެވެ. އެމީހާއަކީ ޢިލްމުވެރިއެއްގެ ރައުޔާ އެއްގޮތަށް ޢަމަލުކުރި މީހަކަށް ވެދާނެއެވެ. ނުވަތަ އެމީހަކު އެކަމެއް ކުރީ ނޭނގިގެންކަމުގައި ވެސް ވެދާނެއެވެ. ނުވަތަ ހަނދާންނެތިގެން ނުވަތަ އެހެންވެސް ޝަރްޢީ ޢުޒްރެއް އޮވެގެން ކަމަކަށް ވެދާނެއެވެ.
ގާތަށްޖެހުން ޟަރޫރަތެއް
މިއަދު އިސްލާމީ ޤައުމުތަކާ ކުރިމަތިވެފައިވާ ނާޒުކު މަސްއަލަތަކަށް ބަލާއިރު މުސްލިމުން އެކަކު އަނެކަކާ ދުރަށް ޖެހުމުގެ ބަދަލުގައި ގާތަށް ޖެހުން ވަނީ މަޖްބޫރުވެފައެވެ.އުއްމަތް ބައިބައިކުރުވާ ބަހާތައް ދުރަށްލުމުގެ ވާޖިބުކަން މިއަދު ވަނީ މާ ބޮޑެވެފައެވެ. އަތުވެދާނެކަމަށް ބެލެވޭ ޠޫފާނުން މުސްލިމުންގެ ވަކި ބަޔަކަށް ވަކި ގޮތެއް ނުހަދާނެއެވެ. އެ ޠޫފާނު ދެކޭނީ އެންމެންނަކީ ހަމަ ﷲއަށް އީމާންވާ ، މުޙައްމަދުގެފާނުގެ ރިސާލަތު ޤަބޫލުކުރާ ބަޔެއްކަމުގައެވެ.އެހެންކަމުން އަޅުގަނޑުމެންގެ ސިކުނޑިތައް ގާކޮށްފިނަމަ ހަލާކުވެގެންދާނީ ހަމަ އެންމެންނެވެ. އޭރުން ލިބޭ ދަރުސުން ހިތަށް ތަދުވާނެއެވެ.އެ ވަގުތު ހިތާމަ ކުރަން ޖެހޭނީ އެންމެންނަށެވެ.
(ނިމުނީ)