(27 ޖެނުއަރީ 2020ގައި ޝާއިއުކުރި ބަޔާގުޅޭ)
(ތޭވީސްވަނަ ބާބު)
ތިރިއަށް ބަލަން އޭނާ ބިރުގަނެއެވެ. ސަންގުމަރުމަރު ތަޅުމުގެ މައްޗަށް ވާރޭ ތިކިޖަހަނީއެވެ. ޖެހެމުންދާ ބާރު ވައިރޯޅި އޭނާ ވަށައިލުމުން ކޮޅަށް ހުންނަންވެސް އުނދަގުލެވެ. އޭނާ އުޑު މައްޗަށް ބަލައިލަން މަސައްކަތް ކުރިއެވެ. ނަމަވެސް މިހާރު އެކައްޗެއްވެސް ފެންނަވަރެއް ނުވެއެވެ. ވައިބާރުކަމުން ކޮޅަށް ހުރެވޭ ވަރެއް ނުވިއެވެ. ވާރެއާ ތެމުމުން ސަންގުމަރުމަރު ހިލަ މަތީން ފައިވެސް އެވަރަށް ކައްސައެވެ. އޭނާ ހަތަރެސްފައި މައްޗަށް ތިރިވުމަށްފަހު. ސަންގުމަރުމަރު ތަޅުންގަނޑުމަތީީ ބަންޑުން އޮށޯވެ، ދެއަތް ދަމައިލިއެވެ. ހިފަހައްޓާނެ އެއްޗެއް ހޯދަން އުޅޭކަހަލަ ގޮތަކަށެވެ.
***
އެއީ ތަޅު ހަރުކޮށްފައި ހުންނަ ދޮރެއް ނޫނެވެ. މަރިޔަމް ހިތިގޮތަކަށް ހީނލިއެވެ. ކަޅު ވިލާ ގަނޑެއްްހެން އޭނާގެ މޫނު މަތި އަނދިރިވިއެވެ. "ވަރަށް ގިނަ ދުވަސް ވަންދެން މޮޔައެއްހެން އުޅެވިއްޖެ. ދެނެއް ނުހުންނާނަން." އޭނާގެ ހިތުގައި އުފެދުނު ހުރިހާ ބިރެއް ހަގީގަތަަށް ބަދަލުވިއެވެ. "މިއަދުން ފެށިގެން..." އޭނާ އަމިއްލަ ނަފްސާ މުހާތަބުކުރަމުން ދިޔައެވެ. "އަހަރެން ދުވަހަކުވެސް މަންމަގެ މޫނަށް ވެސް ބަލައިނުލާނަން. އޭނާ ހުރިހާ ގުޅުމެއް ބަރުބާދުކޮށްފި. އަހަރެންގެ ބުރަކަށްޓަށް ވަޅި ހަރައިފި. ދުވަހަކުވެސް މާފެއް ނުކުރާނަން. މިކުޅިވަރު އޭނާއަށް ކާމިޔާބުވިޔަކަ ނުދޭނަން. ޒަނީނާއި އަހަރެންގެ ދޭތެރެއަށް ވަންނަ ކޮންމެ އަންހެނެއްގެ ފުރާނަ ދުއްވައިލާނަން. މަންމަވިޔަސް އިސްތިސްނާއެއް ނުވާނެ. އަހަރެން އޭނާ ބަރުބާދުކޮށްލާނަން."
މަރިޔަމް ދޮރުގައި ޓަކި ޖެހިއެވެ. ސިކުންތެއްގެ ތެރޭގައި މަންމަ އިޖާބަ ދިނެވެ. "ކާކު؟"
"ވަރުބަލިވެފައިވާ އަޑަކުން މަރިޔަމް ބުންޏޭވެ. "އަހަރެން، މަރިޔަމް."
މަންމަ އަވަސްއަވަހަށް ދޮރު ހުޅުވިއެވެ. ހިނިތުންވުމާއެކު އޭނާ މަރިޔަމްގެ ގައިގައި ބައްދާލަން އަތް ދިއްކުރިއެވެ. އާދައިގެ މަތިން އޭނާ ހުރީ ބޮލުން ފެށިގެން ފައިގެ ބޮޑުވާ އިންގިއްޔާ ހަމައަށް ޗާދަރުން ނިވައިކޮށްގެންނެެވެ.
