ފުސްބިއްލޫރި - 26

(20 ޖެނުއަރީ 2020 ގައި ޝާއިއުކުރި ބަޔާގުޅޭ)

"އަހަންނާ އިނުމުގެ ކުރިން އުޅުނު ފަގީރު ހާލު ހަނދާން އެބަހުރިތަ؟ މިހާރު ބަލާބަލަ. ބޭނުން ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނިން. މާއްދީ ފައިދާއަށްޓަކައި ކޮންމެ ދީނެއްގެ މީހަކު މަޅީގައި ޖައްސަންވެސް ކަލޭ ފަހެއް ނުޖެހޭނެ. ކަލޭ އަޅުކަން ކުރަނީ މުދަލާއި ފައިސާއަށް. ކަލޭ ބޭނުންވާ ހުރިހާ ކަމެއް ކުރެވޭހައި ދުވަހަކު މީހުންގެ ލޮލުގައި އަނދުން އަޅުވައިގެން ތިހެން ދީންވެރިވެގެން އުޅޭނެ ކަމާމެދަކު އަހަރެން ޝައްކެއް ނުކުރަން."

(އެކާވީސްވަނަ ބާބު)

ކުރިން އެތަނުގައި ހުރި ސިޑި ގެއްލިއްޖެއެވެ. ގޭގެ ފުރާޅުކަމަށް ހީކުރެވުނީ ފަރުބަދައެއްގެ ކުންނެވެ. ފަރުބަދައިގެ ވަށައިގެން ހުރީ އަނދަވަޅުތަކެވެ. މިލަ ހަނދުވަރުގެ އަލީން އޭނާ ވެއްޓޭން އޮތް ވަޅުގަނޑުގެ ފުންމިން އެނގޭވަރެއް ނުވެއެވެ.

***

ޒައިނަބް ވިހޭތާ މާގިނަ ދުވަހެއް ނުވެ މަރިޔަމް ކުރިން ހެން ބޭރަށް ދާން ފެށިއެވެ. ޒަނީންގެ ނުރުހުމާއެކު ވެސް ޒައިނަބްގެ އާޔާއަކު ހޯދިއެވެ. ޒަނީން އެއްގޮތަކަށް ވެސް ބޭރަށް ނުދާކަން މަރިޔަމަށް ފާހަގަކުރެވުނެވެ. މަރިޔަމާއެކު ޕާޓީތަކަށް ދަނީ ވެސް މަދު ފަހަރަކުއެވެ. އޭނާގެ ރައްޓެހިންނާއެކު ވެސް ބޭރަކަށް ނުދެއެވެ.

