މުގާބިލާ - 10

(13 ޑިސެމްބަރ  2019 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"ބުނެފީމެއްނު؟ އަހަރެން ބޭނުން ވަނީ ސުލައިމާނާ ބެހޭ ގޮތުން ވާހަކަ ދައްކަން. މައުލޫމާތު ހޯދަން."

"އެންމެ ފުރަތަމަ އަމިއްލަ ވާހަކަ ދައްކާ. ފަރްޒާނާއާ ބެހޭ މައުލޫމާތު އަހަންނަށް ދީ. އެކަމަކު އެތަނަށް... ދުރަށް ދޭ. އެނދުގައި އިށީނދޭ. ފަރްޒާނާއަކީ ވަރަށް ރީތި ކުއްޖެއް. އަހަރެންގެ އަތަކީ ފާފަވެރި އަތެއް. މަޑަކުން ނޯންނާނެ."

ފަރްޒާނާ އޭނާޔާ ދިމާއަށް ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ. އެކަމަކު އަނގަޔަކުން ނުބުނެއެވެ. މަޑުމަޑުން ތެދުވެގެން ގޮސް އެނދުގައި އިށީނދެއްޖެއެވެ.

އޭނާއަކީ ޅައިރު ބައްޕަގެ ލޯބިން މަހުރޫމު ވެފައިވާ ކުއްޖެކެވެ. މަންމައަކީ ނަރުހެކެވެ. މަންމަ އޭނާ ބަލައި ބޮޑު ކުރީ ވަރަށް ރަނގަޅަށެވެ. ރަނގަޅަށް ކިޔަވައިދިނެވެ. މިހާރު އޭނާއަކީ އަމިއްލަ ފައި މައްޗަށް ތެދުވެ މަސައްކަތް ކޮށްގެން ދިރިއުޅޭ ކުއްޖެކެވެ.

އޭނާއަށް ސުލައިމާން ފެނުނީ ބަސްހުއްޓާ ތަނަކުންނެވެ. ފުރަތަމަ ފެނުމާއެކު ސުލައިމާނަށް ހިތް ދެވިއްޖެއެވެ. އެކަމަކު އަނގަޔަކުން ބުނާކަށް ނުކެރުނެވެ. އޭނާގެ ސަމާލު ކަމަށް އަންނާން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ސުލައިމާން އެހެރީ އޭނާގެ ކުރިމަތީގައެވެ. އަތްފޯރާ ފަށުގައެވެ.

ހުރިހައި ވާހަކައެއް ނިމުނީމާ ސުލައިމާން އަހައިލިއެވެ. "އަހަންނާ ބެހޭ ގޮތުން އެއްވެސް ކަމެއް އެނގިފައި އެބައޮތްތަ؟"

"ނެތް." ފަރްޒާނާ މައުސޫމުކަމާއެކު ބޯ ހޫރައިލިއެވެ.

"އަހަރެންގެ އެއްވެސް ކަމެއް ކުޑަކޮށް ލަފާ ކޮށްލާންވެސް އެނގޭތަ؟"

"ނޭނގޭ. އަހަންނަށް އެނގޭ ހަމައެކަނި ކަމަކީ އަހަރެން ސުލައިމާން ދެކެ ލޯބިވާކަން. ސުލައިމާނަކީ ރަނގަޅު މީހެއް."

"އަހަންނަކީ ރަނގަޅު މީހަކީމެއް ނޫން. އަހަންނަކީ ވަރަށް ވިޔާނުދާ މީހަކީން. ޝައިތާނާގެ އެދުރަކީވެސް އަހަރެން. އަހަރެން ދެކޭ ގޮތުގައި އަންހެންކުދިންނަކީ ކުޅޭކުޅޭ ބުދު. ފަރްޒާނާ ކަހަލަ ކުދިން ޝިކާރަ ކުރުމަކީ އަހަރެންގެ މަސައްކަތް. ދުނިޔޭގެ ހުރިހައި ނުބައި ސިފައެއް އަހަރެންގެ ކިބައިގައި އެބަހުރި. ހުރިހައި ނުބައި ކަމެއް..."

"އަހަރެން ގަބޫލެއް ނުކުރަން."

