(21 ޑިސެންބަރު 2019ގައި ޝާއިއުކުރި ބަޔާގުޅޭ)
ކެތަރިން ހައިރާންވެފައި އޭނާއަށް ބަލައިލިއެވެ. ގޮނޑިއަށް ލެނގިލާފައި ލޯ މަރައިލިއެވެ. މިއީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ؟ މޫނަށް ކުޅު ޖެހީމާ އެކަމާ ހިތްހަމަނުޖެހިފައި ހުރިނަމަ، އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ކީއްކުރަންހެއްޔެވެ؟ އެހާ ޔަގީންކަމާއެކު އަލުން ބައްދަލުވާނެކަން އޭނާއަށް އެނގެނީ ކިހިނެއްހެއްޔެވެ؟ އޭނާއަށް އެ އަންހެން ކުއްޖާއާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގެއެވެ. ނަމެއް އެޑްރެހެއް ނޭނގެއެވެ. ޓެކްސީ ޑްރައިވަރަށް އެ އަންހެން ކުއްޖާ ދިނީ ނުބައި އެޑްރެހެކެވެ. އެކަމަކު އެހައި އޯގާތެރިކަމާއެކު އެ ފިރިހެން މީހާ އޭނާއާ މެދު އަމަލުކުރީ ކީއްވެގެން ކަމެއްވެ ނޭނގެއެވެ. އެކަމަކު އެއްކަމެއް ޔަގީނެވެ. ދުވަހަކުވެސް އެމީހާއާ ބައްދަލުކުރާން ބޭނުން ނޫންކަމެވެ.
ލިބުނު އަނިޔާއަށް ފަހު އަރާމުކުރުމަށް ޖެހިގެން އައި ހަފްތާގައި ކެތަރިން ގޭގައި މަޑުކުރިއެވެ. އެއަށްފަހު އަލުން މަސައްކަތަށް ނުކުތެވެ. މިދުވަސްކޮޅު އަބަދުހެން ކުރެވެނީ އެ ފިރިހެންމީހާ ޚިޔާލެވެ. އެދުވަހު މަސައްކަތުން ނިމިގެން އެއްކަލަ ޕާކާ ދިމާއަށް މިސްރާބު ޖެހިއެވެ. ޕާކުތެރެއަށް ވަދެ ބަލައިލިއިރު މާގިނަ ބަޔަކު ފެންނާކަށް ނެތެވެ. ތަންކޮޅެއް ދުރުގައި ކްރިކެޓު ކުޅެން ބަޔަކު ތިއްބެވެ. ސިޑިބަރީގައި އެކަކުވެސް ނެތެވެ. ކޮފީތަށި ހިފައިގެން ގޮސް ކްރިކެޓު ކުޅޭތަން ބަލަން އޭނާ އިށީނެވެ. ގޭމަށް ގެއްލިފައި އިންވަރުން ކުރިމަތީގައި ހުއްޓިލައިގެން މީހަކު ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ.
(ފަސްވަނަ ބާބު)
ކުރީގައި އޮތް އަނދިރިކަމެއް މިހާރަކު ނެތެވެ. ތަނަށް ފެތުރިފައިވާ ފަނޑުއަލިން އެތަނުގައި އޮތީ ކިލަނބުކަމުގެ އަސަރެވެ. ހޫނާއި އަނދިރީގެ ސަބަބުން ވެފައިހުރި ހާސްކަން ފިލައި ކޮންމެވެސް ވަރަކަށް ނޭވާ ހަމައަކަށް އެޅުނެވެ. އެ ފަނޑު އަލީގެ ތެރެއިން ފައިތިލަ ޖައްސައިގެން ހުރި ހަރުފަތަށް އޭނާ ބަލައިލިއެވެ. ހުރެވުނީ ސިޑީގެ އެންމެ މަތީ ހަރުފަތުގައެވެ.