ރައްޓެހީންގެ ދައުވަތު ގަބޫލުނުކޮށް ދައްކާނެ ކޮންމެވެސް ބަހަނާއެއް އަބަދުވެސް އޮވެއެވެ. ޒަނީނަށް އައި ބަދަލު ފާހަގަކުރެވުމުން މަރިޔަމް ބައެއްފަހަރު ކަންބޮޑުވެއެވެ. އެކަމަކު ކުރިއަށްވުރެ ބޮޑަށް އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވާކަން މަރިޔަމަށް ފާހަގަވިއެވެ. ޒަނީން އޭނާގެ ހުރިހާ ހުސްވަގުތެއް ހޭދަކުރަނީ ދަރިފުޅު ޒަައިނަބާ އެކުއެވެ. އާޔާ ހުއްޓަސް ޒައިނަބްގެ ހުރިހާ ކަމެއް ކުރަނީ ޒަނީން އަމިއްލައަށެވެ. އެކަމާ މަރިޔަމް ހުންނަނީ ރުޅި ގަދަވެފައެވެ. ޒަނީންގެ އަމަލުތައް ބަހައްޓާގޮތުން ދަރިފުޅު ރަނގަޅަށް ތަރުބިއްޔަތު ނުކުރެވޭނެތީ މަރިޔަމް ކަންބޮޑުވިއެވެ. އެހެން ބުންޏަސް އޭނާ ދައްކާ ވާހަކައަކަށް ޒަނީން ފަރުވާލެއް ނުބަހައްޓައެވެ. ޒަނީނަށް އައި ބަދަލަކީ ހަމައެކަނި ޒައިނަބް ލިބުމުން އައި ބަދަލެއް ނޫންހެން ބައެއްފަހަރު މަރިޔަމަށް ހީވެއެވެ. އޭގެ އަސްލަކީ ކޮންމެވެސް އެހެން ކަމެއްހެން އޭނާއަށް ހީވެއެވެ. އެކަމަކު އެބަދަލުގެ ހަގީގަތް އަދި ވިސްނައެއް ނުގަނެވެއެވެ. ބައެއްފަހަރު ޒަނީން ދެރަވެފައި ހުންނަތަން ފެނެއެވެ. އަނެއްބައިފަހަރު ކޮންމެވެސް ޚިޔާލަކަށް ގެއްލިފައި އިންނަތަން ފެނެއެވެ. އެކަމާ ސުވާލު ކުރުމުން ޒަނީން އޭނާއަށް ލޯ އަޅައިލައެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދި މިހާރު ޒަނީން ގަވާއިދުން ނަމާދުކުރާކަން ވެސް މަރިޔަމަށް ފާހަގަކުރެވުނެވެ. މިއީ ކުރިން ޒަނީން އުޅުނު ގޮތެއް ނޫނެވެ. މަރިޔަމްގެ ހިތަށް ބިރުވެރިކަން ވަންނާން ފެށިއެވެ. ދީންވެރިވެގެން ގޮސް އޭނާ ހިފަހައްޓަން ޒަނީން ހިފަހައްޓަން މަސައްކަތް ކޮށްފާނެތީއެވެ. އެކަމަކު އޭނާގެ ފަރާތުން އެކަހަލަ ކަމެއްވެސް ފާހަގައެއް ނުކުރެވުނެވެ. އެހެންކަމުން މަރިޔަމް އަނެއްކާވެސް ހަމަޖެހިލިއެވެ.

ޒައިނަބް އުފަންވިތާ ދުވަސްކޮޅެއް ފަހުން، މަންމައަކީ އޭނާގެ އަސްލު މަންމަ ނޫންކަމަށް އެއްދުވަހަކު ޒަނީން ގާތު މަރިޔަމް ބުންޏެވެ. އެކަމާ ވެސް ޒަނީން މާ ގިނަ ވާހަކައެއް ނުދައްކައެވެ. ހައިރާނެއް ވެސް ނުވެއެވެ.

"އަހަންނަށް އެނގޭ." ބުނިހައިވެސް އެއްޗަކީ އެއީ އެވެ.

މިފަހަރު ހައިރާންވީ މަރިޔަމެވެ. "ކިހިނެއް އެނގުނީ؟ އެ ވާހަކަ ބުނީ ކާކު؟ މަންމަތަ؟"

"އާނ."

"ކޮން އިރަކު؟"

އެ ސުވާލަކަށް ޒަނީން ޖަވާބެއް ނުދެއެވެ. އޭނާ އިނީ ޒައިނަބް ނިންދަވާށެވެ. އިރުކޮޅަކުން ދަރިފުޅު އެނދުގައި ބާއްވާފައި އޭނާ ކޮޓަރިން ނުކުތެވެ.