އަބަދުވެސް ހުދު ފޮތިން ފަރުދާ ވެގެން، ސާފުތާހިރު ކަމުގެ ނިޝާން... މިއީ ކިހައި ތާހިރު މީހެއް. މީހަކު އަހަރެން ކުރެން އަހާނެ ނަމަ... އަނދިރި ފަތިފުށެއް އޮތް މީހެއް... ފާފައިން ފުރިފައި... ހަގީގަތަކީ އެއީ." މަރިޔަމް ހިތާހިތުން ބުންޏެވެ. މަންމަގެ މޭމަތީގައި އަތް އަޅާފައި މަންމަ ފަހަތަށް ކޮއްޕާލާފައި ތޫފާނެއްހެން އޭނާ އެތެރެއަށް ވަނެވެ.
މަރިޔަމްގެ ހަރުކަށިކަން ފެނިފައި މަންމަ އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިވަރަށް ރުޅި އައިސްފައި މިހިރީ ކީއްވެގެންހެއްޔެވެ؟ ދޮރު ލައްޕައިލަމުން މަންމަގެ ހިތަށް އެރިއެވެ.
އެތެރެއަށް ވަނުމާއެކު މަރިޔަމްގެ ލޮލުގައި އަަޅައިގަތީ ކޮޓަރީގެ ކަނެއްގައި ހުރި އަގު ބޮޑު ލަގެެޖެވެ. އެ ހިސާބުން އޭގައި އަޅުވާފައި އޮތް އެއާލައިން ޓެގުތައް އޭނާއަށް ފެނެއެވެ. ޕެޓްރޯލް އަޅާފައި ހުރި ދަރުގަނޑެއްހެން އޭނާގެ ހަށިގަނޑުގައި ހުޅު ރޯވިއެވެ. މަންމަގެ މުޑުދާރުކަން ސާބިތުކުރަން އިތުރު ހެއްކެއް އޭނާއަށް ބޭނުންވޭ ހެއްޔެވެ؟
ދޮރު ލައްޕާފައި މަންމަ އަވަހަށް އެތެރެއަށް ވަނެވެ. މަރިޔަމްގެ ސިނގު ރުޅިއަކީ އޭނާއަށް އާ އެއްޗެއް ނޫނެވެ. ކުޑައިރުއްސުރެން ފެށިގެން އޭނާއަށް އެ ރުޅި ފެނެއެވެ. އެހެން ނަމަވެސް މިއަދަކީ އެހެން ދުވަސްދުވަހާ ޚިލާފު ދުވަހެކެވެ. މަރިޔަމް މިހައި ރުޅި އައިސްފައި ހުއްޓައެއް އަދި ދުވަހަކުވެސް ނުފެނެއެވެ.
"ދަރިފުޅާ، ކޮޅަށް ތިހިރީ ކީއްވެ؟ އާދޭ އިށީންނަން." މަންމަ ވަރަށް ލޯބިން ބުނެލިއެވެ. މަންމަގެ ހިތްހެޔޮކަމުން މަރިޔަމަކަށް ދުވަހަކުވެސް އަސަރެއް ނުކުރެއެވެ. މިއަދަކީ ވެސް އިސްތިސްނާ ދުވަހެއް ނޫނެވެ.
މަރިޔަމް މަންމައާ ދިމާއަށް ކަޅިއަޅައިލިއެވެ. އޭނާ ކަޅިއަޅައިލި ގޮތުން މަންމަ ބިރުގަތެވެ. މަންމަގެ ތުންފަތަށް ވެރިވި ހިނިތުންވުން ގެއްލުނެވެ. "ކިހިނެއްވީ ދަރިފުޅު؟ މަންމައާ ދިމާއަށް ތިހެން ތި ބަލަނީ ކީއްވެ؟"
"މިދިޔަ ދޮޅު މަސްދުވަހު އުޅުނީ ކޮންތާކު؟" މަރިޔަމްގެ އަޑުގައި ހުރީ އަލިފާނުގެ އަސަރު ކަމެއް ގަނޑުފެނުގެ އަސަރު ކަމެއް ބުނާކަށް ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔސް އެ ވިހައަކީ މަންމަގެ ސަބަބުން އުފެދުނު ވިހައެއްކަން ޔަގީނެވެ.