"ފަރްޒާނާ ގަބޫލު ނުކުރިއްޔާ ވާނީ ކީއް؟" ސުލައިމާން ޗޮކެއް ކަނޑައިލިއެވެ. "އަހަރެން މިއީ އަންހެން ކުދިންނަށް ދޮގު އުއްމީދު ދީގެން އެ ކުދިންގެ ބޭނުން ކުރާ މީހަކީމެއް ނޫން. އެހެން ނޫން ނަމަ މިރެއަކީ ފަރްޒާނާ ހަލާކު ވެގެން ދާނޭ ރެއަކަށް ވީސް. އެނގޭތަ؟ ފަރްޒާނާ ވާ ވެއްދުމަކީ އަހަންނަކަށް އެއްވެސް ކަމެއް ނޫން."

"ތިޔަހެން ނުހެދީ ސުލައިމާންގެ ރަނގަޅު ކަމުންނެއް ނޫންތަ؟"

"ދޮގު ނުހެދުމަކީ މީހެއްގެ ހުރިހައި ނުބައި ކަމެއް ފޮހެވިގެންދާ ކަމެއްތަ؟"

"ތެދުވެރި މީހަކު ނަމަ ކޮންމެ ވަގުތަކުވެސް ހެޔޮ މަގަށް އެނބުރިދާނެ. ﷲ ގެ ހިދާޔަތު ލިބެނީ އެކަހަލަ މީހުންނަށް."

"ރޭގަނޑު ގޭގައި މީހަކު ނޫޅޭ ވަގުތު ބަލާފައި ހިލޭ ފިރިހެނަކު ގެއަށް ގެނެސްގެން އިނދެ ﷲ ގެ ވާހަކަ ދައްކާކަށް ޖެހިލުމެއް ނުވޭތަ؟" ސުލައިމާން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

"ގެއަށް ގެނައީ ބައްދަލު ކުރުމުގެ މުހިއްމުކަން ބޮޑުކަމުން."

"އެހެންތަ؟ އެހެން ވެއްޖެއްޔާ އަހަރެންގެ ވާހަކަ އަޑުއަހާ. އަހަރެން މިއީ އެކަނިމާއެކަނި ހުރި މީހެއް. ދެ ރަހުމަތްތެރިން ފިޔަވައި އެހެން އެއްވެސް މީހަކު ނޫޅޭނެ. ގެއެއް ދޮރެއް ނެތް. ދިރިއުޅެނީ ސަރުކާރުގެ ފުލެޓެއްގައި. އަދާ ކުރަނީ ސަރުކާރުގެ ވަޒީފާ. ލިބޭ މުސާރައަކުން އަހަރެންގެ ބޭނުންތައް ފުދޭވަރެއް ނުވޭ. ހަރާދު ކިޔައިގެން ފައިސާ ހޯދަން. ހަރާދު ކިޔައިގެން ދުވަހަކުވެސް އަހަރެން ބައްޔެއް ނުވޭ. މިހައި ތަނަށް ދެ ޑަޒަނަށްވުރެވެސް ގިނަ އަންހެން ކުދީންގެ ދުވަސް ދުއްވައިލައިފިން. ރާ ބޮން. ހެއްދެވިހައި ފާފައެއް ކުރަން. ދެން ބުނޭ. އަހަރެންގެ ފަރާތުން ބޭނުން ވަނީ ކޮން ކަމެއް؟"

"އަހަރެން ބޭނުން ވަނީ ސުލައިމާނާ އިންނާން."

"މޮޔަ ވާހަކަ ނުދައްކާ." ސުލައިމާން ބުންޏެވެ. "އަހަރެން މި ދެއްކި ވާހަކަތަކުން އެއްވެސް އެއްޗެއް ނުވިސްނޭތަ؟ މީހަކާ ނީނދެ ހުރިހައި ބޭނުމެއް ފުދޭ މީހަކު މީހަކާ އިންނަނީ ކީއްކުރަން؟"

"ކާވެންޏަކީ ހަމައެކަނި ޖިސްމާނީ އެދުމެއްގެ ބޭނުމުގައި ކުރާ ކަމެއް ނޫން." ފަރްޒާނާ މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. "ތިޔަހެން ބުނަނީ މިހައިތަނަށް އެއްވެސް މީހަކު ސުލައިމާނަށް ބޭނުންވާ ލޯބި ދީފައި ނެތީމާ. މީގެ ކުރީން ދުވަހަކުވެސް މީހަކު ސުލައިމާން ދެކެ ލޯބި ނުވާ ވަރަށް އަހަރެން ލޯބިވާނަން. އަހަންނާ އިނީމާ ސުލައިމާނަށް ހެޔޮ އަނތްބެއްގެ ލޯބި ލިބޭނެ. ދިރިއުޅޭނީ މި ގޭގައި. މިއީ ސުލައިމާންގެ ގެ. މަންމަގެ ފަރާތުން މައިވަންތަ ލޯބި ލިބޭނެ. ލޯބިވާ މަޔަކު ލިބޭނެ."

