މެމްބަރުން ގޭގައި ތިއްބަވައިގެން އިންޓަރނެޓް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަވައިފިއެވެ. މިގޮތަށް ނިންމައިފައި ވަނީ މިއަދު މަޖިލީހުގެ ތަޅުމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ މުޤައްރިރުންނާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޖިލީހުގެ ރައީސް ބޭއްވި މަޝްވަރާތަކަށްފަހުއެވެ.
އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވައިފައެވެ. މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަވާނީ މައިކްރޯސޮފްޓް ޓީމްސް ބޭނުންކޮށްގެންނެވެ. މިކަމުގައި މެމްބަރުން ބޭނުންކުރައްވާނީ އެ މެމްބަރުންގެ ރަސްމީ އީމެއިލް އެޑްރެސްކަމަށް ވެސް މަޖިލީހުގެ އިދާރާއިން ހާމަކުރެއްވިއެވެ. މިޖަލްސާތަކުގެ ލައިވްފީޑް މީޑިއާއަށް ލިބޭނެ އިންތިޒާމް ހަމަޖައްސަވަމުންދާކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.
މިދިޔަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. އެންމެ ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދު ކަނޑާލެއްވިކަމުގައި ވިއަސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލީހުގެ ޖަލްސާތައް ބާއްވާނެކަމަށެވެ. ކައުންސިލް އިންތިޚާބު ފަސްކުރުމުގައި މަޖިލީހުން ގޮތެއް ނިންމުމުމަށް މިހާރު ވަނީ ނިންމައިފައެވެ. މީގެ އިތުރުން ކައުންސިލްތަކުގެ މުއްދަތު ދެމިގެންދާގޮތަށް ޤާނޫނަށް ގެންނަޖެހޭ އިޞްލާހު ވެސް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. މިކަމަށް ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް ބަންޑާރަ ނާއިބް ގެންދަވަނީ ޑްރާފްޓް ކުރައްވަމުންނެވެ. އަދި އިންތިޚާބުގެ ވޯޓްލާ ދުވަސް ފަސްކުރުމާމެދު ގޮތެއް ނިންމައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ގޮތުގެ ޑްރާފްޓް އެކޮމިޝަނުން ވެސް ވަނީ އެކުލައިވައިލައްވައިފައެވެ. އީސީ އިން ބުނެފައި ވަނީ އެކޮމިޝަނުން ބޭނުން ވަނީ ރާއްޖޭގައި މިހާރު ޙާލަތު އާއްމު ޙާލަތަކަށް ބަދަލުވިކަން ސަރުކާރުން އިޢުލާން ކުރާދުވަހުން ފެށިގެން އިންތިޚާބު ބާއްވާނެ ދުވަހެއް އިޢުލާން ކުރުމަށް ފަސް ދުވަސް ދިނުމަށްފަހު އިންތިޚާބު ތިރީސް ދުވަހުގެ ތެރޭގައި ބޭވޭގޮތަށް މުއްދަތު ފަސް ކުރުމަށް ކަމަށެވެ. މުޅި އިންތިޚާބު ފަސްކޮށްފިނަމަ ކުރިން ކޮށްފައިވާ މަސައްކަތްތައް އަލުން ކުރަންޖެހޭނެކަމަށް އީސީ އިން ވިދާޅުވިއެވެ. ޚަރަދުތައްވެސް ދެގުނަ ބޮޑުވެގެން ދާނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.