އެމެރިކާގެ ރައީސްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕަކީ ކޮން ބޭފުޅެއް؟

މެލާނިއާ ޓްރަމްޕް އަކީ އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އަނބިކަނބަލުންނެވެ.

މެލާނިއާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޭޕްރިލް 1970 ވަނަ އަހަރުއެވެ. މެލާނިއާ އަކީ ކުރީގެ މޮޑެލް އެކެވެ. އެކަމަނާއަކީ މިހާރުގެ ރައީސް އަދި ރިއަލް އެސްޓޭޓް ބިލިއަނަރ އަދި ރިއަލިޓީ ޓީވީ ސްޓަރ ޑޮނަލްޑް ޓްރަމްޕްގެ 3 ވަނަ އަނބިކަނބަލުންނެވެ.

މެލާނިއާ އުފަންވެވަޑައިގަތީ ސްލޮވީނިއާގެ ރަށެއް ކަމުގައިވާ ނޯވޯ މެސްޓޯގައެވެ. އެކަމަނާގެ ބައްޕާފުޅަކީ ކާރުގެ ވިޔަފާރިކުރެއްވި ބޭފުޅެކެވެ. މަންމާފުޅަކީ ކުޑަ ކުދީންގެ ހެދުން ފަރުމާ ކުރެއްވި ބޭފުޅެކެވެ. މެލާނިއާގެ އަންހެން ކޮއްކޯފުޅާއެކު އެކަމަނާގެ މައިންބަފައިން ގާތު ވޭތިކުރެއްވީ އާދައިގެ ދިިރިއުޅުއްވުމެކެވެ. އެކަމަނާގެ އެއްބައްޕާފުޅު ފިރިހެން ބޭފުޅަކު ހުންނަވާކަން އެކަމަނާއަށް އެނގިވަޑައިގަތީ ވަރަށް ފަހުންނެވެ.

މެލާނިއާ މޮޑެލް ކުރައްވަން ފުރަތަމަ ފެއްޓެވީ އުމުރުފުޅުން 16 އަހަރުގައެވެ. އޭގެ ދެ އަހަރުފަހުން މިލާންގެ އޭޖެންސީއަކާ ގުޅިވަޑައިގެންނެވިއެެވެ. ޔުނިވަރސިޓީ އޮފް ލުބްލިއާނާގައި އެއް އަހަރު ހޭދަކުރެއްވުމަށްފަހު ޔުނިވަރސިޓީއިން ވަކިވެވަޑައިގެންނެވީ މޮޑެލް ކުރައްވާށެވެ.

އެކަމަނާގެ ކެރިއަރުގެ ކުރީކޮޅު ޓްރަމްޕް މަސައްކަތްޕުޅު ކުރެއްވީ މިލާނާއި ޕެރިހުގައެވެ. ޓްރަމްޕް ނިއުޔޯކަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ 1996 ވަނަ އަހަރުއެވެ. މޮޑެލިން އޭޖެންސީއާ ގުޅިވަޑައިގެން ޕެޓްރިކް ޑިމަރޝީލިއާ އާއި ހެލްމަޓް ނިއުޓަން ފަދަ މަޝްހޫރު ފޮޓޯގްރާފަރުންނާއި އެކު މެލާނިއާ މަަސައްކަތްޕުޅު ކުރެެއްވިއެވެ. އެކަމަނާއަށް ތަފާތު މަޖައްލާތަކުގެ ކަވަރ އަށް މޮޑެލްކުރައްވާން ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. އޭގެތެރޭގައި ހާރޕާރސް ބާޒާރު (ބަލްގޭރިއާ)، ވެނިޓީ ފެއަރ (އިޓަލީ)، ޖީކިއު، އަދި ސްޕޯޓްސް އިލަސްޓްރޭޓެޑް ސްވިމްސޫޓް އިޝޫ ހިިމެނެއެވެ.

ޑޮނަލްޑް ޓްރަމްޕް އާއި މެލާނިއާ ފުރަތަމަ ބައްދަލުވެވަޑައިގަތީ ނިއުޔޯކުގައި 1998 ވަނަ އަހަރު ބޭއްވި ފެޝަން ޕާޓީއަކުންނެވެ. ޓްރަމްޕް އާއި ގުޅުން ބާއްވަވަން މެލަނިއާ ފުރަތަމަ ދެކޮޅު ހެއްދެވިނަމަވެސް މަޑުމަޑުން ގުޅުން ބަދަހިވަމުން ގޮސް 2004 ވަނަ އަަހަރު އެންގޭޖްވެ ވަޑައިގެންނެވިއެވެ. އަދި 2005 ވަނަ އަހަރު ޓްރަމްޕް އާއި ކައިވެނި ބައްލަވައިގެންނެވިއެވެ. ފްލޮރިޑާގައި ބޭއްވި ކައިވެނި ޙަފްލާގައި މަަަޝްހޫރު ފަންނާނުންގެ އިތުރުން ބިލް ކްލިންޓަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން ބައިވެރިވެވަޑައިގެންނެވިއެވެ.

