އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގެ ވަގުތީ ނަތީޖާ އެ ޕާޓީން އިއުލާންކޮށްފި އެވެ. ވަގުތީ ނަތީޖާ އިޢުލާން ކުރެއްވީ ނޮވެމްބަރު 24 ވަނަދުވަހުގެ ރޭގައެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާއިން ވެސް ދައްކަނީ ޕާޓީގެ ރައީސް ކަމަށް ރައީސް ނަޝީދު އަދި ނާއިބު ރައީސަކަށް ބޮޑު ތަފާތަކުން މުޙައްމަދު ޝިފާޒު ހޮވިފައިވާ ކަމަށެވެ. ވޯޓުލައި ނިމިގެން ގުނަމުންދިޔަ ވަގުތު ނާއިބު ރައީސް ކަމަށް ޝިފާޒާ ވާދަކުރެއްވި މުޙައްމަދު އަސްލަމްގެ ފަރާތުން ވަނީ އިންތިޚާބާމެދު ޝައްކު އުފައްދައިފައެވެ. އެންމެފަހުން އޭނާ ވަނީ 11 މައްސަލައެއް ފާހަގަކޮށް އެމްޑީޕީގެ އިންތިޚާބީ ކޮމިޓީއަށް ހުށަހަޅައިފައެވެ. ވަގުތީ ނަތީޖާ އިޢުލާން ކުރުމުގެ ކުރިން ވަނީ އެ މައްސަލަތަކަށް ޖަވާބުދީ ކަންހިނގިގޮތް އަސްލަމަށް ލިޔުމުން ސާފު ކޮށްދެއްވައިފައެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން މި އިންތިޚާބުގައި ވޯޓު ދިނީ 25،102 މީހުންނެވެ. އެހެންނަމަވެސް އެ ޕާޓީގެ ވޯޓުލާ އާބާދީ ހަށްޑިހަ ހަތް ހާހަށް ވުރެ ގިނަކަމަށް އެޕާޓީން ބުނެފައިވެއެވެ. ވޯޓުލީ މީހުންގެ އަދަދު ނިސްބަތުން މަދުވެ އެކަމަށް ފާޑުކިޔަން ފެށުމުން ޕާޓީގެ އިންތިޚާބުގައި ރައީސް ކަމަށް ހޮވިވަޑައިގެންނެވި، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެޕާޓީއަށް ތެދުވެރި ޕާޓީއަށްޓަކައި މަސައްކަތްކުރާ ފަންސްވީސް ހާސް މީހުންގެ ވޯޓު އަބަދުވެސް ލިބޭނެ ކަމަށެވެ.
މިއިންތިޚާބުގައި ރައީސް ނަޝީދާ އިތުރު ބޭފުޅަކު ވާދަނުކުރައްވައެވެ. އެހެން ކަމުން އެމަގާމަށް ރައީސް ނަޝީދު އިންތިޚާބުވެ ވަޑައިގެންނެވީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އެމަނިކުފާނު އެމަޤާމުގައި ހުންނެވުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 24،202 މީހުންނެވެ. ދެވަނަ ދައުރަކަށް ހުންނެވުމަށް ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 421 މީހުންނެވެ. ރައީސްކަމުގެ އިންތިޚާބުގެ ސައްޙަ ވޯޓުގެ ޢަދަދަކީ 24،623 ވޯޓެވެ. ބާތިލް ވޯޓުގެ ޢަދަދު 479 އެވެ.
ނާއިބު ރައީސަކަށް ދެވަނަ ދައުރަށް އިންތިޚާބު ކޮށްފައިވާ މުޙައްމަދު ޝިފާޒަށް ލިބިވަޑައިގެންނެވީ 13،815 ވޯޓެވެ. ވާދަވެރިޔާ އަސްލަމަށް ލިބިވަޑައިގެންނެވީ 10،840 ވޯޓެވެ. ސައްހަ ވޯޓުގެ ޢަދަދަކީ 24،655 އެވެ. ބާތިލް ވޯޓުގެ ޢަދަދަކީ 447 އެވެ.
ވަގުތީ ނަތީޖާ އިޢުލާން ކުރެއްވުމަށްފަހު ދާއިމީ ނަތީޖާ އިޢުލާން ކުރައްވާނެ ދުވަހެއް އެމްޑީޕީން އަދި ހާމައެއް ނުކުރެއެވެ. އެޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެބޮޑު ސިޔާސީ ޕާޓީއެވެ.
މި އިންތިޚާބުގެ ހުރިހާ ކަމެއް ހިނގައިދިޔައީ ޑިމޮކްރަޓިކް އުސޫލުން ރަނގަޅަށް ކަމަށާއި ހުރިހާ ކަމަކާމެދުވެސް ހިތްހަމަޖެހޭ ކަމަށް ޝިފާޒު ވިދާޅުވިއެވެ.