(21 ނޮވެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސަލްމާންގެ ވާހަކަ އަޑުއަހާފައި ފަލަކު ވަރަށް ދެރަވެއެވެ. "އެކަމަކު އަހަރެން ސަލްމާނާ މެދު ވިސްނަން."
"އަހަންނާ ދޭތެރޭ ވިސްނާނެ ކަމެއް ނެތް. އަހަންނަކީ ކުޑަ ކުއްޖެއް ނޫން." އެ ހިސާބުން އެ މައުޟޫއު ނިމެއެވެ.
ދުވަހެއް ދުވަހަކަށް ފަލަކު ހާސްކަން އިތުރުވަމުން ދިޔައެވެ. ކާވެންޏަށް ފަހު ރަޝްނާ އުޅެނީ ކުއެޓާ ގައެވެ. އެހެންވީމާ އޭނާ އާ މަޝްވަރާ ކުރެވޭކަށް ނެތެވެ. އެހެންކަމުން އޭނާ ނިންމީ މަރިޔަމް އާ މި ވާހަކަ ދައްކާށެވެ.
އެވާހަކަ އަޑު އިވުމުން މަރިޔަމް އަށް ލިބުނީ ބޮޑު ޝޮކެކެވެ. "މިއޮއް ހުރިހާ ދުވަހު އޭނާ އެހެން އުޅޭއިރު ނުބުނީ ކީއްވެ؟"
"އެއްވެސް މީހެއް ގާތު ނުބުނަން. އަހަރެން ހީކުރީ ފެކްޓަރީ ކަމަކާ ކަންބޮޑުވެގެން އުޅެނީ ކަމަށް. ހިއެއްނުކުރަން މިހާ ދިގުލައިގެން ދާނެ ކަމަކަށް."
"ފަލަކް ތީ މޮޔައެއް އޭނާ ބުނި ކޮންމެ ގޮތަކަށް އުޅުން ބަދަލުކުރި. ހުރިހާ ކަމެއް ގުރުބާން ކުރި. އަހަންނަށް ހީވަނީ އޭނާ މިހާރު އެހެން މީހަކާ ގުޅިގެން އުޅެނީހެން." ފަލަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"މަރިޔަމް ކީކޭ ތިކިޔަނީ؟ ކިހިނެއް އެހެންވާނީ؟ ސަލްމާނަކީ އެކަހަލަ މީހެއް ނޫން. އަހަރެމެން އިނދެގެން އުޅޭތާ މިހާރު ތިން އަހަރު ވެއްޖެ." ފަލަކު ބިރުގެންފިއެވެ.
"ހަގީގަތް ގަބޫލުކުރާން ބޭނުން ނޫން ނަމަ އެއީ އެހެން ކަމެއް. އެކަމަކު އެއްވެސް ކަމަކާ ނުލާ ރުޅި ގަދަވެ، ކުދި ކަންތައްތައް ބޮޑެތި މައްސަލަތަކަށް ހަދައި، ފަލަކު ބޭނުންވާ ކަންކަމާ ދެކޮޅު ހަދައި، ރޭގަނޑު ލަސްވަންދެން ބޭރުގައި އުޅުން... މީގެ މާނައަކީ ކޮބާ؟ މާނައަކީ އޭނާގެ ދިރިއުޅުމަށް އެހެން މީހަކު އަތުވެއްޖެއޭ."