"އަހަރެން މިއީ ލޯތްބާއި މަޔަކު ނުލިބިގެން އުޅޭ މީހެއެް ނޫން."

"މިހާރު ބޭނުން ނޫނަސް ފަހުން ބޭނުން ވާނެ." ފަރްޒާނާ އެނދުން ތެދުވެގެން އައިސް އަނެއްކާވެސް ގޮނޑީގައި އިށީނދެއްޖެއެވެ. "ބުނެބަލަ. އަހަންނާ އިންނާނަންތަ؟"

"އަހަންނަށް ދެވޭނީ ވަގުތީ ލޯބި. ބޭނުމިއްޔާ ހަމަ މިހާރުވެސް ދީފާނަން."

ފަރްޒާނާގެ މޫނުގެ ކުލަވަރު ބަދަލު ވެއްޖެއެވެ. "ނޫން. އަހަރެން ބޭނުން ވަނީއަކީ އެކަހަލަ ލޯތްބެއް ނޫން. އަހަރެން ބޭނުންވާ ލޯބި ލިބޭނެ. އެ ލޯބި އަހަންނަށް ދޭނީ ސުލައިމާން."

"އެހައި ބޮޑު ޔަގީން ކަމެއް ލިބުނީ ކިހިނެއް؟" ސުލައިމާން ހައިރާން ވިއެވެ.

"ލިބުނު ގޮތެއް ބުނާކަށް ނޭނގޭ. އެކަމަކު ފުރިހަމަ ޔަގީންކަން އެބައޮތް."

"ދެން އަހަރެން ދިޔަޔަސް އެންމެ ރަނގަޅުތަ؟"

ފަރްޒާނާ އުދާސް ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ދޭ. އެކަމަކު ސުލައިމާން އަމިއްލައަށް އަހަންނާ ބައްދަލު ކުރަން އަދި އަންނާނެ."

"އިންތިޒާރުކޮށްކޮށް ހުރޭ..." ސުލައިމާން މަލާމާތް ކޮށްލިއެވެ.

"އާނ. އިންތިޒާރު ކުރާނަން. އަހަރެންގެ އިންތިޒާރުގެ މޭވާ ފޮނިވާނެކަން އަހަންނަށް ޔަގީން."

އޭނާ ސުލައިމާނާއެކު ދޮރާ ހަމައަށް ދިޔައެވެ. ސުލައިމާން އަނގައިންވެސް ނުބުނެ ނުކުމެގެން ހިނގައްޖެއެވެ.

* * *

"އަހަރެމެން ފަށާނީ ޝިރްކުން. އެންމެ ފުރަތަމަ ހަމަލާ ދޭނީ އީމާންކަމަށް." އިބިލީސް ތަގުރީރު ކުރަމުން ދިޔައެވެ. "ފުރަތަމަ އަހަރެމެން މަސައްކަތް ކުރަނީ އިންސާނާގެ ބޭރުފުށުގެ ސިފަތައް ޚަރާބު ކޮށްލާނޭ މަގު ކޮށާން. ﷲ މަނާކުރެއްވި ސިފަތައް އަށަގަންނުވާން. ކިބުރުވެރިކަމާއި ދޮގުވެރިކަމާއި ޒިނޭކުރުމާއި ވައްކަންކުރުމާއި ހައްގުތަކަށް އަރައިގަތުމާއި ފާހިޝްކަމާއި މުދަލާއި... މި ހުރިހައި ކަންކަމަކީ ޝައިތާނީ ސިފަތައް."

