ބަރުލަމާނީ ނިޒާމަކުން ނޫނީ، ފުރިހަމަ ވެރިކަމެއް ނުކުރެވޭނެ: މުސްތަފާ

ރާއްޖޭގައި މިހާރުއޮތް ރިޔާސީ ނިޒާމް ބަރުލަމާނީއަކަށް ބަދަލުކޮށްގެން ނޫނީ، ރައްޔިތުންގެ ފުރިހަމަ ވެރިކަމެއް ރާއްޖޭގައި ދެން ނުކުރެވޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރުއޮތީ އެންމެ ތަހުޒީބު ގައުމުތަކުގައި ވެސް ބޭނުންކުރާ ވަރުގެ ގާނޫނުއަސާސީއެއް ކަމަށެވެ. "މިވަރުގެ ތަހުޒީބު ގާނޫނު އަސާސީއެއް ހިފައިގެން އެ ދެފެންދޭތެރޭގައި ބާއްވައިގެން ރައްޔިތުންނަށް ހެޔޮވެރިކަމެއް ނުކޮށްދެވޭނެ. އެއީ ޝައްކެއް އޮތްކަމެއްނޫން. މިހާރު މިއޮތް ނިޒާމު ބާއްވައިގެން ރައްޔިތުންނަށް ސަލާމަތެއްނެތް،" މުސްތަފާ ވިދާޅުވިއެވެ.

މިއި ހަގީގަތެއްކަން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ބަރުލަމާނީ ވެރިކަމެއް ހޯދަން މަސައްކަތް ފަށައިގަންނައިރަށް ވެރިކަން ބަދަލުވާ ކަމަށާއި އެހިސާބުން އަނެއްކާވެސް ރިޔާސީ ނިޒާމު ކަމުދަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި ރިޔާސީ ނިޒާމަކީ ޚުދުމުޚުތާރު ވެރިކަމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ. "ރިޔާސީ ނިޒާމަކީ ޚުދުމުޚުތާރު ވެރިކަން ކުރަން މަގުފަހިވާ ނިޒާމެއް. ދެން އެންމެން ކިޔަނީ އެމެރިކާގެ ވާހަކަ. ޚާއްސަކޮށް ކުދި ގައުމުތަކުގައި ރިޔާސީ ނިޒާމަށް ވެރިކަން ނުކުރެވޭނެ. ރިޔާސީ ނިޒާމަކީ ވައްކަމާއި ކޮރަޕްޝަނާއި ޚުދުމުޚުތާރު ވެރިކަން ކުރުމަށް މަގުފަހިކޮށްދޭ ނިޒާމެއް،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ވެރިކަމަށް ވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ފައިސާއިން އެހެން މީހުންނަށް ބަދަލު ނަގާފައި ދިނުން ނޫންކަމެއް މި ވެރިކަމުގައި ނުފެންނަ ކަމަށެވެ.

"މިހިނގަނީ ވެރިކަމެއްނޫން. ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް ނުފެނޭ. އަޅުގަނޑުމެން (އެމްޑީޕީ) ވެރިކަމަށް އައީ އިންސާފު ގާއިމްކޮށްދޭނެ ކަމަށް ރައްޔިތުން ކައިރީގައި އެތައް ވަޢުދެއްވެގެން. އިންސާފު ގާއިމްކޮށްދޭނެ ވާހަކައަކީ އެންމެ ބޮޑު ރިޔާސީ ވަޢުދު. އެކަމަކު ފެނިގެންދަނީ މުޅިން އެހެން މަންޒަރުތަކެއް،" މުސްތަފާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.