"އަހަރެން ދިޔައީ... އިންގްލެންޑަށް." މަންމަ އާގަންނަމުން ބުންޏެވެ. މަންމަގެ އަޑުން ޖެހިލުންވުމާއި، ޝައްކުގެ އަޑު މަރިޔަމަށް އިވުނެވެ.
"އެހެންތަ؟" މިހާރު މަރިޔަމްގެ އަޑުގައި ހުރީ މަލާމާތުގެ އަސަރެވެ. "އިންގްލެންޑުގެ ކޮން ހިސާބަކަށް؟"
"އިންގްލެންޑުގައި އަހަރެންގެ ތިމާގެ މީހުން އުޅޭ. އަހަރެން ދިޔައީ އެމީހުންނާ ބައްދަލުކުރަން."
"އާނ!. އަހަރެންގެ އުމުރުން މިވީ ހަތާވީސް އަހަރު ދުވަހުގެ ތެރޭގައި އިންގްލެންޑުގައި އުޅޭ ތިމާގެ މީހުންގެ ވާހަކައެއް އެންމެ ފަހަރަކުވެސް ނުބުނަމެއްނު... އެކަމަކު މިހާރު ތިމާގެ މީހުން އެބަތިބި ދޯ. އެމީހުންނާއެކު ދޮޅުމަސް ދުވަސް ހޭދަކޮށްފައި ތިއައީ." މަންމަގެ މޫނުމަތިން ކުލަ ފަނޑުވިތަން މަރިޔަމަށް ފެނުނެވެ. "މިގޭގައި އަހަރެން އުޅުނިން ތޭވީސް އަހަރުވަންދެން. ގާނޫނީ ގޮތުން އަހަރެންގެ ބެލެނިވެރިކަމާ ހަވާލުވެ، އަހަރެން ގޮވައިގެން އިންގްލެންޑަށް ދާން ކިހާ އާދޭހެއްކުރިން. އަހަންނަށް އެތަނުގައި ކެރިއަރެއް ބިނާކުރެވުނީސް. އެތަނުގައި ދިރިއުޅުމެއް ފެށުނީސް. އެ ހުރިހާ އާދޭހެއްގެ އަޑު ނާހައި މި ކޮށީގައި، ޖަނަވާރެއްގެ ދިރިއުޅުން އުޅެން އަހަންނަށް މަޖުބޫރުކުރި. މއީ އެއްވެސް ވަސީލަތެއް އެއްވެސް ހިތްހަމަޖެހުމެއް އޮތް ތަނެއް ނޫން. މުސްތަގްބަލެއް ވެސް އޮތް ތަނެއް ނޫން. ހަތާވީސް އަހަރު ފަހުން ކުއްލިއަކަށް ތިމާގެ މީހުން އުޅޭކަން އެނގި އެމީހުން ގާތަށް ދާން ބޭނުންވެއްޖެ. މިއީ އަރަތެއް ނޫންތަ؟ އެއްގޮތަކީ ހަތާވީސް އަހަރު ވަންދެން އަހަންނަށް ދޮގު ހެދީ ނުވަތަ މިއަދު ތި ހަދަނީ ދޮގު. ތިމާގެ މީހުންނަށް ޒިޔާރަތްކުރަން ދިޔަނަމަ އެކަން ސިއްރުކުރީ ކީއްވެ؟"
"ސިއްރެއް ނުކުރަން... މަންމަ ދިޔައީ..." މަންމަގެ އަޑު ބެދިއްޖެއެވެ.
"އާނ، ތި ޖުމުލަ ފުރިހަމަ ކުރޭ... މަންމަ ކީކޭ؟" މަރިޔަމްގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތެވެ.
"އެންމެ ރަނގަޅު. ތިމާގެ މީހުން ކުއްލިއަކަށް ތިލަވީއޭ ކިޔަމާ. އެހެންވީމާ އިންގްލެންޑަށް ދިޔައީ އެމީހުންނާ ބައްދަލުކުރަން. ޕަސްޕޯޓު ދައްކާ. ތި ބުނާ ތިމާގެ މީހުންގެ އެޑްރެސް އަހަންނަށް ދައްކާ." މަރިޔަމް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އޭނަ މަންމައާ ދިމާއަށް އަތް ދިއްކުރިއެވެ. "ގެނޭ ޕާސްޕޯޓު."