***
ޒަނީނަކީ ކަރާޗީގައި ހުންނަ އިންޑަސް ވެލީ ސްކޫލް އޮފް އާޓްސް އެނޑް އާކިޓެކްޗަރ ގެ ދަސްވެންޏެކެވެ. އޭނާގެ ބައްޕަ ދެކާވެނި ކުރިއެވެ. އޭނާގެ ފުރަތަމަ އަތްނބަކީ އިނގިރޭސިއެކެވެ. އެމީހާއާ ދިމާވީ ގައުމުން ބޭރުގައި އުޅުނު ދުވަސްވަރުއެވެ. ދެވަނަ އަނބި، ނުޒްހަތަކީ އޭނާގެ އެކުވެރިއެއްގެ ދައްތައެވެ. ޒަނީނަކީ އިނގިރޭސި އަންހެންމީހާއަށް ލިބުނު ދަރިއެކެވެ. ހައަހަރު ވަންދެން އިނދެގެން އުޅުނު މީހާ ވަރިކޮށްފައި ބައްޕަ އެނބުރި ޕާކިސްތާނަށް އައިއިރު ޒަނީނަކީ ކުޑަކުއްޖެކެވެ. ޒަނީން އެންމެ ތުއްތުއިރު އުޅުނީ ކާފަގެ ގޭގައެވެ. ގިނަދުވަސްތައް ހޭދަކުރީ ބޯޑިންގ ސްކޫލުގައެވެ. ގެއަށް އަންނަނީ ޗުއްޓީ ދުވަސްވަރު އެކަންޏެވެ.
އެހެން ދޮންމަންމައިންނާ ނުޒްހަތު ތަފާތެވެ. އޭނާގެ ހިތުގައި ޒަނީނާ މެދު ނަފްރަތެއް ނެތެވެ. އެއީ ފިރިމީހާގެ އޯގާތެރިކަމުންނެވެ. ޒަނީން ބެލުމުގެ ޒިއްމާ އުފުލަން ނުޖެހޭތީވެސްމެއެވެ. ޒަނީން ގެއަށް އަންނަނީ ހަމައެކަނި ސްކޫލު ބަންދުގައެވެ. އެހެން ނޫނަސް ޒަނީނަކީ ގެންގުޅެން އެހާ އުނދަގޫ ކުއްޖެއްވެސް ނޫނެވެ. އޭނާއަކީ ބަސްމަދު މަޑުމައިތިރި ކުއްޖެކެވެ. ދޮންމަަންމައަށް އޭނާގެ ފަރާތުން ދުވަހަކު އުނދަގުލެއް ނުވެއެވެ. ކޮއްކޮމެން ދެކެވެސް ނުލާހިކު ލޯބިވެއެވެ. ވާރުތަ މުދަލުގެ ބިރެއްވެސް ނުޒްހަތުގެ ނެތެވެ. އޭނާގެ ފިރިމީހާ ވަނީ މާކުރިން ހުރިހާ ކުދީންނަށް އެކުދީންނަށް ހައްގު މިންވަރު ހިބައިން ދީފައެވެ.
ސްކޫލު ނިންމާފައި ޒަނީން ވަނީ އެންސީއޭ އަށެވެ. އޭނާގެ ބައްޕަ ބޭނުންވީ ވިޔަފާރީގެ ދާއިރާއަށް ދަރިފުޅު ވައްދާށެވެ. ނަމަވެސް އާޓްސްގެ ދާއިރާއަށް ދަރިފުުޅު ޝައުގުވެރިކަން ފާޅުކުރުމުން އެކަމާ ދެކޮޅެއް ނަހަދައެވެ. ސްކޫލުގައި އުޅެމުން ޒަނީން ބައްޕަގެ ޓެކްސްޓައިލް ފެކްޓަރީއެއް ހިންގުމާ ހަވާލުވިއެވެ. އެންސީއޭއިން ވަކިވެ އިންޑަސް ވެލީއިން ޓެކްސްޓައިލް ޑިޒައިންގެ ދާއިރާއިން ދަސްވެނިވީ ފެކްޓަރީގައި މަސައްކަތްކޮށް ޓެކްސްޓައިލް ޑިޒައިންތަކަށް ޝައުގުވެރިކަން އުފެދުމުންނެވެ. ދަސްވެނިވުމުން އޭނާގެ ނަންމައްޗަށް ބައްޕަ އެ ފެކްޓަރީ ރަޖިސްޓަރީކޮށްދިނެވެ. އޭގެ އިތުރުން ދެ ގޯއްޗާއި ދަނޑުވެރިކަން ކުރާނެ ބިމެއްވެސް ދިނެވެ. އޭނާ ކިޔަވައި ނުނިމެނީސް އެތަނުން ބިމެއްގައި އޭނާއަށް ގެއެއްވެސް އަޅައިދިނެވެ.
