ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓުގެ މުވައްޒަފަކު އެރިސޯޓުގެ މެނޭޖުމެންޓުގެ ހުއްދައެއްނެތި އެރިސޯޓަށް އަރައި ފޭބި މައްސަލައެއްގައި އޭނާ ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިކަން މައްސަލައަކަށްވީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްވެސް ރިސޯޓެއްގައިހުރި މީހަކު އެހެން ރަށަކަށް ނުދިއުމާއި އެހެން ރަށަކުން މީހަކު ރިސޯޓުތަކަށް އެރުން މަނާކޮށްފައިވަނިކޮށް އެމީހާ އެރަށަށް އެރުމުންނެވެ. އެރިއިރު އެރީވެސް ރިސޯޓުގެ މެނޭޖުމެންޓްގެ ހުއްދައެއްނެތިއެވެ.
އޭނާ އެރިސޯޓަށް އެރީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެރަށަށް އަރައި އޭނާ ވަނީ އެރަށުގައި ހުރި އޭނާގެ ބައެއް ސާމާނު ހިފައިގެން ރިސޯޓުން ފައިބައި އަނެއްކާވެސް ހަނިމާދުއަށް އަރައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލާގައި އެމީހާ ބަންދުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރާ ޚިލާފުވާ ހުރިހާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ފުލުހުން ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.
"ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް އެރުމާއި، ރަށްރަށުން މީހުން ރިސޯޓުތަކަށް އެރުން މނާކޮށްފައިވަނިކޮށް މާރިޗު 25 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓުގެ މުވައްޒަފަކު ހދ. ހަނިމާދޫގައި ހުރެފައި ރިސޯޓުގެ މެނޭޖުމަންޓުގެ ހުއްދަނެތި ރިސޯޓަށް އަރައި ރިސޯޓުގައިހުރި އޭނާގެ ތަކެތި ހިފައިގެންފައިބައި ހަނިމާދުއަށް ދިއުމުން ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރު ކޮށްފައި،" ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ. ޑީޖީގެ އަމުރާ ޚިލާފުވެގެން މީގެ ކުރިން ވެސް ފުލުހުން ވަނީ އިތުރު ބަޔަކު ބަންދު ކޮށްފައެވެ. ބަލި ކޮންޓްރޯލް ކުރުމަށް ސިއްހީ ތަޖުރިބާކާރުންގެ އެންގެވުމަށް އެއްގޮތަށް އެންމެންވެސް ގޭގައި ތިބުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.