2006 ވަނަ އަހަރު މެލާނިއާ އާއި ޓްރަމްޕަށް ދަރިކަލަކު (ބެރޮން ވިލިއަމް ޓްރަމްޕް) ލިބިވަޑައިގެންނެވިއެވެ. ބެރޮންއަކީ ޑޮނަލްޑް ޓްރަމްޕްގެ ފަސްވަނަ ދަރިކަލުންނެވެ. އެ އަހަރު މެލާނިއާ އެމެރިކާގެ ރައްވެއްސަކަށް ވެވަޑައިގެންނެވިއެވެ.

އެކަހެރި ދިރުއުޅުއްވުމަކަށް ލޯބިކުރެެއްވި މެލާނިއާ އަށް ސަމާލުކަން ލިބިވަޑައިގަންނަވާން ފެއްޓެވީ 2016 ވަރަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޓްރަމްޕް އިޢުލާން ކުރެއްވި ހިސާބުންނެވެ. އެކަމަނާއަށް ވަރަށްގިނަ ފާޑުކިއުންތައް އަމާޒުވިއެވެ. މޮޑެލިން ކެރިއަރުގައި ނަގާފައިވާ ބައެއް ފޮޓޯތައް (ބަރަހަނާ ފޮޓޯތައް) އިންޓަނެޓުގައި އާއްމުވާން ފެށިއެވެ.

އެކަމަނާއަށް އާއްމުންގެ ފާޑުކިއުންތައް އެންމެ ބޮޑަށް އަމާޒުވީ 2016 ވަނަ އަހަރުގެ ޖުލައި މަހު ރިޕަބްލިކަން ނެޝެނަލް ކޮންވެންޝަންގައި ވާހަކަފުޅުދެއްކެވުމުންނެވެ. އެކަމަނާގެ ވާހަކަފުޅާއި 2008 ވަނަ އަހަރު ޑިމޮކްރެޓިކް ނެޝެނަލް ކޮންވެންޝަނުގައި މިޝޭލް އޮބާމާ ދެއްވި ތަގުރީރާ އެއްގޮތް ވުމުންނެވެ. މިޝޭލް އޮބާމާގެ ތަގުރީރު ކޮޕީކުރައްވާފައިވާ ކަމަށް މީޑިއާއިން ރިޕޯޓުުކުރުމުން އަމިއްލަފުޅަށް ލިއުއްވި ތަގުރީރެއްކަމަށް ވިދާޅުވެ މީޑިއާއަށް ރައްދުދެއްވިއެވެ. ނަމަވެސް ޓްރަމްޕްގެ އިސް ލިޔުންތެރިޔާ މެރެޑިތް މެކްލޮވަރ ވަނީ އޮޅިގެން މިޝެލް އޮބާމާގެ ސްޕީޗުން ބައެއް ހިމެނުނީ ކަމަށް ބުނެ އެކަމުގެ ޒިންމާ ނަގާފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެކަމަނާގެ ބަރަހަނާ ފޮޓޯ ތަކެެއް ނިއުޔޯކު ޕޯސްޓުގައި ޝާއިޢު ކުރެވެނެވެ. އެއީ މޮޑެލިން ކެރިއަރުގެ ދުވަސްވަރު، އެކަމަނާގެ އުމުރުފުޅުން 25 އަހަރުގައި، ނަގާފައިވާ ފޮޓޯތަކެކެވެ. އޭގެތެރެއިން ގިނަ ފޮޓޯތަކަކީ ފްރާންސްގައި ފިރިހެނުންނަށް ޚާއްޞަކޮށްގެން ނެރުނު މަޖައްލާއެއްގައި ޝާއިޢުކޮށްފައިވާ ފޮޓޯތަކެކެވެ.