ލާހޯރަށް އެނބުރި އައިސް ޒަނީން އެގެއަށް ބަދަލުވިއެވެ. މީހަކާ އިނދެގެން ގެއަށް ބަދަލުވާން ބައްޕައާއި ނުޒްހަތު ލަފާދިނެވެ. ނަމަވެސް އޭނާ ޚިޔާރުކުރީ އެކަނި އުޅޭށެވެ. އަދި ކާވެނިކުރުވަން ބައްޕަ މަސައްކަތް ކުރުމުން އެކަމަށް އިންކާރުކުރިއެވެ. މިފަހަކަށް އައިސް ސޯފިއާއަށް ހިތް ލެނބެންވެސް ފެށިއެވެ. ނަަމަވެސް ވިޔަފާރި ފުޅާކުރުމަކީ އޭނާގެ އެންމެ މުހިއްމު ލަނޑުދަނޑިއަށް ހެދިއެވެ. އޭނާ ދުށްގޮތުގައި ކާވެނިކޮށްފިނަމަ އެ ލަނޑުދަނޑިއަށް ވާސިލެއްނުވެވޭނެއެވެ.
ސޯފިއާއަކީ ނުޒްހަތުގެ ދައްތަގެ ދަރިފުޅެވެ. ޒަނީނާ ސޯފިއާއާ ބައްދަލުވަނީ ޕާޓީތަކާއި ޝޫޓިންތަކުގެ ތެރެއިންނެވެ. އެކަމަކު އެކުވެރިކަން އުފެދުނީ ފެޝަން މެގަޒިންއަކަށް ދެމީހުން އެކުގައި ޝޫޓުކުރި ފަހުންނެވެ. ފެޝަންގެ ދުނިޔޭގައި ސޯފިއާއަކީ ޒަނީނަށްވުރެ ހިނގާ ނަމެކެވެ. ޒަނީން މޮޑެލްކުރަނީ ލިބޭ ހުސްވަގުތުގައެވެ. އޭނާ ފުރަތަމަ މޮޑެލްކުރީ އިންޑަސް ވެލީގައި އުޅުނު އޭނާގެ ރައްޓެއްސެއްގެ ބޭބެގެ އެޖެންސީއަށެވެ. އެ މަސައްކަތުގައި ވެސް އޭނާ އެހާ ކާމިޔާބެވެ. ފުރަތަމަ އިޝްތިހާރަށް ފަހު ފުރުސަތު އޮހެން ފެށިއެވެ. އޭގެ ފަހުން މަޝްހޫރު މަޖައްލާތަކަށް މޮޑެލްކުރިއެވެ. ނަަމަވެސް އެއީ ގިނަ ވަގުތު ހޭދަވާ ކަމަކަށްވެފައި މުސްތަގްބަލުގައި މާ ބޮޑު މަންފާއެއް ލިބޭނެކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ. އެހެންކަމުން ލިބޭ ހުށަހެޅުންތައް ދޫކޮށްލައި މޮޑެލްކުރުން ހުއްޓައިލިއެވެ. ރީތި ހަށިގަނޑެއް ލިބިފައިވުމުގެ އިތުރުން ސޯފިއާއަކީ އަޚްލާގު ރަނގަޅު ކުއްޖެއްވެސްމެއެވެ. ހަޔާތުގެ ބައިވެރިއެއްގެ ކިބައިގައި ހުންނާން އޭނާ އެދޭ ހުރިހާ ސިފައެއް ސޯފިއާގެ ކިބައިގައި ހުއްޓެވެ. ސޯފިއާވެސް ޒަނީނާ ގަޔާވެއެވެ.