"އަހަރެން އަތަކު ނެތް." މަންމަގެ އަޑު އައި ދިމާއެއް ނޭނގެެއެވެ. ހީވީ އަމިއްލައަށް ކޮނުނު އަނދަވަޅެއްގެ ތެރެެއިން އަޑު ނުކުތް ހެންނެވެ.
"ކާކު އަތުގައި އޮތީ؟ ތިމާގެ މީހުން އަތުގައިތަ؟" މަރިޔަމް ހަޅޭއްލަވައިގަތެވެ.
"މަންމަގެ ފަރާތުން ދަރިފުޅު އެނގެން ބޭނުންވަނީ ކޯޗެއް؟ ކީކޭ ތިކިޔަނީ؟"
"އަހަރެން އެނގެން ބޭނުންވާ ކޯޗެއްކަން ބުނެދޭންވީތަ؟ އަހަރެން ނޭނގިގެން މިއުޅެނީ... ހަފްތާއަކު އެއްފަހަރު އެއްގަމު މަސްކޮޅެއް، ގޭސް ފުޅިއެއް ގަނެލާނެ ތަނަވަސްކަމެއް ނެތް، ފެންފައިބާ ފުރާޅެއް މަރާމާތުކުރާނެ ފެންވަރެއް ނެތް، އެތައް އަހަރެން ވީއިރު ރީތި ހެދުންގަނޑެއް ގަނެވޭނޭ ތަނަވަސްކަމެއް ނެތް އަންހެނަކަށް... ކުއްލިއަކަށް މިހައި އަގުބޮޑު ލަގެޖު ގަންނާނެ ތަނަވަސްކަން ލިބުނީ ކިހިނެއްހޭ؟"
ބިންމަތީގައި ހުރި ސޫޓުކޭހަށް އިޝާރާތްކުރަމުން މަންމަގެ ބޮލުގައި ދޮގު ތުހުމަތު އެޅުވިއެވެ. އޭނާ މިހާރު ބާރަށް ހަޅޭއްލަވަނީއެވެ. "އެ ނިކަމެތި، ފަގީރު އަންހެން މީހާއަށް އިންގްލެންޑަށް ދާނެ ޓިކެޓު ގަންނާނެ ތަނަވަސްކަން ލިބުނީ ކިހިނެއް؟ ނޭނގި ހުއްޓައި، ގެއްލިފައި ހުރި ޚަޒާނާއެއް ފެނުނީތަ؟ އަލާއުއްދޫންގެ ވޮށްގަނޑު އަތުޖެހުނީތަ؟ އެ ލަގެޖުގެ އަގު އެނގޭތަ؟ އޭގެ އަގު ޚިޔާލަށް ގެނެވޭތަ؟ އެއީ ކާކު ދިން އެއްޗެއް؟"
"ޒަނީން... ޒަނީން ގަނެދިން އެއްޗެއް. ޓިކެޓުވެސް ގަނެދިނީ އޭނާ." މިހާރު މަންމަގެ އަޑު ތުރުތުރު އަޅައެވެ.
"ޒަނީނަކީ ކަލޭގެ ކާކު، ތިވަރަށް އޭނަ ކަލެއަށް ޚަރަދުކުރަން؟ އޭނަޔާ ކަލެއާ އޮތީ ކޮން ގުޅުމެއް؟ ދޮޅުމަސް ދުވަސް އެކުގައި ހޭދަކުރި ތިމާގެ މީހަކީ އެއީތަ؟ ތި ތިމާގެ މީހާވެސް ދޮޅުމަސްދުވަސް ވަންދެން ވީނުވީ އެއް ނޭނގި ގެއްލުނު. އޭނަވެސް އެނބުރި އައީ މިއަދު... ކަލޭވެސް ތިއައީ މިއަދު. ތީ ކޮން ކުޅިވަރެއްތަ އަހަންނާ ތިކުޅެނީ؟"
މަންމަގެ މޫނުމައްޗަށް ބިރުވެރިކަން ވެރިވަމުން ދިޔަ މަންޒަރު އޭނާއަށް ފެނެއެވެ. އޭނާއަށް ވަރަށް ރަނގަޅަށް މަންމަ އެނގެއެވެ. ދުވަހަކުވެސް މަންމަ ބިރުން ވިރިވިރި ހުއްޓައެއް އޭނާއެއް ނުދެކެއެވެ. "އަހަންނަކީ މަރިޔަމް، ޒަމާނީ އަންހެނެއް." މަންމަގެ މޫނުން ކުލަ ފަނޑުވަމުން ދިޔަ މަންޒަރުވެސް އޭނާއަށް ފެނުނެވެ. "އަހަރެން ބަލި ކުރެވޭނެ ކަމަށްތަ ތި ހީކުރަނީ... އަހަންނާ ކުޅެވޭނެ ކަމަށް ހީވެސް ނުކުރާތި... އަމުދުން ކަލެއަކަށް އަހަންނަކާ ނުކުޅެވޭނެ."