ފަލަކު ކަޅި ޖަހާނުލައި މަރިޔަމަށް ބަލަން އިނެވެ. "ކިހިނެއް އަހަރެން ހަދަންވީ؟ ދެން ކިހިނެއް ވާނީ؟"
މަރިޔަމް ދެއްކި ވާހަކަ އޭނާއަށް ގަބޫލުކުރެވެން ފެށިއެވެ. "އެއްވެސް ކަމެއް ނުވާނެ. ތިކަމާ ހާސްވާނެ ކަމެއް ނެތް. އަމިއްލަ ނަފްސަށް މިހާރަށް ވުރެ ބޮޑަށް އަޅާލާންވީ. ރީތިކޮށް ހެދުން އަޅަންވީ. ކުރިން ހުންނަ ގޮތަށް ނަލަވެލައިގެން ހުންނަންވީ. އޭނައާ ދުރުގައި ދުވަސްކޮޅެއް ހޭދަކުރެވޭތޯ ބަލަންވީނު. އޭނާ ބޭނުންނުވާ ކަމެއް ނުކުރާތި އެކަމަކު. އޭނަ ދެކޮޅު ހަދާނެ ނުވަަތަ ޝަކުވާ ކުރާނެ އެއްވެސް ފުރުސަތެއް ނުދީ ވޭތޯ ބަލާތި. އެހެންވެސް ރަނގަޅު ނުވިއްޔާ އޭނައާ ވާހަކަ ދައްކާ. ބަދަލު އައިސްގެން އުޅެނީ ކީއްވެތޯ އަހާ. އަދި ބޭނުންވެގެން އުޅެނީ ކޮން ކަމެއްތޯ ވެސް އަހާތި."
ފަލަކް މަރިޔަމްގެ ނަސޭހަތް ކަނުލައި އަޑުއެހިއެވެ. އެއަށް އަމަލުކުރަން ވެސް ނިންމިއެވެ.
މަރިޔަމް އާ ބައްދަލުކުރުމަށް ފަހު ގެއަށް ނުގޮސް އޭނާ ދިޔައީ ސެލޫނަށެވެ. އެތަނަށް ގޮސް އާ ގޮތަކަށް ބޯ ސްޓައިލް ކުރުވިއެވެ. އިސްތަށިގަނޑުގައި ކުލަ ޖެއްސުވިއެވެ. ބުމަވެސް އެހެން ގޮތަކަށް ހެދިއެވެ. ގެއަށް ގޮސް ސަލްމާނަށް އެންމެ ކަމުދާ ހެދުން ލިއެވެ. އެއަށްފަހު ރަނގަޅަށް މޭކަޕު ކުރިއެވެ. ދެން ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ ރަނގަަޅަށް އަމިއްލަ މީހާގެ ސޫރަ ބަލައިލިއެވެ. މިއިން ދުވަހަކު އޭނާގެ މޫނުމަތިން މިކަހަލަ ތާޒާ ކަމެއް ނުފެނެއެވެ.
އެރޭ ސަލްމާން ގެއަށް އައީ އެގާރަ ޖެހިއިރުއެވެ. އޭނާ އައިއިރު ފަލަކު އިނީ ސިޓިންރޫމުގައެވެ. އޭނާއަކީ މިގަޑީގައި ސިޓިންރޫމުގައި އިންނަ މީހެއް ނޫނެވެ. އޭނާ ރީތިވެގެން އިންތަން ފެނުމުން ސަލްމާން ހައިރާންވިއެވެ. އެކަމަކު އަނގައިން ނުބުނެ ގޮސް ކޮޓަރިއަށް ވަނެވެ. އޭނާ ފެނިފައި ސަލްމާންގެ ސަމާލުކަން އެހެން ދިމާއަކަށް ދާނެ ކަމަކަށް ފަަލަކް ހިއެއްނުކުރެއެވެ. ކަންވީ އެއާ ޚިލާފަށެެވެ. ސަލްމާން އޭނާއާ ދިމާއަށް ބަލައިލީ ވަރަށް އާދައިގެ ގޮތަކަށެވެ. ފަލަކް އޭނާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. "ކާން ހަދަންތަ؟" އޭނާ އެހިއެވެ. އުފާވެރިކަން ދައްކަން މަސައްކަތް ކުރަމުންނެވެ.
"އަހަރެން މީ ސޭކެއްތަ، މި ދަންވަރު ކާން؟"
"އަހަރެން މިހިރީ އަދި ނުކައި." ފަލަކް ބުންޏެވެ.