ސޯފިއާ އާ ކާވެނިކުރުމަށް ބައްޕައާ ނުޒްހަތު އެދުމުން ޒަނީން އެކަމަށް އިންކާރެއް ނުކުރެއެވެ. އެކަމަކު ކާވެނިކުރަން މާ އަވަސްކަމަށް ބުންޏެވެ. ޒަނީންގެ ޖެވާބު ނުޒްހަތު އޭނާގެ ދައްތައާ ހިއްސާކުރިއެވެ. އަދި އެދުވަހަކަށް އިންތިޒާރުކުރަން ފެށިއެވެ.
***
ކުރެހުން ނިންމުމަށް އަވަދި ނެތި އުޅެނިކޮށް ޕްރޮފެސަރ ޢައްބާސްގެ އޮފީހަށް ދާން އޭނާއަށް އެންގިއެވެ.
ދިހަ މިނެޓް ފަހުން އޭނާ ޕްރޮފެސަރުގެ އޮފީހަށް ދިޔައެވެ. ޕްރޮފެސަރ ޢައްބާސްއާ ވާހަކަ ދައްކަން ޒަނީން އިންތަން ފެނިފައި އޭނާ ސިހުނެވެ.
"އާދޭ، މަރިޔަމް." ޕްރޮފެސަރ ޢައްބާސް ބުންޏެވެ. "މީ ޒަނީން އަވާބް."
އޭނާ ޒަނީނާ ދިމާއަށް އެނބުރިލިއެވެ. "ޒަނީން، މިއީ މަރިޔަމް. މަރިޔަމަކީ ޓެކްސްޓައިލް ޑިޒައިން ކިޔަވާ ކުއްޖެއް ނޫން. އެކަމަކު އަހަންނަށް ޔަގީންކަން އެބައޮތް ޒަނީން ބޭނުންވާ ކަހަލަ ޑިޒައިންތައް ތައްޔާރުކުރުމަށް އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަން. މަރިޔަމްގެ މަސައްކަތް ވަރަށް ފުރިހަމަވާނެ، އޭނާގެ ފަރުމާތައް ޒަނީނަށް ކަމުދާނެ ކަމާމެދު އަހަރެން ޝައްކެއް ނުކުރަން."
"މަރިޔަމް، ޒަނީނަކީ އިންޑަސް ވެލީގެ ދަސްވެންޏެއް. މިހާރު ފޮތި ފެކްޓަރީއެއް ހިންގާ މީހެއް. ބޭރަށް ފޮތި އެކްސްޕޯޓު ކުރުމުގެ އިތުރުން މައުރަޒާއި ފެޝަން ޝޯތައް ބާއްވާ މީހެއް. ތަފާތު ކުލަތައް ބޭނުންކޮށްގެން އާ ފަރުމާތައް ތައްޔާރުކުރުމާ ގުޅޭ ގޮތުން ޚިޔާލު ތަނަވަސް މީހެއް. އެ ޚިޔާލު ބޭނުންކޮށްގެން ޓެކްސްޓައިލް އިންޑަސްޓްރީއަށް އިންގިލާބެއް ގެންނަާން އޭނާ ބޭނުންވޭ. އޭނާއާ ވާހަކަ ދައްކާލަންވީނު." ޕްރޮފެސަރ ޢައްބާސްގެ ތައާރަފް ނިންމައިލިއެވެ.
