އަޅުގަނޑުމެން ގުޅަންދެން ނުތިއްބަވާ، އަމިއްލައަށް ރިޕޯޓު ކުރައްވާ: މަބްރޫކް

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ނުވަތަ ޝައްކުކުރެވޭ މީހަކާ ޑައިރެކްޓް ކޮންޓެކްޓެއް ވެފައިކަމަށްވަނަމާ އެކަމުގެ ނުރައްކާތެރިކަން އަމިއްލައަށް ވިސްނިގެން ކަމާބެހޭ ފަރާތްތަތަކަށް އެންގުން ވަރަށް މުހިންމު ކަމަށެވެ. އެހެންނަމަވެސް ކަމާބެހޭ ފަރާތްތަކުން ޓްރޭސް ކުރަމުން ގޮސް އެމީހަކަށް ގުޅަންދެން މަޑުންތިބޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތަށް ތިއްބެވުމަކީ އެއްގޮތަށް ވެސް ރަނގަޅު ގޮތެއް ނޫންކަމަށާއި މިބަލީގެ ގޮތުން އެންމެ މީހެއްގެ ސަބަބުން މުޅި ގައުމަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށްބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެ އައި ބޭރުގެ ފުޓުބޯޅަ ކުޅުންތެރިއަކު ކޮވިޑް- 19 އަށް ވަނީ ޕޮޒިޓްވެފައި ކަމަށެވެ. އެހެން ކަމުން އޭނާ އުޅުނު ރިސޯޓުން އޭނާއަށް ޚިދުމަތްދިނުމުގައި ވެސް އަދި އެހެން ގޮތަކުން ވެސް އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ބަޔަކު ތިބި ކަމަށްވާނަމަ އަވަހަށް ކަމާބެހޭ ފަރާތްތަކަށް ގުޅައި އެމައުލޫމާތު ހިއްސާ ކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަދި އޭނާއާ ބަދަލުވެ ސަލާންގަލންކޮށް ހަދައިފައިވާ މީހުންވެސް މާލެ ސަރަހައްދުގައި އުޅޭނެ ކަމަށް ބެލެވޭ ކަމަށާއި އެފަދަ މީހުން އަވަހަށް ރިޕޯޓު ކުރުމަށް މަބްރޫކް އެދިވަޑައިގެންނެވިއެވެ. ފުޓުބޯޅަ ކުޅުންތެރިޔާ ރާއްޖެއައިސް ހުރީ ރީތި ރަށްރިސޯޓުގައެވެ. އޭނާ ވިދާޅުވީ މިއީ ކަންބޮޑުވާން ޖެހޭ ހާލަތެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ބައެއް ބޭފުޅުން މިކަން އަދިވެސް އަމިއްލައަށް ރިޕޯޓު ނުކުރައްވާ. އަޅުގަނޑުމެންގެ ކޮންޓެކްޓް ޓްރޭސިންގްއިން ފެންނަންދެން މަޑުކޮށްގެން އެބަތިބޭ. އެހެން ނަހައްދަވާ! އެނގިވަޑައިގްނަނަވާނެ މި ކުޅުންތެރިޔާއާ ބައްދަލުވެފައި ހުރިއްޔާ. އެހެން ކަމަށް ވާނަމަ ހަމަ ވީހާވެއް އަވަހަކަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަވަމުން ދިއުމަކީ މުހިންމު ކަމެއް." މަބުރޫކު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.