އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް ހުޅުވައިދޭނީ ބޭރުމަތި އަދި މުލިމަތި

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް ހުޅުވާ މެޗުގައި ބޭރުމައްޗާއި މުލިމަތި ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. މުބަރާތުގެ ފުރަތަމަ މެޗުގައި މިދެޓީމު ކުޅޭގޮތަށް ހަމަޖެހުނީ މުބާރާތުގެ ގުރުތަށްފަހުއެވެ.

މިމުބާރާތުގެ ގުރުއަތުލުން ބާއްވައިފައިވަނީ އީކުއޭޓަރވިލެޖުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކައުންސިލަރ އަލީ ފަހުމީއެވެ. މި މުބާރާތަކީ އައްޑޫ ކުޅުންތެރިންނަށް ޚާއްސަކޮށްގެން، އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ބޭރުމަތި އެފްސީ، މުލިމަތި، ގޯދިއްޔާ، ޒެފިއާ، ފޭދޫ ސްޕޯޓްސް، ކުލަބު ރިވެރިންއެވެ. މުބާރާތް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އޭ ގުރޫޕުގައި ހިމެނެނީ ބޭރުމަތި އެފްސީ، މުލިމަތި އަދި ގޯދިއްޔާއެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޒެފިޔާ އާއި ފޭދޫ ސްޕޯޓްސްއާއި، ކްލަބު ރިވެރިންއެވެ.

މުބާރާތުގެ ސެމީއަށް ދާނީ ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލުގައި ކުޅޭނީ ސެމީން މޮޅުވާ ދެ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 2020 ވަނަ އަހަރު ޖެނުއަރީ 11 ގައެވެ. މި މުބާރާތް ކުރިއަށްދާނީ އައްޑޫ ފުޓުބޯޅާ ސްޓޭޑިއަމުގައެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 26 ގައެވެ. މި މުބާރާތުގެ މެޗުތައް ކުޅޭނީ ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 ގައެވެ.

އައްޑޫ ސިޓީކައުންސިލުން ވިދާޅުވީ މިއީ ޗެމްޕިއަން ޓީމަށް ވިހި ހާސް ރުފިޔާ ލިބޭ މުބާރާތެއް ކަމަށެވެ. މުބާރާތުގެ މަގުސަދަކީ އައްޑޫގައި ފުޓުބޯޅަ އާލާކޮށް ދިރުވުމެވެ. އަދި ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ހުނަރުވެރި ކުޅުންތެރި އުފެއްދުމެވެ.

ކައުންސިލަރ އަލީ ފަހުމީ ވިދާޅުވީ މިފަހަރު އައްޑޫގެ އަވަށްތަކަށް މުބާރާތް ހުޅުވާލިޔަސް މުސްތަގުބަލުގައި ކައިރި އަތޮޅުތަކަށް ވެސް ހުޅުވާލޭނެ ކަމަށެވެ. އަދި އެފަހުން މުޅިރާއްޖެއަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.