ވ. އަތޮޅު 4 ރަށެއްގެ ތިމާވެށީގެ ޙާލަތު މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ބައްލަވާލައިފިއެވެ.
ފެބުރުއަރީ 28 އިން 29 އަށް މިނިސްޓަރ ވ. އަތޮޅަށް ކުރެއްވި ޒިޔާރަތުގައިވަނީ އެއަތޮޅު ވ. ފުލިދޫ، ވ. ތިނަދޫ، ވ. ރަކީދޫ އަދި ވ. ކެޔޮދޫ އަށް ވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި އެރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓަރ މަޝްވަރާ ކުރެއްވި ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން މި ދުވަސްވަރަކީ ރާއްޖޭގެ ގިނަ ރަށްތަކެއް ގިރަމުންދާ ދުވަސްވަރަކަށްވާތީ، ވަޒީރު ވަނީ އެ ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައި އެ 4 ރަށުގެ ރަށްގިރާ ސަރަހައްދު ބައްލަވާލައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ ޓެކްނިކަލް ޓީމް ވަނީ ކައުންސިލްތަކާއި ބައްދަލުކޮށް ރަށްގިރުމުގެ މައްސަލަތަކަށް ހޯދިދާނެ އެދެވިގެންވާ ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ހުރަސް ތޮށި ޖެހީމަ ލިބޭ ގެއްލުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށު އަދި އަތޮޅު ފެންވަރުގައި ވަގުތީގޮތުން އެޅެން ހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން ކައުންސިލަށް ވަނީ ލަފާ އަރުވާފައެވެ. އެގޮތުން ވެލި ބަސްތާ ޖެހުން ފަދަ ކަންތައްތައް ރަށު އަދި އަތޮޅު ފެންވަރުގައި ކުރުމާއި ގުޅޭގޮތުން އެ ބައްދަލުވުންތަކުގައި ވަނީ މަޝްވަރާކުރެވިފައެވެ.
ރާއްޖޭގެ ރަށްތަކުގެ ތިމާވެށީގެ ހާލަތު ބެއްލެވުމަށް ސިލްސިލާގޮތެއްގައި ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެ 4 ރަށުގެ ކުނީގެ މައްސަލަތައް ބައްލަވާލައްވައި އެ ކަންކަމާއި ގުޅޭގޮތުން ކައުންސިލްތަކާއި މަޝްވަރާކުރައްވާފައެވެ.
މިދަތުރުފުޅުގައި ސްކޫލްތަކުގެ ދަރިވަރުން ތިމާވެށީގެ ކަންތައްތަކަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. މިނިސްޓަރ ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ހަވާލުވި ފަހުން ރާއްޖޭގެ ގިނަ ރަށްތަކަށް ތިމާވެށީގެ ހާލަތު ދެނެގަތުމަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ތިމާވެށީގެ ހާލަތު ބައްލަވާލައްވާފައި ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.