"މަރިޔަމް! ދަރިފުޅާ! ﷲ އަށްޓަކައި ހުއްޓާލާ. ހެޔޮނުވާނެ. ދަރިފުޅަށް މަންމަ ހުރިހާ ވާހަކައެއް ކިޔައިދޭނަން. ޒަނީނާއެކު މަންމަ ދިޔައީ ހައްޖަށް." އޭނާގެ ލޮލުން ކަރުނަ ހިލުނެވެ.
"ކޮންތާކަށް ދިޔައީ؟" މަރިޔަމް އެހިއެވެ. އޭނާގެ ފައި ދަށުން ބިންގަނޑު ދެމޭހެން ހީވިއެވެ. އޭނާގެ ކުރިމަތީގައި ހުއްޓި މިހިރީ ކޮން އަންހެނެއްތަ؟ މިއީ އޭނަގެ މަންމަތަ... ނުވަތަ...؟
"ޒަނީނާއެކު ކަލެއަށް ހައްޖަށް ދެވުނީ ކިހިނެއް؟ އެއީ ކަލޭގެ ކާކު؟ އަހަންނަކީ ކަލޭގެ ދަރިއެއް ނޫން. ޒަނީނަކީ ކަލޭގެ ދަނބި-ދަރިއެއް ނޫން... އެހެންވީމާ އޭނާއާއެކު ކަލެއަށް ހައްޖަށް ދެވުނީ ކިހިނެއް؟ އޭނާޔާ ކާވެނި ކުރީތަ؟ އެއީތަ ދެވުނު ގޮތަކީ؟" މަންމަގެ މޫނު މައްޗަށް އަނދިރިވިއެވެ. އެއާއެކު ކަކޫ މައްޗަށް ތިރިވިއެވެ. އެކަމަކުވެސް މަރިޔަމް ހަޅޭއްލަވަމުން ދިޔައެވެ. "ކަލޭގެ އުމުރުން ވީހައި ދުވަހަކު އަހަރެންގެ ވަށައިގެން ވިހަ ގަދަ ހަރުފައެއްހެން އަހަރެންގެ އުފާތަކަށް ހުރަސް އެޅި. މިހާރު އަހަންނަށް މިވަނީ އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ލިބިފައި. އެކަމަކުވެސް ތިއުޅެނީ އެކަމަށް ވެސް ހުރަސް އަޅަން. ދީނުގެ ވާހަކަ ދައްކަނީ ތިމަންނާއަކީ ދީންވެރިއެއް ކަން މީހުންނަށް ދައްކަން. މިހާރު ތިވަނީ އެމަޅީގައި ޒަނީން ޖައްސާފައި. ނަމާދުކޮށްގެން އޭނާ މޮޔަ ހައްދައިފި. ތިމާއަށްވުރެ ދެގުނަ ހަގު މީހަކާ އެކު އުޅެން ލަދެއްވެސް ނުގަނޭތަ؟ އަހަންނާއި ޒަނީންގެ ގުޅުމަށް އިހްތިރާމްވެސް ނުކުރަނީތަ؟ މިއީތަ ތި ދައްކާ ދީންވެރިކަމަކީ؟ އާދައިގެ ދިރިއުޅުމަކަށް ކުރި ލޯބި ކޮބާ؟ ކުރިން ގެންގުޅުނު އުސޫލުތައް ކޮބާ؟"
"ތީ ދަހިވެތިކަމާއި ހަސަދައިން ފުރިފައިވާ އަންހެނެއް. އެއްވެސް ހަމައެއް ލަމައެއް އުސޫލެއް ގެންގުޅޭ މީހެއް ނޫން. ތީ ހުޅަނގުގެ އަންހެނުން އުޅޭ ގޮތް. ދޭދޭ ގުޅުމާއި ކާވެނިގެ ގުޅުމަކީ ކަލޭމެން ކަހަލަ މީހުންނަކަށް އެއްވެސް އެއްޗެއް ނޫން. ފިރިހެނަކާ ނަހަމަ ގުޅުމެއް ބާއްވަންޏާ އެއީ ތިމާގެ ދަނބިދަރި ވިޔަސް ކޮބާ މައްސަލައަކީ؟ އަހަންނަކީ ކަލޭގެ ދޮންދަރިއަށް ނުވެ، އަސްލު ދަރިއަށް ވީ ނަމަވެސް ކަލެއަކަށް މާ ބޮޑު ތަފާތެއް ނޯންނާނެ."