"ދަނޑުވެރިން އެންމެ ފުރަތަމަ ކުރާ ކަމަކީ ފަސްގަނޑު ޖެހުން. ހަރު ބިމުގެ ފަސްގަނޑު ޖަހައިލީމާ އެ ބިން މަޑު ވެގެން ހިނގައިދާނެ. ގޮވާ ހެދޭނީ މަޑު ފަސްގަނޑުގައި އިންދީމާ. މިއީ އަހަރެމެންވެސް މަސައްކަތް ކުރާ އުސޫލު. ޝިރްކުގެ ތެރެއަށް އިންސާނާ ވައްދައިގެން އީމާންކަމުގެ ބިން މަޑު ކުރަނީ. އެޔަށްފަހު ނުބައިކަމާއި ފާފައިގެ އޮށް ވަޅުލަނީ. ރަނގަޅު ގޮވާން ހެއްދޭނޭ ގޮތަކީ އެއީ."

"ދަރީންނޭ. ހަނދާން ކުރާތި. ޝިރްކުގެ ތެރެއަށް ނުވަންނަ އިންސާނާގެ އީމާންކަން ވަރަށް ވަރުގަދަ ވާނެ. އެފަދަ އީމާންކަމަކީ މަޑު ފަސްގަނޑެއް ނޫން. އެއީ ހަރު ހިލަ. ހަރު ހިލައިގައި ގޮވާމެއް ނުހެދޭނެ. އެއް ކަމެއް އަބަދުވެސް ހަނދާން ކުރާތި. ﷲ އެކަލާނގެ މަޚްލޫޤުން ދެކެ އިންތިހާއަށް ލޯބިވެވޮޑިގެންވޭ. ﷲ ދެކެ ލޯބިވާ މީހާ ﷲ ގެ އަޅުން ދެކެ ލޯބިވާނެއޭ އަންގަވައިފައި ވަނީ އެހެން ވެގެން. ދަރީންނޭ. އެހެންވީމާ އަހަރެމެން ޖެހޭނީ މީގެ އިދިކޮޅު ތައުލީމު ފަތުރާން. ލޯބީގެ އިދިކޮޅަކީ ނަފުރަތު. ރުޅިވެރިކަން. އަހަރެން ދެކެ ލޯބިވާ މީހާ ﷲ ގެ އަޅުން ދެކެ ރުޅި އަންނާނެ. ނަފުރަތު ކުރާނެ. އާދަމުގެ ދަރީންނަށް އަހަރެން ދަސްކޮށްދެނީ ނަފުރަތު ކުރާން. އެކަމަކު އެއީވެސް ފަސޭހަ ކަމެއް ނޫން. އަހަރެމެން ފުރަތަމަ އަޅާން ޖެހޭ ފިޔަވަޅަކީ ބައިބައި ކުރުމުގެ ފިޔަވަޅު. އެއް ވައްތަރެއްގެ ބައިބައިވުން ވަނީ ގުދުރަތީ ގޮތުންވެސް އުފެދިފައި. ދުނިޔޭގައި ލެއްވިހައި އިންސާނުން ވަނީ ދެ ބަޔަކަށް ބެހިފައި. އެއީ ހައްގުގެ މަގުގައި ތިބި މީހުންނާއި މަގު ފުރެދިފައި ތިބި މީހުން. މި ގުދުރަތީ ބައިބައި ވުމަކުން އަދި އަހަރެންގެ މަގުސަދު ހާސިލެއް ނުވޭ. އަހަރެން އަމިއްލަ އުސޫލަކަށް ބައިބައިވުން އުފައްދާން މި ޖެހެނީ އެހެން ވެގެން. ފެށުނީއްސުރެ އަދާ ހަމަޔަށް އަހަރެން ކުރަމުން މި ގެންދާ މަސައްކަތަކީ އެއީ. އެންމެ ފުރަތަމަ ދަސްކޮށް ދެނީ ދީނުގެ ނަމުގައި އެކަކު އަނެކަކު ދެކެ ރުޅި އަންނާން. އޭގެ ފަހުން ހަމުގެ ކުލަ... ދެން ދަރިކޮޅު... އޭގެ ފަހުން ބަހާއި ބަހުރުވަ... ދުނިޔެ މިހާރު މި އޮތީ މި ބައިބައިވުމުގެ ތެރެއަށް ޣަރަގުވެފައި. ރުޅިވެރިކަން މިހާރަކު ކުޑައެއް ނޫން. އެކަމަކު މި މަގުގައި ބޮޑު ހުރަހެއްވެސް އެބައޮތް. އެ ހުރަހަކީ ކޮބައިކަން އެކަކަށްވެސް ބުނެދެވިދާނެތަ؟"

ބާތިލާއި ސަގީލާއާ ދެމީހުން އަތް އުފުލައިލިއެވެ.