"ކީއްވެ ނުކައި ހުރީ؟ ކާކު ބުނެގެން؟ އެހެން ރޭރޭ ހުންނަނީ ކައިގެނެއްނު؟ މިރޭ މާ ރަނގަޅު ވެގެން ތިއުޅެނީޔޯ؟ ނުކައި ހުއްޓަސް އެއީ އަހަންނާ ބެހޭ ކަމެއް ނޫން. އަޑު އިވިއްޖެތަ؟" އެނދުގައި އިށީނދެ ބޫޓު ބާލަމުން އޭނާ އެހިއެވެ.
"މިރޭ ކާން ހުރީ ސަލްމާނަށް އެންމެ މީރު އެއްޗެހި." ފަލަކުގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަން ފެށިއެވެ.
"އަހަރެން ނޫޅެން ތިއެއް ނުކެވިގެން. އާނ. އަދި ބުނަންތަ..." ފާޚާނާއާ ދިމާއަށް ދަމުން އޭނާ ބުންޏެވެ. "ދުވާލު ނަލަހެދިލައިގެން އިނީމަ އެވަރުން ނުފުދެނީތަ، ރޭގަނޑުވެސް އެ ކުޅިވަރު ތި ފެށީ؟ ތީ އަތްނބެއް. ފިލްމީ ތަރިއެއް ނުވަތަ މޮޑެލް އެއް ނޫން." ފަލަކުގެ މޭކަޕާއި ހެދުމަށް އިޝާރާތް ކުރަމުން އޭނާ ބުންޏެވެ.
ފަލަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. "ކިހިނެއްވީތަ ސަލްމާނަށް؟ ކުރިން... އޭނާގެ ދިރިއުޅުމަށް އެހެން އަންހެނަކު އައީތަ؟" ފަލަކު ހިތަށް އެރިއެވެ.
ފަލަކު އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެން ވެސް ސަލްމާންގެ އުޅުމަކަށް ބަދަލެއް ނައެވެ. އޭނާ އުޅެމުން ދިޔައީ ބޭނުން ގޮތަކަށެވެ. ދާން ބޭނުން ތަނަކަށް ދެއެވެ. ގެއަށް އަންނަނީ ބޭނުން އިރަކުއެވެ.
"ސަލްމާން ކިހިިނެއްވީ؟ ބުނެބަލަ، ހެޔޮނުވާނެ. އަހަރެން ގާތު ބުނެބަލަ ވީ ކަމެއް."
އެއްރެއަކު ދޭއް ޖެހިއިރުވެސް ސަލްމާން ގެއަކަށް ނާދެއެވެ. ފަލަކް އޭނާ އަންނަންދެން އިންތިޒާރުގައި އިނެވެ. ގެއަށް އައިސް ވަންނަ އިރަށް އެހާ ލަހުން ގެއަށް އައީ ކީއްވެތޯ އޮޅުންފިލުވަން ފަލަކު މަސައްކަތް ކުރިއެވެ. އަޑު އިވޭކަމަށް ވެސް ނަހަދައި ސަލްމާން ދިޔައީ ކޮޓަރިއަށެވެ. ފަލަކް އޭނާގެ ފަހަތުން ކޮޓަރިއަށް ދިޔައެވެ. ސަލްމާން އޭރު ޓައީ ނަގަނީއެވެ. "ސަލްމާން. އަހަންނާ ދޭތެރޭ ތިގޮތަށް ކަންތައް ކުރަނީ ކީއްވެ؟ އަހަރެން ކުރީ ކީއް؟" ފަލަކް އޭނާ އާ ކުރިމަތިލިއެވެ. އޭނާ ރުޅިއައިސްފައި ފަލަކަށް ބަލައިލިއެވެ. އަތުގައި ހިފައި އޭނާގެ ކުރިމަތިން ދުރަށް ލިއެވެ. ދެން ގޮސް އޭނާ ވަނީ ހެދުން ބަދަލުކުރާ ކޮޓަރިއަށެވެ. ފަލަކު ބުދެއްހެން ގަނޑުވެފައި އެތާ ހުރީއެވެ.
