ޔޫރަޕަށް ސައޫދީ އަރަބިއްޔާއިން ބޭރުކުރާ ތެޔޮ ތިން ގުނަ އިތުރުކޮށް، ޔޫރަޕުގައި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ފީފާއެއް 25 އެމެރިކާ ޑޮލަރަށް ދޭނެކަމަށް ސައޫދީން ބުނެފިކަމަށް ސައޫދީ ހުށަހެޅުން ލިބިފައިވާ ފަސް ފަރާތަކުން ޚަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދީފިއެވެ.
މައިގަނޑު ގޮތެއްގައި ރަޝިޔާގެ ތެލުގެ މައްޗަށް ބަރޯސާވާ ކުންފުނިތަކުން ބުނި ގޮތުގައި ސައޫދީ ގައުމީ ތެޔޮ ކުންފުނި، އަރާމްކޯއިން ވަނީ އަންނަ އެޕްރީލް މަހުގެ ތެރޭގައި ތެލުގެ ސަޕްލައި އިތުރުކޮށްދޭނެކަން އަންގާފައެވެ.
މިއީ ތެލުގެ ބާޒާރުގެ ބޮޑު ހިއްސާއެއް އަތުލުމަށް އޯޕެކްގެ މެންބަރު ނޫން ގައުމެއް ކަމުގައިވާ ރަޝިޔާއާއެކު ސައުދީން ކުރާ ހަނގުރާމަ އިތުރަށް ވަރުގަދަވެގެން ދާނެ ކަމެއް ކަމުގައި ބެލެވެއެވެ.
އިތުރު ބައެއް މަސްދަރުތަކުން ޚަބަރުދޭ ގޮތުގައި ސައޫދީން ދަނީ ރަޝިޔާއިން އާއްމުގޮތެއްގައި ތެޔޮ ގަންނަ ޗައިނާއާއި އިންޑިޔާގެ ކުންފުނިތަކަށް ހެޔޮ އަގުގައި ތެޔޮ ދޭން ހުށަހަޅަމުންނެވެ. ރަޝިޔާގެ ޔުރާލް ތެޔޮ 30 ޑޮލަރަށް ފީފާއަކަށްވުރެ ތަންކޮޅެއް މަތީ އަގެއްގައި ވިއްކަމުން ދާއިރު، ސައޫދީން މިހާރު ބުނަމުން ދަނީ އަންނަ އެޕްރީލް މަހު ސަޕްލައިކުރާ އެރެބް ލައިޓް އަދި މީޑިއަމް ތެޔޮ ފީފާއަކަށް 28 ޑޮލަރާ 25 ޑޮލަރާ ދެމެދުގެ އަގަކަށް ނެދަލޭންޑްސްގެ ރޮޓަޑާމް ބަނދަރާ ހަމައަށްވެސް ގެންގޮސްދެވިދާނެ ކަމުގައެވެ.
ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރޭ މިންވަރު އިތުރުކުރުމާ މެދު ގޮތެއް ނިންމުމަށް ދުނިޔޭގެ ތެޔޮ އުފައްދާ ގައުމުތުކުގެ ޖަމްއިއްޔާ، އޯޕެކާ، އެ ޖަމްއިއްޔާގައި ނުހިމެނޭ ރަޝިޔާއާ ދެމެދު ކުރަމުން އައި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމުމާއެކު، އެންމެ ގިނައިން ތެޔޮ އުފައްދާ ދެގައުމުގެ ދެމެދުގައި މިވަނީ ތެލުގެ ހަނގުރާމައެއް ފެށިފައެވެ.
ރަޝިޔާއިން ބުނީ ސައޫދީން މިހާރު އަމަލުކުރަމުން ދާގޮތުން، މަޝްވަރާގެ މޭޒު ދޮށަށް އެނބުރިދާން ބޭނުންނުވާ ކަމުގައެވެ.
ސައޫދީ ތެލުގެ އުފެއްދުން ދުވާލަކު 12 މިލިއަން ފީފާއަށް އިތުރުކޮށްފައި ވާއިރު، ރަޝިޔާއިން ދަނީ ދުވާލަކު 10.8 މިލިއަން ފީފާ އުފައްދަމުންނެވެ.