އިބީލީސް ހިނިތުންވެލިއެވެ. "ބާތިލް. ކަލޭ ބުނޭ..."

"އެއީ އިސްލާމީ އަޚުވަންތަކަން."

"ސާބަހޭ ކޮއިފުޅާ! ތިޔައީ ތެދެއް." އިބިލީސް އުފަލުން ފޮޅުނެވެ. "ﷲ އަހަރެންގެ މަގުގައި ލެއްވި އެންމެ ބޮޑު ހުރަހަކީ އެއީ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވެ ތައުހީދުގެ ކަލިމަ ކިޔައި އުޅޭ އެންމެންނަކީ އަޚުން. އެއްބަނޑުއެއްބަފާ ބައެއް. ކަޅަކަސް ދޮނަކަސް ތަފާތެއް ނެތް. ކޮންމެ ރަށަކަށް ނިސްބަތް ވިޔަސް ކޮންމެ ބަހަކުން ވާހަކަ ދެއްކިޔަސް އެއީ އެއްބައެއް. އެންމެން އެކަކު އަނެކަކު ދެކެ ލޯބިވޭ. އެމީހުން ބަނދެވިގެން އެ ތިބެނީ ވަރަށް ވަރުގަދަ ބަނދެވުމަކުން. އެއީ ވަރުގަދަ ގުޅުމެއް. ހަރުދަނާ ލޯތްބެއް."

"އެކަމަކު އެ ވަރުގަދަކަމާއި ހަރުދަނާކަން ބިނާވެފައި އޮންނަނީ ތައުހީދާއި އީމާންކަމުގެ މައްޗަށް. ތައުހީދާއި އީމާންކަމަށް އެންމެ ފުރަތަމަ ހަމަލާދޭން ޖެހޭ ސަބަބަކީ އެއީ. މިހާރު މި އޮތީ މަސައްކަތް ލުއި ވެފައި. މިހާރު ތައުހީދުގެ އަހުލުވެރިންނަކީ ހަމައެކަނި މުސްލިމުން. އެއީ އަޚުން. އެކަމަކު އަހަރެން އަރަބީންނާއި އަޖަމީންގެ މެދުގައި ބައިބައިވުން އުފައްދައިފިން. ނަފުރަތު ދަނީ އިތުރުވަމުން. އަރަބީންނާއި އަރަބީން ނޫން މީހުންގެ ތަފާތު އުފައްދައިފިން. ދެން އުފެދުނީ ގައުމިއްޔަތު. އެއީ ސޫދާނީއެއް... މިއީ ދިވެއްސެއް.... އެއީ ޕާކިސްތާނީއެއް... މިއީ ސުޢޫދީއެއް... ދެން އަހަރެން އުފެއްދީ އަގީދާއާއި ގަބީލާގެ ބައިބައިވުން. އަސަބިއްޔަތުގެ އިހުސާސް އުފަން ކުރުވީ އަހަރެން. ދެން ފެނުނީ އެ އަރައިރުން. އެއީ އެ ރަށު މީހެއް... މިއީ މި ރަށު މީހެއް... އެއީ އެ އާއިލާގެ މީހެއް... މިއީ މި އާއިލާގެ މީހެއް... އޭނާ ވާހަކަ ދައްކަނީ އެހެން ބަހަކުން... އެއީ އަހަރެމެންގެ ބަހުން ވާހަކަ ދައްކާ މީހެއް ނޫން... އޭނާ އަކީ ސުންނީއެއް... އަހަންނަކީ ޝިޢީއެއް... އެއީ ބޯރާއެއް... އެއީ ހަދީސުގެ އަހުލުވެރިއެއް... އެންމެ ފަހުން ގޮސް އެންމެ މުހިއްމު ބައިބައިވުމުގެ ތެރެއަށް އާދަމުގެދަރިޔާ ވައްޓާއިލީ އަހަރެން. ދެން ކިޔާން ފެށީ ކީކޭ؟ އެއީ ކާފަރެއް... މިއީ މުސްލިމެއް... އޭނާ ދާނީ ނަރަކައަށް... މީނާ ދާނީ ސުވަރުގެއަށް... ނަފުރަތު ކުރޭ... ތަޅައި މަރާ... ރޯ ކުރޭ... އެމީހުންގެ ދުވަސް ދުއްވައިލާ..." އިބިލީސް ފުފޭން ފަށައިފިއެވެ. "އަހަރެން މޮޅު ވެއްޖެ. ކާމިޔާބު ވެއްޖެ. ހަފަރާތަށް ފެތުރިފައި އެވަނީ ރުޅިވެރިކަން. ދެކޮޅުވެރިކަން. ބައިބައިވުން. އަހަރެން މޮޅު ވެއްޖެ... ހައްހައްހާ... އަހަރެން މޮޅު ވެއްޖެ. ހުރިހައި މަޚްލޫގުންގެ މައްޗަށް މާތް ކުރެއްވި އިންސާނާ ބަލި ވެެއްޖެ. ދެރަވެ ނިކަމެތި ވެއްޖެ." ކުއްލިއަކަށް އިބިލީހުގެ ފުފުން ކުޑަވެގެން ހިނގައްޖެއެވެ. ފިޔަ ތިރި ވެއްޖެއެވެ. "އެކަމަކު... ލިބުނީ ކޮން ފައިދާއެއް. ހަގީގަތް އޮތީ ކިހިނެއްކަން އަހަންނަށް އެނގޭ. ތަޅައި މަރަމުން އެދާ ބަޔަކީ މުޝްރިކުން. އީީމާންކަމުގެ އަހުލުވެރިންގެ ހިތަކު ރުޅިވެރިކަމެއް ނެތް. އެމީހުން އެކަކު އަނެކު މަރައެއް ނުހަދާ... ކިހައި ދެރަ... ދެން ހަދާނީ ކިހިނެއް؟ އެމީހުން މަގުފުރައްދާނީ ކިހިނެއް؟" އިބިލީހުގެ ރުއިމުގެ އަޑު ހީވަނީ ވަލުޖަނވާރެއްގެ އަޑު ހެންނެވެ. "މި ޚިޔާލު ކުރެވުނީމާ އަހަރެންގެ އަލިފާންގަނޑު މައިތިރިވާން އެބަ ފަށާ. އަހަރެން މިއީ އަލިފާނުގެ މަޚްލޫގެއް. ފިނިވާން ފެށީމާ ހަދާނީ ކިހިނެއް..؟"

