ގާސިމް ހަސަންގެ މަރާ ގުޅިގެން މީހަކު ބަންދުކޮށްފި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ ކުރައްވާފައިވާ ޓުވީޓެއް ގައި ވިދާޅުވެފައިވަނީ ޓެކްސީ ޑްރައިވަރު ގާސިމްގެ މަރާގުޅިގެން މީހަކު ބަންދު ކޮށްފައިވަނީ މީގެ އިރުކޮޅެއް ކުރިން ކަމަށެވެ.
ޢުމުރުން 59 އަހަރުގެ ގާސިމް މަރާލައިފައިވަނީ ޑިސެމްބަރުމަހު 4 ވަނަދުވަހުގެރޭގައެވެ. އެމަރުގެ ތުހުމަތުގައި މިރެއާ ހަމައަށް މީހަކު ބަންދުކޮށްފައިނުވިޔަސް އޭނާ މަރާލައިފައި އޮތް ސަރަހައްދުން ފުލުހުންވަނީ އޭނާ މަރާލަން ބޭނުންކުރި ހަތިޔާރު ހޯދައި އެކަން އާންމުކޮށްފައެވެ. އެ ހަތިޔާރު ފެނިފައިވަނީ އޭނާ މަރާލައިފައިވާ ސަރަހައްދުގައިހުރި ގަސްތަކުގެ ތެރެއިންނެވެ. އެތަނުން ވަނީ ތުހުމަތު ކުރެވޭ މީހުންގެ ޑީއެންއޭ ވެސް ފެނިފައެވެ. އޭރު ފުލުހުން ވިދާޅުވީ އެ އެއްޗެހި ތަހުލީލުކޮށް އެކަންކުރި މީހުން ދެނެގަތުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
ގާސިމްގެ މަރާ ގުޅިގެން މީހަކު ބަންދުކުރުމުން ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއިން ދައްކުވައިދެނީ ފުލުހުން ކުރިއަރާފައިވާ މިންވަރު ކަމަށެވެ. ޚާއްސަކޮށް ފޮރެންސިކު އިންވެސްޓިގޭޝަން ދާއިރާގައި ފުލުހުންގެ ގާބިލްކަން ފެނިގެން ގޮސްފި ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އިރާދަ ކުރެއްވިއްޔާ ގާސިމްގެ އާއިލާއަށް އިންސާފު ހޯދޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ކޮމިޝަނަރ ހަމީދު ވިދާޅުވެފައިވަނީ ފުލުހުންގެ އެމަސައްކަތާމެދު ފަޚުވެރިވާ ކަމަށެވެ. ގާސިމް މަރުވެފައިވަނީ އޭނާގެ ކަރށް ހަމަލާދިނުމުންނެވެ. އޭނާމަރުވެގެން ވެއްޓިފައި އޮއްވައި ފެނިފައިވަނީ ހުޅުމާލޭ ރީތިގަސް މަގަށެވެ. އެހިސާބަކީ އަނދިރި ސަރަހައްދެކެވެ.