"ކަލޭ ދަންނަ ދީނަކީ ގައިގައި އޮޅައިންގެ އިންނަ ޗާދަރެއް އެކަނި. ތި ޗާދަރު ނަގައި އަންދާލާ. މިހާރު ކަލެއަކަށް ތީގެ ބޭނުމެއް ނެތް. އެއަކުން ކަލޭގެ ކަޅު ހިތެއް ފަރުދާއެއް ނުކުރެވޭނެ."
"މަރިޔަމް ހަޅޭއްނުލަވާ. ބޭރަށްވެސް އަޑު އިވޭނެ. މީހުން ބުނާނީ ކީކޭ؟" މަންމަ އޭނާ މައިތިރި ކުރެވޭތޯ މަސައްކަތް ކުރިއެވެ.
"ހަޅޭއްލަވާނަން. ކަލޭ ތި ކޮންކަހަލަ އަންހެނެއްކަން މި ހިސާބުގަނޑު މީހުންނަށް އިއްވަންވެސް ހަޅޭއްލަވާނަން. އަހަންނާ ދޭތެރޭ ކަލޭ ކަންކުރި ގޮތް މި ހިސާބުގަނޑު އެންމެންނަށް އަންގަން ބޭނުން. ބޭރުފުށުން ކަލޭ ތި ދައްކާ ދީންވެރިކަމަކީ ހަގީގަތެއް ނޫންކަން އަންގާނަން. އަހަރެންގެ ހަޔާތް ބަރުބާދުކުރީ ދީން ބޭނުންކޮށްގެން."
"މަރިޔަމް، ތި މަންމަގެ ދަރިއެއް.، ދަރިފުޅު..."
މަރިޔަމް މަންމަގެ ވާހަކަ މެދުކަނޑައިލިއެވެ. "ޚަބަރުދާރު، މަމީ ކަލޭގެ ދަރިއެއް ނޫން. ނުކިޔާތި ތިމަންނަގެ ދަރިއެކޭ." މަރިޔަމް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. "ކަލޭގެ ދަރިއަކަށްވުމަށްވުރެ ހަށިވިއްކާ އަންހެނެއްގެ ދަރިއަކަށް ވާން ވެސް އަހަރެން ބޭނުން. ތިކަހަލަ ނުބައި ނުލަފާ މީހަކަށް އެއްވެސް އިރަކު މަންމައޭ ކިޔައި ގޮވުނީތީ އަހަރެން ލަދުގަނޭ. ކަލޭ ގެންގުޅޭ އުސޫލާއި، ދީންވެރިކަމާއި، އަގީދާއަކީ ބޮޑު ލަދެއް. އާދައިގެ ދިރިއުޅުމެއް އުޅުނީ އޭރު އެހެން ގޮތެއް ނެތިގެން. ޒަނީން ކަހަލަ ފިރިހެނަކާ ތިރީސް އަހަރު ކުރިން ދިމާވީ ނަމަ ކަލޭގެ ފިރިމީހާ ނަގައި އެއްލާލާފައި ހައްޖަށް ދިއުމުގެ ނަމުގައި އެމީހެއްގެ ފަހަތުންވެސް ދިޔައިސް. ކަލޭ ދުއާކުރީ ކާކަށް؟ ކޮންކަމަކަށް އެދި؟ ކަލޭގެ ދުއާތަކުގެ ތެރެއިން އިޖާބަކުރެއްވީ ކޮން ދުއާއެއް؟"
"ކަލޭ ކުރާ ނަމާދާއި، ހިފާ ރޯދަ އާއި ކުރާ ހައްޖަކީ މުޅިން އޮޅުވައިލުން. ކަލޭގެ ދީންވެރިކަމަކުން ކަލޭގެ ވަހުޝީ އެދުންތަކެއް މައިތިރިއެއް ނުކުރެވުނު. ކަލޭ ތީ ހަސަދަވެރިއެއް. އެއީ އެއްވެސް ދުއާއަކުން އަޅުކަމަކުން ފިލުވައިލެވޭނޭ އެއްެޗެއް ނޫން. އެކަމަކު ހަނދާންކުރާތި، ޒަނީނަކީ އަހަރެންގެ މިލްކެއް. އޭނާ ހުންނާނީ ވެސް އެގޮތުގައި. އަހަންނާއި އޭނަޔާ ދެމެދަށް ވަންނަ އެއްވެސް އަންހެނަކަށް މި ދުނިޔޭގައި އުޅެވުނަކަ ނުދޭނަން. ޒަނީނަކީ ހަމައެކަނި އަހަރެންގެ މީހެއް! އަދި ކަލޭ ކަހަލަ އަންހެނަކަށް؟ އޭނަޔާ އެކު އުޅެން ހިތަށް ވެސް އެރުވީ ކިހިނެއް؟"