ޒަނީންގެ ފަރާތުން މަރިޔަމަށް ފާހަގަކުރެވުނު އަނެއް ބަދަލަކީ، މިހާރަކަށް އައިސް އޭނާ އެއްގޮތަކަށްވެސް މަންމަގެ ވާހަކަ ނުދައްކާ ކަމެވެ. މަރިޔަމް މަންމަގެ ވާހަކައެއް ފެށިއަސް ޒަނީން އަވަހަށް މައުޟޫއު ބަދަލުކޮށްލައެވެ. އެކަހަލަ ވަގުތު ތަކުގައި ޒަނީން ބޮޑު ފިކުރެއްގައި އިންނަހެން މަރިޔަމަށް ހީވެއެވެ. އެކަމަކު އެ މަރުހަލާ ދެމިގެން ދިޔައީ ހައެއްކަ މަސް ދުވަހަށެވެ. ޒައިނަބް އުފަންވި ފަހުން ޒަނީންގެ އުޅުން ބަދަލުވިއެވެ. ހުންނަނީ ވަރަށް އުފަލުންނެވެ. އޭނާގެ ފަރާތުން ފާހަގަކުރެވުނު ހަމައެކަނި ބަދަލަކީ މަންމަ ގާތަށް ދާން ދެކޮޅު ހެދުމެވެ. އެގެއަށް ދާ ވާހަކަ މަރިޔަމް ބުނާ އިރަށް އޭނާ ކޮންމެވެސް ބަހަނާއެއް ދައްކައެވެ. އީދު ދުވަސް ފަދަ ޚާއްސަ މުނާސަބަތު ފާހަގަކުރާ ދުވަސްދުވަހުވެސް އެގެއަށް ދާން އޭނާ ބޭނުމެއް ނުވެއެވެ. މަރިޔަމަށް އެގޮތް މާ ރަނގަޅެެވެ. މަންމަގެ ފަލްސަފާ އާއި ދުރުގައި ޒަނީން އުޅޭން ފެށުމުން މަރިޔަމް އުފާވިއެވެ. މަންމަގެ މުސްކުޅި ފަލްސަފާގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ނުރަނގަޅު އަސަރު ފޯރިއެވެ.

ކާވެނީގެ ފުރަތަމަ ތިން އަހަރަކީ މަރިޔަމްގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. ބޭނުންވާ ހުރިހާ ކަމެއް ގޭތެރެއިން ހަމަޖައްސާލެވުމުން އާޓިސްޓެއްގެ ގޮތުގައި އޭނާ ކުރިއަރައި ދިޔައެވެ. އޭނާގެ މަޝްހޫރުކަން ގައުމުން ބޭރަށް ފެތުރެން ފެށިއެވެ. މަރިޔަމް އެ އައީ ނިއުޔޯކުގައި އޮތް މައުރަޒެއް ނިންމާލާފައެވެ. މަޝްހޫރު 'ޓައިމް' މަޖައްލާ އިން އެ މައުރަޒު ކަވަރު ކުރިއެވެ. މިހާރު އޭނާ ތައްޔާރުވަމުން ދަނީ ލަންޑަންގައި ބާއްވާ މައުރަޒަކަށެވެ. އެއީ ކާވެނީގެ ތިން އަހަރުތެރޭގައި އިންޒާރަކާ ނުލައި އޭނާގެ ހަޔާތަށް ބޯވިލާގަނޑެއް ފެންމަތިވި ފުރަތަމަ ފަހަރެވެ.

***

އެތައް ދުވަހަކަށް ފަހު އެރޭ ޒަނީން މަރިޔަމްގެ ސްޓޫޑިއޯއަށް ވަނެވެ. މަރިޔަމް އެހާ ޝައުގުވެރިކަމާއެކު ދާން އުޅޭ މައުރަޒުގައި ބައިވެރިކުރާ ކުރެހުންތައް ބަލައިލުމުގެ ނިޔަތުގައެވެ. ސްޓޫޑިއޯއަށް ވަދެފައި ޒަނީނަށް ލިބުނީ ބޮޑު ސިހުމެކެވެ. ކޮންމެ ކުރެހުމެއް އެހައި ފުރިހަމައެވެ. ކޮންމެ ކެންވާސް އަކުން ފެންނަނީ އޮރިޔާމުން ހުރި އިންސާނެކެވެ. ޒަނީނަށް އެ ކުރެހުންތައް ވީ އޮރިޔާން ފޮޓޯ ތަކަކަށެވެ. ބޮލަށް އެނބުރުން އަރައިގެން އޭނާ ކޮޓަރިން ނުކުތެވެ.