"ސަލްމާން. އަހަރެން ސަލްމާންގެ ކުރިމަތީގައި ހުއްޓި ހުރެ ސަލްމާންގެ ހިތް ފަތަހަ ކުރީމު. އަދި އަހަރެން ބޭނުން ކޮންމެ ކަމެއް ކުރުވީމު. ސަލްމާންގެ ކުރިމަތިން އަހަރެން ދުރަށްލާނެ ހިތްވަރު ލިބުނީ ކިިހިނެއް؟ އަހަރެން ނޫން މީހަކަށް ބަލައިވެސް ނުލަމެއްނު ކުރިން. ސަލްމާން އަންޞަރް. އަހަންނަށް ހީވީ ރަނގަޅަށް. އަހަރެމެން ދެމީހުންގެ ދޭތެރެއަށް ތިންވަނަ މީހަކު ވަދެއްޖެ. އެެހެން އަންހެނެއް ވަދެއްޖެ. އެމީހަކީ އަހަންނަށްވުރެ ރަނގަޅު މީހެއްތަ؟ ނުވަަތަ ބޮޑު މީހެއްތަ؟ އޭނާގެ ޖާދޫގައި ޖެހުނީތަ؟"
ފަލަކް ބޭނުންވީ ބާރަށް ހަޅޭއް ލަވާށެވެ. އަދި ސަލްމާން ދެކެ ލޯބިވާވަރު ބުނެދޭށެވެ. ސަލްމާން ވެސް އޭނާ ދެކެ ލޯބިވީ ވަރު ބުނެދޭށެވެ. އޭނާ މަޑުމަޑުން އެނދުގައި އިށީނެވެ. ދެލޯ ހުރި ކަރުނައިން ފުރިފައެވެ. އިރުކޮޅަކުން ސަލްމާން އެއްޗެހި ބަދަލުކުރާ ކޮޓަރިން ނުކުމެގެން އައެވެ. ފަލަކް އޭނާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމުގެ އަސަރެވެ. އޭނާވެސް ފަލަކަށް ބަލައިލިއެވެ. ފަލަކުގެ ކޯތާފަތްމަތިން ކަރުނަ ފައިބަނީއެވެ. ސަލްމާން ގޮސް އެނދުގައި އޮށޯތެވެ. ފަލަކަށް ހީވީ އޭނާގެ މޭގައި މީހަކު ބާރަށް ޖެހި ހެންނެވެ. އޭނާގެ ހިތް މޭގައި ތާށިވިއެވެ.
"އަހަރެންގެ ކަރުނަވެސް މިހާރު ސަލްމާނަށް އެއްޗަކަށް ނުވަނީތަ؟ ސަލްމާނަށް އެއްވެސް ކަމަކުން އަސަރު ނުކުރަނީތަ؟"
"ފަލަކް، ބޭނުން ކޮންމެ ކަމެއް ކުރޭ. އެކަމަކު އަހަރެންގެ ކުރިމަތީގައި އިނދެގެން ނުރޮއި. ފަލަކު ރޯތަން ބަލާކަށް އަހަންނަކަށް ކެތެއް ނުކުރެވޭނެ. ބުނެބަލަ ކޮންކަމަކާތަ ތި ރޮނީ؟ އަަހަރެން އެކަމަކަށް ހައްލު ހޯދައިދޭނަން. އަހަރެން ފަލަކާ އިނީ ފަލަކު ރޮއްވާކަށް ނޫން. ކަރުނަ ބާލާތަން ބަލާކަށް ނޫން. އެނގެއެއްނު ކަލާނގެ ތި ލޯ ހެއްދެވީ ރޯން ނޫންކަން. ތި ލޯ ހެއްދެވީ ހުނުމަށް. ރޯކަށް ނޫން. ފަލަކް ރޯތަން ފެނުނީމަ އަހަންނަށް ހީވަނީ ދުނިޔޭގައި އެއްވެސް އެއްޗެއް ނެތް ހެން. ދުނިޔެ ހުސްވެއްޖެހެން." ފަލަކުގެ ހަނދާނަން އައީ ސަލްމާން ކުރިން ބުނި ވާހަކައެކެވެ. މިއަދު ފަލަކު ރޯތަން ފެނުނީމާ އޭނާގެ ދުނިޔެ ހުހެއް ނުވިއެވެ.
