މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ މައްސަލަތަކަކީ ރާއްޖެއަށް ދިމާވެފައިވާ އިމަޖެންސީ ނުވަތަ ކުއްލި ޙާލަތަކަށް ވުމާއެކު މޫސުމީ ކުއްލި ޙާލަތު ނުވަތަ ކްލައިމެޓް އިމަޖެންސީ އިޢުލާން ކުރުމުގެ ޤަރާރެއް މަޖިލީހުން ފާސްކޮށްފިއެވެ. މިޤަރާރު މަޖިލީހުން ފާސްކުރެއްވީ 68 މެމްބަރުންގެ ޢިއްތިފާޤުންނެނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުޤައްރިރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމު މަޖިލީހަށް ހުށަހެޅުއްވި ޤަރަރު މަޖިލީހުން ފާސްކުރެއްވީ ކޮމެޓީން އެޤަރާރު ދިރާސާ ކުރުމަށްފަހު ގެންނެވި އިޞްލާހުތަކާއެކުއެވެ. ރާއްޖޭން "ކްލައިމެޓް އިމަޖެންސީ" އިޢުލާން ކުރުމުގެ ޤަރާރެއް މަޖިލީހުން ފާސްކުރެއްވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ހަނި ފުރުސަތު ގެއްލިގެން ގޮސްދާނެތީ އެކަން ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް ގޮވާލުމަށެވެ. މޫސުމީ ބަދަލުތައް ދުނިޔެއަށް ދިމާވަމުންދާ ގޮތާއި އެކަމުގެ ނުރައްކާ ދުނިޔެއަށް އޮތް މިންވަރު ވަރަށް ތަފްޞީލްކޮށް ޤަރާރުގައި ވަނީ ބަޔަނާ ކޮށްދެއްވައިފައެވެ.
މޫސުމަށް އަނަން ބަދަލު ތަކާ ގުޅިގެން ރާއްޖެއަށް އޮތް ނުރައްކާ ދުނީޔޭގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހުން ފާސްކުރެއްވި "ކްލައިމެޓް އިމަޖެންސީ" އިޢުލާން ކުރުމުގެ ޤަރާރުގައި މުސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ދުނިޔޭގެ ފެންވަރުގައި ހަތަރު ކަމަކަމަށް ވަކާލާތު ކުރެއްވުމަށް ވަނީ ނިންމައިފައެވެ. ރައީސުލްޖުމްހޫރިއްޔާއަށާއި ކަމާބެހޭ މުއައްސަސާތަކަށް އެކަންކަމަށް ގޮވާލުމަށް މަޖިލިހުން ފާސްކުރެއްވި ޤަރާރުގައި ވަނީ އިޤްރާރުވެފައެވެ. އެކަންކަމުގެ ތެރޭގައި:-
- ފޮސިލް ފިއުލް އުފެއްދުމަށް ޤައުމުތަކުން މިހާރު ކުރަމުންދާ އިސްވެންޓްމަންޓްތަކާއި ދެމުންދާ ސަބްސިޑީތައް ހުއްޓާލައި އިއާދަކުރަނިވި ހަކަތަ އުފައްދަން އެފައިސާ ހޭދަކުރުމަށް މަގުފަހިކުރުމަށް ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި މާލީ އިދާރާތަކުގެ ސިޔާސަތުތައް ބަދަލުކުރުމަށް ގޮވާލައި ރާއްޖެއިން ވަކާލާތުކުރުން.
- ރާއްޖެފަދަ ކުދި ޖަޒީރާ ޤައުތަކުގެ ދެމިއޮތުމާއި ސަލާމަތް ބިނާވެފައި އޮތީ ޖައްވު ހޫނުވުމަށް މެދުވެރިވާ ގޭސްތައް ބޭރުވުން މަދުކުރުމަށް ކުރާމަސައްކަތުގެ މައްޗަށް ކަމަށް ވުމާއެކު ކަނޑައެޅިފައިވާ މިންގަނޑުތަކެއްގެ ތެރޭން ޤައުމުތަކުން ޖައްވަށް ބޭރުކުރާ ކާބަން މަދުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ވަކާލާތުކުރުން.
- ޤައުމުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް 40 ޕަސެންޓް ދަށްކުރުމަށާއި 2050 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯއަށް ތިރިކުރުމަށް ޤައުމުތަކަށް ގޮވާލާ ރާއްޖެއިން ވަކާލާތު ކުރުން.
- ޕެރިސް އެގްރިމެންޓްގެ ރޫހާ ޚިލާފަށް މަތީ މިންވަރަކަށް ޖައްވަށް ކާބަން ބޭރުކުރާ ގައުމުތައް ފާހަގަކޮށް، އިޤްތިޞާދީ ގޮތުން އެޤައުމުތަކާ ދެކޮޅަށް ފިޔަވަޅުއެޅޭނެ އުސޫލުތަކެއް އދ ގެ ގިއުގަނޑުގެ ދަށުން އެކުލަވާލައި ތަންފީޒު ކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތު ކުރުން ހިމެނެއެވެ.