މަރިޔަމް ގެއަށް އައީ އެރޭ އެގާރަގަޑި ބައިވީ ފަހުންނެވެ. އޭނާ އައިއިރު ކޮފީ ބޯން ސޯފާގައި ޒަނީން އިނެވެ. ގެންގުޅޭ މީހާއަށް ގޮވައި ކޮފީ ތަށްޓެއް ގެންނާން ބުނެފައި އޭނާ ޒަނީން ގާތު އިށީނެވެ.

"ޒައިނަބް ނިދީތަ؟" އޭނާ އެހިއެވެ.

"އާނ."

މަރިޔަމް އޭނާގެ ގަހަނާތައް ނަގަން ފެށިއެވެ. ކޮފީ ތަށި ދީފައި ގެންގުޅޭ މީހާ ހިނގައްޖެއެވެ.

"މަރިޔަމް، އަހަރެން މިއަދު ސްޓޫޑިއޯއަށް ވަދެލިން." އޭނާގެ އަޑުގައި ހުރި ހަރުކަށިކަން މަރިޔަމަކަށް ފާހަގައެއް ނުކުރެވެއެވެ.

"އަހަރެން އެންމެ ފަހުން ކުރެހި އެއްޗެހި ދުށިންތަ؟" މަރިޔަމް ހުރީ ވަރަށް އުފަލުންނެވެ.

"އެއީ އާޓެއް ނޫން، އެއީ ޕޯނޯގްރެފީ. އޮރިޔާން."

"ޒަނީން!" މަރިޔަމް ދިޔައީ ސިއްސައިގެންނެވެ.

"އެ އަވަގުރާނަ މައުރަޒުގައި ބަހައްޓާންތަ ތިއުޅެނީ؟"

"އެއީ އަވަގުރާނައެއް ނޫން. އެއީ އާޓު. ހުނަރު." މަރިޔަމްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވެއެވެ.

"އޮރިޔާން ކުރެހުން؟"

"އޭގެ އަގެއް ނުވެއްޓޭ އެހެންވިޔަސް."

"އޭގެ މުޑުދާރުކަން މަރިޔަމްގެ ޚިޔާލަށް ގެނެވޭތަ؟"

"އެއީ އެމީހަކު ދެކޭ ގޮތް. ކުރެހުން ތަކަކުން މުޑުދާރު ކަމެއް ނުފެނޭ. އާޓަކީ އާޓު. އާޓަކު މުޑުދާރު ކަމެއް ނުހުންނާނެ. އަވަގުރާނައެއް ނުހުންނާނެ. ތީވެސް އާޓިސްޓެއްނު. މުޑުދާރު އެއްޗެއްގެ ގޮތުގައި އާޓު ފެންނަނީ ކީއްވެ؟"

ޒަނީން ހިތާމަވެރި ގޮތަކަށް މަރިޔަމާ ދިމާއަށް ބަލައިލިއެވެ. 'ކުރިން ކޮންކަހަލަ އާޓިސްޓެއްތީ، މިހާރު ބަލާބަލަ އައިސްފައި ހުރި ބަދަލު..."

"އަހަންނަށް މަޝްހޫރުކަން ލިބުނީ މި އާޓުން. އަހަރެންގެ ނަން މީހުންނަށް އެނގެން ފެށީ މިކަހަލަ ކުރެހުންތަކުން. ވިކޭ އެއްޗަކީ ވެސް މިއީ. މީގެ އެންމެ ކުޑަ ކުރެހުންވެސް ކުޑަވެގެން ފަންސާސް ހާސް ރުފިޔާއަށް ވިކޭނެ. ކުރިން އަހަރެން ކުރެހި ކުރެހުންތަކަށް ލިބޭ އަގު ޒަނީނަށް ރަނގަޅަށް އެނގޭނެ. ޒަނީން ތިބުނާ ކަހަލަ ކުރެހުންތައް ބަލަން މީހުން އާދޭ. ގަންނާނެ މީހަކު ނުވޭ. ގަންނަ އިރުވެސް ގަންނަނީ ކުޑަކުޑަ އަގަކަށް."