ހާސްވެފައި ހުރެ މަރިޔަމް ޒަނީން ކުރިމަތީގައި އިށީނެވެ. ޒަނީނާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމުން އޭނާ އިނީ ވަރަށް އުފަލުންނެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އާދައިގެ މަތިން ހާލުއަހުވާލު އެހުމަށްފަހު ޒަނީން މައުޟޫއަށް ދިޔައެވެ. އޭނާގެ މަސައްކަތުގެ ތަފްސީލު މަރިޔަމަށް ދޭން ފެށިއެވެ. އޭނާ އޮޅުންފިލުވައިދެމުން ދިޔައިރު އެ ޚިޔާލުތައް ކަރުދާހަށް ގެނެސް ބައްޓަން ކުރާނެ ގޮތް މަރިޔަމަށް ވަރަށް ރަނގަޅަށް ސިފަވަމުން ދިޔައެވެ. ބައިގަޑިއެއްހައި އިރު ވާހަކަ ދެއްކުމަށްފަހު ޒަނީން އެހިއެވެ. "އިތުރު މަޝްވަރާއަށް އަހަރެންގެ އޮފީހުން ބައްދަލުކުރެވިދާނެތަ؟ މަސައްކަތް ކުރަން ބޭނުންކުރާނެ ބައެއް ފޮތިތައް ދައްކާލަން ބޭނުން."
މަރިޔަމް ޖަވާބެއް ނުދެއެވެ. ހިތްހަމަނުޖެހިފައި ހުރެ ޒަނީން ސުވާލު ތަކުރާރު ކުރިއެވެ. މަރިޔަމް ޖަވާބެއް ނުދިނެވެ.
"ސުވާލެއް އޮތިއްޔާ...؟"
"މަސައްކަތުގެ އަގަކަށް ދޭން ގަސްތުކުރަނީ ކިހާވަރެއް ދޭން؟"
"އަގޭ؟" ޒަނީން ހައިރާންވިއެވެ. "މަސައްކަތް ނުފެންނަނީސް އަގެއް ނުބުނެވޭނެ. އަހަރެން ބޭނުންވާ ގޮތަށް މަސައްކަތް ކޮށްދީފިނަމަ، ބޭނުން އަގެއް ދޭނަން." ޒަނީންގެ އަޑުގައި ހުރީ ނުރުހުމުގެ އަސަރެވެ.
"އެންމެ ރަނގަޅު، އޮފީހަށް ދާނަން." މަރިޔަމް އަނެއްކާވެސް ހާސްވާންފެށިއެވެ.
ޒަނީން އޭނާގެ ކާޑު މަރިޔަމަށް ދިނެވެ.
"މާދަން ދަންތަ؟"
"ފަސޭހަ އިރަކު އާދޭ."
"ކޮލެޖު ނިންމާފައި ދާނަން."
"އެންމެ ރަނގަޅު." ޒަނީން ފަރުވާ ކުޑަގޮތަކަށް ޖަވާބު ދިނެވެ.
މަރިޔަމްގެ މޫނުމަތިން ޝައުގެވެރިކަން ފާޅުނުވިޔަސް އޭނާ ހުރީ ވަރަށް އުފަލުންނެވެ. ޕްރޮފެސަރ ޢައްބާސް ގެ އޮފީހުން އޭނާ ނުކުތީ މާދަމާގެ ބައްދަލުވުމަށް ދިއުމުގެ އަޒުމުގައެވެ. ޒަނީން ބޭނުންވާ ހުރިހާ ފަރުމާއެއް އޭނާގެ ސިކުނޑީގައި ކުރަހައިގެންނެވެ. އުޅެންޖެހޭ ހާލަތުން މިވަގުތު އޭނާ ފައިސާވެސް ބޭނުމެވެ. ގެއަށް އާދެވުމާއެކު ކުރަހާ ފޮތް ނަގައިގެން އެ ޑިޒައިންތައް ކުރަހަން ފެށިއެވެ. ޒަނީން ބޭނުންވާ ފަރުމާތައް ސިކުނޑީގައި ތާޒާކަންމަތީ ހުއްޓައި ކަރުދާހަށް އެ ފަރުމާތައް ނަކަލުކުރާށެވެ. އާދައިގެ މަތީން މަސައްކަތަށް ގެއްލިފައި އިނުމާއެކު އޭނާ ކާން ދެކޮޅުހެދިއެވެ. ތަކުރާރުކޮށް މަންމަ ބުނުމުން ވެސް މެންދުރުވެސް ރޭގަނޑުވެސް ނުކެއެވެ. ކޮލެޖުން ގެއަށް އައި ގޮތަށް ފަތިސްވަންދެން ކުރަހަން އިނީއެވެ. ދެގަޑިއެއް ހާއިރު ނިދާފައި އޭނާ ކޮލެޖަށް ދިޔައެވެ. ކޮލެޖުގައި ދުވަސް ހޭދަކުރީ ވަރަށް އުފަލުންނެވެ. ޒަނީން ބޭނުންވި ގޮތަށް ހުރިހާ ޑިޒައިނެެއް ނިންމައިލެވުނުކަން އޭނާއަށް ޔަަގީންވާތީއެވެ. ކުލާސް ނިންމާފައި މެންދުރު ޒަނީންގެ އޮފީހަށް އޭނާގެ ފައިލް ހިފައިގެން ހިނގައްޖެއެވެ.
