އަދިވެސް ކޮންޓުރޯލުނުވެ، އެއަށް ފަރުވާއެއް ނުހޯދި، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 (ކޮރޯނާ ވައިރަސް) ގެ ސަބަބުން ދުނިޔޭގެ މައި ހިއްސާގެ ބަޒާރުތައް އަޑިއަޅާލައިފިއެވެ. އަދި އިންވެސްޓަރުންނަށް ވަނީ ބިލިއަން ޑޮލަރުން ގެއްލުންވެފައެވެ.
ކޮވިޑް- 19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށްވާ ގެއްލުން ދެމިގެން ހިނގައިދާނެތީ އޮތް ކަންބޮޑުވުމާއެކު، ބުރާސްފަތި ދުވަހު އެމެރިކާގެ ވޯލް ސްޓްރީޓްގައި ހިއްސާގެ ވިޔަފާރި ނިންމާލިއިރު ޑައު ޖޯންސް އިންޑެކްސް ވަނީ 2300 ޕޮއިންޓް ވެއްޓިފައެވެ. މިއީ 1987 ވަނަ އަހަރަށް ފަހުން ޑައު ޖޯންސް މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.
ކަންބޮޑުވެ ހާސްވެފައި ތިބި އިންވެސްޓަރުން ހަމައަކަށް އެޅުވޭތޯ، އިއްޔެ އެމެރިކާގެ މަރުކަޒީ ބޭންކް، ފެޑެރަލް ރިޒާވުން ވަނީ ވިޔަފާރިވެރިންނަށް ކުރު މުއްދަތުގެ ކްރެޑިޓުގެ ގޮތުގައި 1.5 ޓްރިއަލް (1500 ބިލިއަން) ޑޮލަރު ދޫކުރަން ނިންމިކަން އިއުލާންކޮށްފައެެވެ.
ޑައު ޖޯންސް އިއްޔެ އަޑިއަަޅާލާފައި ވަނިކޮށް، މިއަދު އޭޝިޔާގެ ހިއްސާގެ ބާޒާރުތައް ހުޅުވުމާއެކު، އެ ބާޒާރުތަކުގައި ހިއްސާގެ އަގުތައް ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. ޖަޕާނުގެ ނިކޭ އިންޑެކްސް %10 ދަށަށް ގޮސްފައި ވާއިރު، އޮސްޓްރޭލިޔާގެ ބެންޗްމާކް އިންޑެކްސް، ނިއުޒީލޭންޑުގެ އިންޑެކްސް އަދި ދެކުނު ކޮރެޔާގެ ކޮސްޑަކް އިންޑެކްސް ވަނީ %8 ވެއްޓިފައެވެ.
ސިންގަޕޫރުގެ ސްޓްރެއިޓްސް ޓައިމްސް އިންޑެކްސް ވެސް ވަނީ %5 ވެއްޓިފައެވެ.
ކޮވިޑް- 19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދު އަޑިއަޅާލާފާނެ ކަމުގެ ބިރު ހީވެފައި ވާއިރު، އެ ބަލި ޖެހި ބަލީގެ ސަބަބުން މަރުވާ މީހުންވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ބަލި ފެށުނު ގައުމު ކަމުގައިވާ ޗައިނާގައި ބަލި ކޮންޓުރޯލުވާން ފަށާފައި ވިޔަސް، ދުނިޔޭގެ އެހެން ހިސާބުތަކުގައި އަދިވެސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.
ދުނިޔޭަގައި މިހާތަނަށް 1 ލައްކަ 26 ހާހަށްވެރު ގިނަ މީހުންނަށް މި ބަލި ޖެހިފައި ވާއިރު، 4600 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.