އިންޓަރނެޓް އަގުހެޔޮ ނުކުރާތީ މަޖިލީހަށް ޖަވާބުދާރީވާންޖެހޭނީ މިނިސްޓަރ- މެމްބަރ އުޝާމް

އިންޓަރނެޓް އަގުހެޔޮ ނުކުރުމުގެ މައްސަލައިގައި މަޖިލީހަށް ޖަވާބުދާރީވާންޖެހޭނީ ކަމާބެހޭ މިނިސްޓަރ ކަމަށް ޤާނޫނާ ހަވާލާ ދެއްވައި ވިލިމާލޭ ދާއިރާގެ މެމްބަރ އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. މެމްބަރ އުޝާމް މިހެން ވިދާޅުވެފައި މިވަނީ އިންޓަރނެޓްގެ ބޭނުން އިންތިހާއަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ކޮމިޔުނިކޭޝަންއޮތޯރިޓީގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް ދެއްވުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގެ ރައީސަށްސިޓީއެއް ފޮނުއްވައިފައި ވަނިކޮށެވެ.

މެމްބަރ މީކާއީލް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކޮމިޔުނިކޭޝަން އޮތޯރިޓީގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަމުން ނުދަނީ ކީއްވެތޯ ސާފުކުރުމަށް، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީއަށް އެ އޮތޯރިޓީގެ އިސްވެރިން ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އުސާމު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ކޮމިޔުނިކޭޝަން އޮތޯރީޓީގެ ބޯޑަށް މެމްބަރުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެ އޮތޯރީޓީގެ ނިންމުންތައް ނިންމަނީ ސަރުކާރުން ކަނޑައަޅުއްވާ ސިޔާސަތުތަކުގެ މައްޗަށް ކަމަށެވެ. އެހެންކަމުން އިންޓަރނެޓް އަގުހެޔޮނުވުމުގެ މައްސަލައިގައި މިނިސްޓަރ ޖަވާބުދާރީކުރުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައި ގަންނަވާ ކަމަށެވެ. އަދި އެ އޮތޯރިޓީގެ ޤާނޫނުގައި ވެސް ބުނެފައިވާގޮތުން މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭނީ މިނިސްޓަރ ކަމެވެ.

ކޮމިޔުނިކޭޝަން އޮތޯރީޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ ދެވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ އޮތީރިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވަނީ މިނިސްޓަރ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މެމްބަރ މީކާއީލް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ މި ދަނޑިވަޅަކީ ގިނަ ރައްޔިތުންތަކެއް ގޭގައި ތިބެގެން ވަޒީފާ އަދާކުރަން މަޖުބޫރުވެ ދަރިވަރުން ވެސް އެމީހުންގެ އުނގެނުމުގެ ކަންކަން ގޭގައި ތިބެގެން ކުރަން މަޖުބޫރު ވެފައިވާ ދަނޑިވަޅަކަށް ވާހިނދު، މުޢާސަލާތީ ޚިދުމަތް، އަދި ވަކިން ޚާއްޞަކޮށް އިންޓަނެޓްގެ ޚިދުމަތް މިވަނީ ޒަރޫރީ ޚިދުމަތަކަށް ވެފައިކަމަށެވެ.

ނަމަވެސް މި ޚައްސާސް ދަނޑިވަޅުގައިވެސް ދިވެހިރާއްޖޭގައި މުޢާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮށް އެއަގުތައް ފާސްކުރުމުގެ ބާރު ކޮމިއުނިކޭޝަންސް އޮތޯރިޓީއަށް ޤާނޫނުން ލިބޭއިރު މިހާރުގެ ޙާލަތަށް ރިޢާޔަތް ކޮށް އިސްވެ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ސިޓީގައި މެމްބަރ މީކާއީލް ވަނީ ފާހަގަ ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.