"އެޕޮއިންޓްމެންޓެއް ނުދޭ، މެންދުރުފަހު ކޮންމެ ގަޑިއަކު އަޔަސް އެންމެ ރަނގަޅޭ ބުނެފައި އޮތީ." އޭނާ ރިސެޕްޝަނިސްޓު ގާތު ބުންޏެވެ.
"އަވާބު އޮފީސް ނިންމާފައި ހިނގައްޖެ."
"ހިނގަައްޖެއޭ؟" މަރިޔަމް މާޔޫސްވިއެވެ. "އަހަރެން ބުނިން ދޭއް ޖަހާއިރު އަންނާނަމޭ."
"އިރުކޮޅެއް ކުރިން އޮފީހުން ނުކުތީ."
"ކޮންއިރަކުން އަންނާނީ؟"
"އަންނާނެ އިރެއް ނޭނގޭ، ނުބުނޭ. ބައެއް ދުވަސްދުވަހު އެނބުރި އާދޭ، ނައިސްވެސް ހުރޭ. އަންނާނެ ކަމެއް ނުވަތަ ނޫންކަމެއް ކަނޑައެޅިގެން ބުނާކަށް ނޭނގޭ."
"އަހަރެން އަންނާނެ ވާހަކަ ނުބުނޭތަ؟"
"މަޑުކުރޭ، ބަލައިލާނަން." ރިސެޕްޝަނިސްޓު އޭނާއަށް ހަމްދަރްދީ ވިއެވެ. މަރިޔަމްގެ ހާސްކަން އޭނާއަށް އިހުސާސްކުރެވުނެވެ. ޒަނީންގެ އެޕޮއިންޓްމެންޓެެއް ނެތްކަންވެސް އޭނާއަށް އެނގެއެވެ. އެކަމަކު މަރިޔަމް ހިތް ހަމަޖައްސައިދޭން އެޕޮއިިންޓްމެންޓު ފޮތުގެ ގަނޑު އުކަމުން ދިޔައެވެ .
"ހެނދުނު އެންސީއޭގެ ދެކުއްޖަކު އައި." ގަނޑުއުކަމުން އޭނާ ބުނެލިއެވެ. "އެކުދީންގެ ވާހަކަ ކުރިން ބުނެފައި އޮތީ. މެންދުރުފަހު އެޕޮއިންޓްމެންޓެއް އޮތް ވާހަކައެއް ނުބުނޭ. އިށީންނަންވީނުން. ގުޅާފަ ބަލައިލާނަން. ހަނދާން ނެތުނީކަމަށްވެސް ވެދާނެ."
މަރިޔަމް މަޑުމަޑުން ގޮސް ސޯފާގައި އިށީނެވެ. އޭނާ އިނީ މާޔޫސްވެފައެވެ. ފެކްޓަރީ ހުންނަނީ ކޮލެޖާއި ނުލާހިކު ދުރުގައެވެ. މި ދަތުރު ބޭކާރުކުރާކަށް ބޭނުމެއް ނުވެއެވެ.
"ފޯނުއޮތީ ނިއްވާލާފައި." ރިސެޕްޝަނިސްޓު ބުނެލިއެވެ.
"އަހަރެން ކިހިނެއް ހަދަންވީ؟" މަރިޔަމް އެހިއެވެ.