* * *

އެއީ ބަރަކާތްތެރި މައްސަރެއްގެ ބަރަކާތްތެރި ރެއެކެވެ. ފަތިސްވުމާއެކު ދުނިޔެ ފެވިގެން ދިޔައީ ލެއިންނެވެ. ފަތިސް ނަމާދަށް ތިބި ބައެއްގެ ތެރެއަށް ބަޑި ޖަހައި އެތައް ބަޔަކު މަރައިފިއެވެ. ބަޑި ޖެހި ބަޔަކު އެނގޭ ވަރެއް ނުވިއެވެ. އެތައް ބަޔަކު ޝަހީދު ވެއްޖެއެވެ. މިސްކިތުގެ ތަޅަންމަތީގައްޔާއި ފާރުތަކުގައި ހުރީ ލެޔެވެ.

ހުރިހައި ޚަބަރު ގަޑިތަކެއްގެ ފަލަ ސުރުޚީއަކީ އެއީއެވެ.

އޮފީހުގައި ކުރެވެމުން ދިޔައީ އެ ބަހުސެވެ. "އެއީ އިންޑިއާގެ ޖާސޫސީ އެޖެންޓުންގެ ކަމެއްކަން ކަށަވަރު." އިޤްބާލް ބުންޏެވެ.

"އާނ. ޔަގީން." މަންނާން އެއްބަސްވިއެވެ. "މުސްލިމުން، މުސްލިމުންގެ ގަޔަކަށް ބަޑިއެއް ނުޖަހާނެ."

"އެޔޯ؟ މީގެ ކުރީން ދުވަހަކުވެސް މުސްލިމުންގެ ބަޔަކު މުސްލިމުންގެ ގަޔަށް ބަޑި ނުޖަހަނީތަ؟" ސުލައިމާން ދެކޮޅު ހެދުމުގެ ރާގަކަށް އަހައިލިއެވެ.

(ނުނިމޭ)

15 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.