"ހަނދާން ހުންނާނެ ކުރިން އަހަރެން ކުރެހުންތައް ވިއްކި އަގު. އެންމެ ދެ ހާސް ރުފިޔާއަށް! ދެ ހާސް ރުފިޔާއިން މީހަކު ކުރާނީ ކީއް؟ ކެންވާސްެއެއް ވެސް ނުގަނެވޭނެ. ކުލައާއި ފިހި ވެސް ވެސް ނުގަނެވޭނެ. އާޓިސްޓުންނަށް ލިބެނީ ކޯޗެއް؟ މިހާރު އަހަރެން މި ކުރަހަނީ މީހުން ބޭނުންވާ ކަހަލަ ކުރެހުންތައް. އެމީހުންގެ ގޭގެ ފާރުގައި ހުންނަނީ އެ ކުރެހުންތައް. ބޮޑު އަގުދީފައި މީހުން ގަންނަނީ މިކަހަލަ ކުރެހުން. ބުނި އަގެއް ދޭ!"

"މަރިޔަމްގެ ކުރެހުންތައް ވިއްކަނީ ކީއްކުރަން؟ ތި ކުރެހުންތައް ވިއްކާނެ ކަމެއް ނެތް. ކުރިން ކުރެހި ކުރެހުންތަކުން މަރިޔަމްގެ ހުނަރު ފެނޭ. ކުރަހާ. ކުރެހުންތަކުގެ އަގު ޖަހާފައި މައުރަޒު ބާއްވާ. ގަންނަން ބޭނުމިއްޔާ ހަމަ އަގުގައި ގަންނާނެ މީހުންވާނެ. ގަންނާން ބޭނުން ނުވާ މީހުންނަށް ނުވިއްކާ. މަސައްކަތް ކުރަންވާނީ އަމިއްލަ ހިތް ހަމަޖެހުމަށް."

"އޭރުން ކޮން މޮޅެއްތަ ވަނީ؟ އަހަންނަށް މަޝްހޫރުކަން ލިބޭނެތަ؟ މީހުންނަށް އަހަރެން އެނގޭނީ ކިހިނެއް؟ އަހަރެން ބޭނުންވަނީ މުއްސަނދި ގަދަރުވެރިންގެ ތެރޭގައި މަގުބޫލު ކުރެހުންތެރިއަކަށް ވާން."

"މީހުންނަށް މަރިޔަމް އެނގޭނީ އޮރިޔާން ފޮޓޯ ކުރަހާ މީހެއްގެ ގޮތުގައި!"

"ޒަނީން. ދުނިޔެއަށް މަޝްހޫރުވާނީ އަހަރެންގެ މުސްކުޅި ސްޓައިލް ބަދަލުކުރުމުން. އެއީ އަހަރެން މި ކުރި ކަމަކީ. ސްޓައިލް ބަދަލުކުރީ. ބައިނަލްއަގުވާމީ ދުނިޔޭގައި މިހާރު އަހަރެންގެ މަސައްކަތް ފާހަގަ ކުރޭ. އެއީ މިކަހަލަ ކުރެހުންތަކުން."

"ތިހެން މަސައްކަތް ކުރާ ނަމަ މީހާގެ އަމިއްލަ ސްޓައިލް ގެއްލޭނެ. ސްޓައިލް ގެއްލުނީމާ ދެން ތިބުނާ މޮޅެއް ނުލިބޭނެ."