ފަލަކް ބާރަށް ގިސްލަން ފެށިއެވެ. ސަލްމާން އޮށޯތީ ބޮކި ނިވާލައިގެންނެެވެ.
"ހެޔޮނުވާނެ. ރުއިން ހުއްޓާލާ. ބޭނުންވެގެން ތިއުޅެނީ ކޮންކަމެއް؟ އަހަރެން އެއްގޮތަަކަށް ވެސް ގެއަށް ނާންނަންވީތަ؟ އަހަރެން މިތަނުން ދާންވީތަ؟" އޭނާ ތެދުވެ އެނދުގައި އިށީނެވެ. ފަލަކު ރުއިން ހުއްޓާލަން މަސައްކަތް ކުރަމުން ސަލްމާނާ ދިމާއަށް އެނބުރުނެވެ. އޭނާ އިނީ ބޮލުގައި ދެއަތުން ހިފަހައްޓައިގެންނެވެ. ފަލަކު ބޮކި ދިއްލިއެވެ. އަދި ތެދުވެގެން އައިސް ސަލްމާން ގާތުގައި އިށީނެވެ.
"ސަލްމާނަށް އަހަރެން ގޯސްވާން ފެށީ ކޮންއިރަކު؟ އަހަރެން އެއްޗެއް ބުންޏަސް ސަލްމާން ރުޅި އާދޭ. ހީނލިޔަސް ކަމަކު ނުދޭ. ރޮވިއްޖެއްޔާ އަހަންނާ ދިމާއަށް ހަޅޭއްލަވާ. އަހަރެން ދެކެ ތިވަރަށް ނަފްރަތު ކުރަން ފެށީ ކޮން އިރަކު؟ ތީ ސަލްމާން މީގެ ކުރިން އުޅުނު ގޮތެއް ނޫން. އަހަރެން ދެކޭކަށް ބޭނުމެއް ނުވޭ. އަހަރެންގެ އަޑުއަހާކަށް ބޭނުމެއްނުވޭ. ތީ ކުރިން ހުރި ސަލްމާނެއް ނޫން." ސަލްމާންގެ އަތްމަތީގައި ފަލަކް އަތް ބާއްވާލިއެވެ. ސަލްމާނަށް ހީވީ ކަަރަންޓުގައި ޖެހުނުހެންނެވެ. އޭނާ ކުއްލިއަކަށް އެނދުން ތެދުވިއެވެ.
"އަހަންނަކަށް ނޭނގޭ އަހަންނަށް ވީ ކަމެއް." އޭނާ ގޮސް އައިސް އަލަމާރިން ފެންފުޅިއެއް ނަގައި ފެންފޮދެއް ބޯލިއެވެ. ފަލަކު އޭނާއާ ދިމާއަށް ބަލައިލިއެވެ. ފެން ފުޅި ހިފައިގެން އޭނާ ކޮޓަރި ތެރޭގައި ކުރުކާލި ކަނޑަން ފެށިއެވެ.
"ސަލްމާން އެހެން މީހަކާ ހިތާވީތަ؟" ފަލަކް މަޑުމަޑުން އެހިއެވެ.
ސަލްމާނު ހުރިތަނަށް ހުއްޓުނެވެ. އޭނާގެ މޫނުމަތިން ބަލި ގަބޫލުކޮށްފިކަން އެނގެއެވެ. އޭނާ މަޑުންމަޑުން ހިނގާފައި އައިސް ފަލަކު ގާތުގައި އިށީނެވެ. ފަލަކު އިސްދަށަށް ޖަހައިގެން ނޭވާ ހިފަހައްޓާލައިގެން އިނެވެ.
"އެހެން މީހަކު އުޅެނީތަ؟" އޭނާ ސުވާލު ތަކުރާރު ކުރިއެވެ. ފަލަކު ދެއަތުން މޫނު ފޮރުވިއެވެ.