"އަހަރެން މިއަދު މިއައީ ކަލޭ ކައިރީ މިތަނުން ދާށޭ ބުނަން. ދޭ! ރައްކާވޭ! ޒަނީން ގާތު ބުނޭ ކަލޭ ވަރިކުރާށޭ. ކަލޭގެ ކިބައިން ސަލާމަތްވާން ކަލޭ ބުނިވަރަކަށް ފައިސާ ދޭން ތައްޔާރަށް އަހަރެން މިހިރީ. މި ގެ ވިއްކާލާ، ފިހާރަ ވިއްކާލާ. އަހަރެން އަތުން ބޭނުން އެއްޗެއް ނަގާ. އެކަމަކު މިތަނުން ދުރަށް ދޭ. އަހަރެން ދުވަހަކުވެސް ކަލޭގެ ސޫރަވެސް ދެކޭކަށް ބޭނުމެއް ނޫން. އަދި ކަލެއަށް ދެން ދުވަހަކު ޒަނީން ވެސް ނުފެންނާނެ. އަޑު އެބައިވޭތަ، އަހަރެން މިދައްކާ ވާހަކަ؟" ތަޅުންމަތީގައި ހަރަކާތް ހުއްޓިފައި މަންމަ އޮތެވެ. މަރިޔަމް އޭނާއާ ދިމާއަށް ހަޅޭއް ލަވާތަން މަންމައަށް ފެނެއެވެ.
"އުއްމު މަރިޔަމް، ދަރިފުޅު ތީ މަންމަގެ ފުރާނަ، މަންމަގެ މުޅި ހަޔާތް."
"އުއްމު މަރިޔަމަކީ ކަލޭގެ މަރު!" މަރިޔަމް ކުރިއަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ.
"މަންމަގެ ހުރިހައި ވެސް އެއްޗަކީ، އުއްމު މަރިޔަމް، ދަރިފުޅަށް ނުވެސް އެނގޭނެ މަންމަ ދަރިފުޅު ދެކެ ވާ ލޯތްބެއް. ދުވަހަކުވެސް ނޭނގޭނެ." މަންމަ ގިސްލަގިސްލާފައި ރޯން ފެށިއެވެ.
(ނުނިމޭ)
މަރިޔަމަކީ ހާދަ ގޮތްކުޑަ މީހެކޭ
vvv reethi
މަރިޔަމަކީ ނުބައި ޑަކައިތެއް...އޭނާ އަށް އޭގެ ހިތި ފެނުން ގާތްވެއްޖެ
akamaku akhlaageh gotheh nehmeeheh ladhuge knfulheh ves neh. thi mariyamu zaneen nulibigeh rofabunyeh suvaruge ves beynumeh nooney zaneelibeni kon abunigothah narakaage dhoru hulhuvanee
vaahaka haaadhareechey vvvv ah
Maryam mee konkahala khaseelatheh huri meeheh?
Ethah ahareh vandhen gengulhe bodu kurimeehaa ge kibain akhlaagu ge kuda minvarevves dhaskoggen hurinama reechcheh noontha.
Zaneen mivaguthu thithanah annaanenama konfadha.eyrun ran'galhah size vefa hunnaane bodaa Maryam
Vaahaka varah reethi.