މަރިޔަމް ރުޅި އައިސްގެން ހަޅޭއް ލަވައިގަތެވެ. "ތީ ޒަނީނެއް ނޫން. ތީ ޒަނީންގެ އަމިއްލަ ޚިޔާލެއް ނޫން. ތީ މަންމަގެ ކަންތައް. ޒަނީނަކީ ތިހާ ބޯދާ ޚިޔާލުގެ މީހެއް ނޫން. މިއީ އަހަރެން ބިރު ގަތް ކަމަކީ. މިއަދު އަހަރެންގެ ކުރެހުންތަކާ ދެކޮޅު ތިހަދަނީ. މާދަމާ އަހަންނަށް ކުރެހުނަ ވެސް ނުދޭނެ. އަހަރެންގެ މަސައްކަތް ހުއްޓުވާނެ. އެއަށްފަހު ގެއިން ބޭރަށް ދިޔުން މަނާކުރާނެ... ކަމަކަށް ފަހު ކަމެއް މަޖުބޫރުކުރާނެ. އެއް ކަމެއް ހަނދާނުގައި ބަހައްޓާތި، އަހަންނަކީ މަރިޔަމް، މަންމަ އެއް ނޫން. އަހަރެން ޒަނީނާ އިނީއަކީ ޒަނީން އަހަރެންގެ..."

ޒަނީން އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަރެން މަރިޔަމަށް އެއްވެސް ކަމެއް މަނައެއް ނުކުރަން. މަރިޔަމަށް ވިސްނައިދޭން މިއުޅެނީ. ދުވަހަކުވެސް މަރިޔަމަށް އެއްވެސް ކަމެއް މަނައެއް ނުކުރާނަން. ބޭނުން ގޮތަކަށް އުޅުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ." ޒަނީން ތެދުވެގެން ހިނގައްޖެއެވެ.

***

"ޒަނީން އޮފީހަކު ނޫޅޭ." ސެކެޓްރީ އޭނާ ގާތު ބުންޏެވެ.

"ކޮންތާކަށް ދިޔައީ؟" މަރިޔަމް އެހިއެވެ.

"ކާން."

"ކާން ދިޔަތަނެއް އެނގޭތަ؟"

"ނޭނގޭ."

ފޯނު ބާއްވާފައި މަރިޔަމް ޒަނީންގެ މޯބައިލް އަށް ގުޅިއެވެ. އޭނާ ވަގުތުން ފޯނަށް ޖަވާބު ދިނެވެ.

"ޒަނީން، ކޮންތާކު؟ އަހަރެން ހީކުރީ މެންދުރު ކާން ދާނީ ދެމީހުން އެކުގައި ކަމަށް." ޒަނީން ފޯނު ނެގުމާއެކު މަރިޔަމް ބުންޏެވެ.

"އަހަރެން މިކެއީ، ހަމަ ދެންމެ." ޒަނީން އެހެން ބުނުމުން މަރިޔަމް މާޔޫސްވިއެވެ.

"މާދަމާ މެންދުރު ކާން ދަމާ؟" މަރިޔަމް ބުންޏެވެ.

"އެހެން ނޭނގޭ ބުނާކަށް. އެ ގަޑިއަކީ އަހަރެން އެކި މީހުންނާ ބައްދަލުކުރާ ގަޑި، އަހަރެން ބޭނުންވަނީ އެ ގަޑި ހުސްކޮށް ބާއްވަން."

މަރިޔަމް ސަމާލުވިއެވެ. "ކާންދަނީ ކޮންތާކަށް؟"

ކުޑަކޮށް މަޑުޖެހިލާފައި ޒަނީން ޖަވާބު ދިނެވެ. "ވަކި ޚާއްސަ ތަނެއް ނެތް. އޭރަކު ހިތަށް އެރި ތަނަކަށް. ކޮންމެ ފަހަރަކުވެސް ކޮންމެވެސް ތަފާތު ރެސްޓޯރެންޓަކަށް." މަރިޔަމް އެއްޗެކޭ ބުނުމުގެ ކުރިން އޭނާ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

"މިހާރު މިއުޅެނީ ކުޑަ ކަމެއްގައި. ފަހުން ގުޅާނަން. ސަލާމް." ޒަނީން ފޯނު ބޭއްވިއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.