ބަރަހަނާ ފޮޓޯތަކާއި ގުޅޭގޮތުން ޓްރަމްޕް ވިދާޅުވެފައިވަނީ އެ ފޮޓޯތަކަކީ އެމަނިކުފާނާއި މެލާނިއާއާއި ބައްދަލުވެވަޑައިގަތުމުގެ ކުރިން ނަގާފައިވަ ފޮޓޯތަކެެއް ކަމަށާއި މެލާނިއާ އަކީ ވަރަށް ކާމިޔާބު މޮޑެލް އެއް ކަމަށެވެ. އަދި އެ ފޮޓޯތައް ނަގާފައިވަނީ ޔޫރަޕްގެ މެގަޒިން އަކަށް ކަމަށާއި އެކަހަލަ ފޮޓޯތަކަކީ ޔޫރަޕުގައި ވަރަށް ޢާއްމު އަދި ފެޝަނަބަލް ފޮޓޯތަކެެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އިންޓަނެޓުގަ އާއި މީޑިއާގައި މެލާނިއާއަށް ފާޑުކިޔާފައި ވާތީ މެލާނިއާ ވަނީ އެކަމަނާ ފަސްޓް ލޭޑީއަކަށްވެ ވަޑައިގެންފިނަމަ އެންމެ އިސްކަމެެއް ދެއްވާނީ އޮންލައިންކޮށް ގަނާ ކުރުން (ސައިބަރބުލީންގ) ހުއްޓުވުމަށްކަމަށް ވިދާޅުވެފައެވެ. މިމޭރުމުން އެކަމަނާ ވާހަކަފުޅުދެއްކެވީ ނޮވެންބަރު މަހު އޮތް ކެމްޕޭނު ޙަރަކާތެއްގައެވެ. އެއާއި ވިދިގެން މެލާނިއާއަށް އަނެއްކާވެސް ފާޑުކިއުންތައް އަމާޒުވިއެވެ. ބައެއް މީޑިއާ އައުޓްލެޓްތަކުން ބުނެފައިވަނީ އެކަމަނާގެ ފިރިކަލުންނަކީ ސޯޝަލް މީޑިއާގައި މީހުންނާ ދިމާކުރުމަށާއި އިދިކޮޅު ފަރާތްތަކަށް ފުރައްސާރަ ކުރެއްވުމުގައި އަރައިހުންނެވި ބޭފުޅެއް ކަމަށެވެ. އެ މަހު އެކަމަނާގެ ފިރިކަލުންވަނީ އެމެރިކާގެ ރިޔާސީ ރޭސް ކާމިޔާބު ކުރައްވައިފައެވެ.

ހިލަރީ ކްލިންޓަން އާއި ވާދަކުރައްވައި އިލެކްޓޯރަލް ކޮލެޖް ވޯޓް ކާމިޔާބުކުރައްވައި އެމެރިކާގެ 45 ވަނަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް ހޮވިވަޑައިގެންނެވީ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މެލާނިއާ ޓްރަމްޕް އަކީ ޖޯން ކުއިންސީ އެޑަމްސްގެ އަނބިކަނބަލުން ލޫސިއާ އެޑަމްސް އަށްފަހު، އެމެރިކާގެ ފަސްޓްލޭޑީއަކަށް ވެވަޑައިގެންނަވާ، ބޭރު ޤައުމަަކަށް އުފަން ފުރަތަމަ ބޭފުޅާއެވެ. ލޫސިއާ އެޑަމްސް އުފަންވެވަޑައިގެންނެވީ ލަންޑަނުގައެވެ.

ވެރިކަން ބަދަލުވުމުގެ ތައްޔާރީތަކުގެ ތެރޭގައި މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ އެމަނިކުފާނު ވައިޓްހައުސްއަށް ބަދަލުވެވަޑައިގެންނެވި ކަމުގައި ވިއަސް މެލާނިއާ އާއި ބެރޮން ޓްރަމްޕް ދިރިއުޅުއްވާނީ ނިއުޔޯކު ސިޓީގައި ކަމަށެވެ. އެއީ ބެރޮންގެ ދިރާސީ އަހަރު ފުރިހަމަ ކުރެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ބެރޮންގެ ޕްރައިވެޓް ސްކޫލު ހުންނަނީ މެންހެޓަންގެ އުތުރުގައެވެ.

މެލާނިއާވަނީ 2010 ވަނަ އަހަރު އެކަމަނާގެ އަމިއްލަ ވިޔަފާރި (ގަހަނާއާއި، ސްކިންކެއަރ) ފަށްޓަވާފައެވެ. އެކަމަނާވަނީ އެފްލެކް އިޝްތިހާރު ކުޅުއްވުމުގެ އިތުރުން ދަ ވިއު ހުށަހަޅުއްވައި ދެއްވާފައެވެ. އަދި އެކަމަނާގެ ފިރިކަލުންގެ ރިއަލިޓީ ޝޯ، ސެލްބްރިޓީ އެޕްރެންޓިސް، ގައި ވެސް މަސައްކަތްޕުޅު ކުރެއްވިއެވެ.

މެލާނިއާ ޓްރަމްޕް ތަފާތު ގިނަ ބަސްބަހުން ފަރިތަކަމާއެކު ވާހަކަފުޅުދައްކަވާ ކަމަށްވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.