"އާނ. އަހަަންނަށް އެހެން މީހަކު ދެކެ ލޯބި ވެވިއްޖެ."
ވިރިވިރި ހުރި އެކަތަ ކަންފަތަށް އެޅުނީމާ ވާނޭގޮތް ފަލަކަށް އިހުސާސް ކުރެވުނެވެ. ގަބޫލުކުރަން ދަތިވެފައި އިނދެ އޭނާ ސަލްމާނަށް ބަލައިލިއެވެ.
"ފަލަކު ނޫން މީހަކު ދެކެ ސަލްމާން އަންޞަރަށް ލޯބި ވެވޭނެތަ؟ ފަލަކު ހުއްޓައި އެހެން މީހެއްގެ ގާތަށް އޭނާ ދާނެތަ؟ ދެން އަހަންވީ ކޮން ސުވާލެއް؟ އެއީ ކާކު؟ އޭނާ ހުންނަނީ ކިހިނެއް؟ ނުވަތަ އެ މީހަކާ ހިތާވީ ކިހިނެއް؟ އެމީހަކު ދެކެ ލޯބިވީ ކީއްވެ؟ އެމީހަކާ ބައްދަލުވީ ކޮންތާކުން؟ ބައްދަލުކުރީ ކީއްކުރަން؟ އަހަރެން ގާތު ނުބުނީ ކީއްވެ؟ އަހަންނަށް އޮޅުވާލީ ކީއްވެ؟" އެ ސުވާލުތައް އޭނާގެ ހިތަށް އަރައި ފައިބަމުން ދިޔަ ވަރަކަށް އޭނާ އޭނާ ތުރުތުރު އަޅަމުން ދިޔައެވެ.
"މިކަން ވީގޮތް ކިޔައިދޭކަށް އަހަންނަކަށް ނޭނގޭ. ފަލަކަށް އޮޅުވާލާކަށް ބޭނުމެއް ނުވި. ބޭވަފާތެރިވާކަށް ވެސް ބޭނުމެއް ނުވި. ހުރިހާ ކަމެއްވެސް ވެ ދިޔައީ އަހަރެންގެ އިޚްތިޔާރުން ބޭރުން. މީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން." ބޮލުގައި ދެއަތުން ހިފަހައްޓައިގެން ހުރެ އޭނާ ބުންޏެވެ.
ބުދެއްހެން އޭނާއަށް ބަލަހައްޓައިގެން ފަލަކް އިނެވެ.
"އޭނާ މަސައްކަތް ކުރަނީ އަހަރެމެންގެ ފެކްޓަރީގައި، އެއްޗެހި ބަންދުކުރާ ބައިގައި. އޭނާގެ ނަމަކީ ތާބިންދާ."
"އެއީ ވަރަށް ރީތި މީހެއްތަ؟" ބަލިކަށި އަޑަކުން އޭނާ އެހިއެވެ. އެ އަޑު އައީ ކޮން ދިމާއަކުން ކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ.
"ރީތި މީހެއްހޭ؟ ނޭނގޭ. އަހަންނަކަށް ނޭނގޭ. އޭނާ އެންމެ ފަހަރަކުވެސް ނުފެންނަންޏާ އަހަންނަކަށް އެހެން މަސައްކަތެއް ނުކުރެވޭ. އެހެން ދިމާއަކަށް ބަލައެއް ނުލެވޭ. ކިތަންމެ މަސައްކަތެއް ކުރިއަސް އޭނާ ނޫން މީހަކު އަހަންނަކަށް ނުފެނޭ. ވާލެއް ދުށިންތަ ފަލަކު ދުވަހަކުވެސް؟ އޭނާގެ މޫނު ފެނުމުން އަހަރެން ވާލަކަށް ވެދޭ." ފަލަކުގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލުނެވެ.
(ނުނިމޭ)
Thihen sakaraaiy jahaafa ves nimey iru dhemeehun hamajehigen nimeynee.hageegee dhiriulhumugaves mihen vaanama dhoa