"އިރުކޮޅަކަށް މަޑުކޮށްލަންވީނު. ފަހަރެއްގައި އަތުވެދާނެ. މިއީ ވަރަށް ބިޒީ ދުވަސްކޮޅެއް. ހީވަނީ ހަމަ ހަނދާން ނެތުނީހެން. ގުޅޭތޯ އެބަބަލަން."
"އާނ، ހަނދާން ނެތުނީ ކަމަށް ވެދާނެ." މަރިޔަމް ބުނެލިއެވެ.
ތިންގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް މަރިޔަމް އިނީ ޒަނީންގެ އިންތިޒާރުގައެވެ. އޭނާއާ ގުޅަން ރިސެޕްޝަނިސްޓުކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. މަރިޔަމް ގެއަށްދާން ތެދުވިތަނާ ރިސެޕްޝަނިސްޓަށް ޒަނީނާ ގުޅުނެވެ. "މިއަދު ޒަނީން ނާންނާނެ އޮފީހަކަށް. މާދަމާ އަންނާށޭ ބުނީ." ފޯނު ބާއްވާފައި އޭނާ ބުންޏެވެ.
"މާދަމާ ކިހާ އިރަކު؟"
"ވަކި ގަޑިއެއް ނުބުނޭ. މިއަދު އައި ގަޑީގައި އަންނަންވީނުން. އެޕޮއިންޓްމެންޓު ފޮތުގައި ނޯޓުކޮށްލާނަން."
"ޝުކުރިއްޔާ." އެގޭގެ އެޑްރެސް ލިބިދާނެތަ؟ ކޮލެޖަށް ދިއުމުގެ ކުރިިން ގެއިން ބައްދަލުކޮށްލަން."
"އާނ." ރިސެޕްޝަނިސްޓު ޒަނީންގެ އެޑްރެސް އޭނާއަށް ލިޔެދިނެވެ. "އޭނާ އޮފީހަށް އަންނާނީ ދިހައެއް ޖަހާއިރު. ގެއިން ބައްދަލުކުރަންޏާ އޭގެ ކުރިން ދާންވާނެ."
***
ޖެހިގެން އައި ދުވަހު ހެނދުނު މަރިޔަމް ޒަނީންގެ ގެއަށް ދާން ނުކުތެވެ. ޒަނީނާ ގެއިން ބައްދަލުކޮށް ޑިޒައިންތައް ދައްކާލެވިއްޖެނަމަ ފެކްޓަރީއަށް ދާންކުރާ ޚަރަދު ސަލާމަތްކުރެވޭނެތީއެވެ. ނުވައެއް ޖެހިއިރު އޭނާ ޒަނީންގެ ގޭގެ ރަނގަބީލު ޖެހިއެވެ. ދޮރު ހުޅުވުމުން ދޮރުވާނަށް ތައާރަފުވިއެވެ.
އޭނާ ދޮރުމަތީގައި ބަހައްޓާފައި ގޮސް ދޮރުވާނު އެތެރެއަށް ވަނެވެ. އޭނާ ވަރަށް އަވަހަށް ނުކުމެގެން އައެވެެ. "ޒަނީން ވަރަށް ރުޅި އަތުވެއްޖެ. އޮފީހުން ބައްދަލުކުރަން ބުނީ. ގެއިން އެއްވެސް މީހަކާ ބައްދަލެއް ނުކުރާނެ."
މަރިޔަމް ލަދުން މަރުނުވީ ކިރިޔާއެވެ. "އޮފީހުން ބައްދަލުކޮށްލާނަން. އެކަމަކު މި ފައިލް ހަވާލުކޮށްދީފާނަންތަ؟" އޭނާގެ އަގު ހިފަހައްޓަން މަސައްކަތް ކުރަމުން މަރިޔަމް ބުންޏެވެ.
ދޮރުވާނު ފައިލް އަތުލުމަށްފަހު ބާރަށް ދޮރު ލެއްޕިއެވެ.
ލަދުން ހުރެ މަރިޔަމް އެގެއިން ނުކުތެވެ. "މިއީ އަހަރެންގެ ކުށް. އަހަރެން މިގެއަށް އައިސްގެން ނުވާނެ. އެވެސް މިހާ ހެނދުނު. އޮފީހުން ބައްދަލުކުރަން ބުނީމާ ގެއަށް އައުން އެއީ އަހަރެންގެ މައްސަލައެއް. މިހާރު އަހަންނާ ދޭތެރޭ ދެކޭނީ ކިހިނެއްބާ؟" މުޅި ދުވަހު މަރިޔަމް ހުރީ ކުރެވުނު ކަންތަކާ މެދު ފިކުރު ކޮށްލަކޮށްލައެވެ. ކުލާސް ނިންމާފައި ފެކްޓަރީއަށް ދާން އޭނާ ނުކުތެވެ.
"ޒަނީން އެބައުޅޭ، މިވަގުތު މީހަކާ ބައްދަލުކުރަނީ." އޭނާ ފެންނައިރަށް ރިސެޕްޝަނިސްޓު ބުނެލިއެވެ.
"އަހަންނަށް އެޕޮއިންޓްމެންޓު ދީފައި އޮތީ މިގަޑިއަށް."
"ވަކި ގަޑިއެއް ހަމައެއް ނުޖައްސާ. މިއަދު އަންނާނެ ވާހަކަ ބުނުމުން އެއަށް ވަކި އެއްޗެއް ނުބުނޭ. މިއަދުވެސް އެންސީއޭ އިން ކުދީން އައި. އެވަގުތުވެސް ހަނދާންކޮށްދިނިން. ބުނިހާވެސް އެއްޗަކީ އެންސީއޭ އިން އަންނަ ކުދިންގެ ނަންބަރު ނޯޓުކުރަން. މަރިޔަމާ ބައްދަލުކުރާ ވާހަކައެއް ނުބުނޭ."
އޭނާއާ މެދު ކަންތައް ވަމުން ދިޔަގޮތާ މެދު މަރިޔަމް ހިތުގައި ޖެހުނެވެ. ޒަނީން އޭނާ ލަދުގަންނަވަނީ ކީއްވެހެއްޔެވެ؟
"އަހަރެން އައިސް އިން ވާހަކަ ބުނެދީފާނަންތަ؟" މަރިޔަމް ބުންޏެވެ.
"މި ވަގުތު އެހެން މީހަކާ ބައްދަލުކުރަނީ."
"ހެޔޮނުވާނެ." މަރިޔަމް އަނެއްކާވެސް ބުންޏެވެ. "މަޑުކުރަންވީ ކިހާއިރަކު ކަމެއް ނޭނގި އިންނާކަށް ބޭނުމެއް ނޫން. އަހަންނާ ބައްދަލުކުރަން އޭނާ ބޭނުން ނުވަންޏާ ހިނގައިދާނަން."
ރިސެޕްޝަނިސްޓު ޒަނީނަށް ގުޅުމަށްފަހު ފޯނު ސްޕީކަރަށް ލިއެވެ.
"މަރިޔަމް އެބައިން ބައްދަލުކޮށްލަން އައިސް." އޭނާ ބުންޏެވެ.
"އަނެއްކާ! ތި ކުއްޖާއާ ހެދި ކިހާ ބޮޑު އުނދަގުލެއް." އޮފީސްތެރޭގައި ޒަނީންގެ އަޑު ގުގުމައިގަތެވެ. "އަހަރެން ކިހިނެއް ހަދަންވީ؟" އޭނާ އޮފީހުގައި އިން އެހެން މީހަކާ މުޚާތަބު ކުރިއެވެ. "އަހަރެން މިބަލަނީ އޭނައާ ބައްދަލުނުކޮށްވޭތޯ. އަހަންނަކަށް ހިއެއްނުވޭ އަހަރެމެން ބޭނުންވާ މަސައްކަތް އޭނައަށް ކުރެވޭނެހެން. އެކަމަކު އޭނައަށް އެވަރު ނޭނގެއެއްނު. މިކުއްޖާގެ ކިބައިން ސަލާމަތްވާނީ ކިހިނެއް؟"
(ނުނިމޭ)
V. Furihama..