
އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމަށް، އެ ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ކޮމިޝަނުގެ ނައިބު ރައީސް ކަމުގައި މިވަގުތު ހުންނެވި އަމްޖަދު މުސްތޮފާގެ ދައުރު މިމަހުގެ 24 ވަނަ ދުވަހު ހަމަވާތީ އެ މަގާމަށް މެމްބަރަކު އައްޔަން ކުރެއްވުމަށްޓަކައި ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ނަންތަކުގެ ތެރެއިން ފުއާދުގެ ނަން މިއަދު ފާސްވީ 70 މެމްބަރުންގެ ވޯޓާއެކުގައެވެ.
މަޖިލީހުން ފުއާދުގެ ނަން މިއަދު ފާސްކުރިއިރު، ކުރިމަތި ލެއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވިއިރުވެސް، އަދި ފަހުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިންޓަވިއުކޮށް، މަޖިލީހުގެ ތަޅުމަށް ނަންފުޅުތައް ފޮނުވިއިރުވެސް އެންމެ އިސްކަންދެއްވާ ތަރުތީބުގައި އެންމެ ކުރީގައި އޮތީ ފުއާދެވެ.
ފުއާދުގެ އިތުރުން މި މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވީ މިމަހުގެ 24 ވަނަ ދުވަހު ކޮމިޝަނުގެ ދައުރު ހަމަވުމުގެ ސަބަބުން ކޮމިޝަނުގެ ޚިދުމަތާ ދުރަށް ވަޑައިގަންނަވާ އެ ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތޮފާ އާއި، މަރިޔަމް ހަނީފާ ޚާލިދުގެ ނަންފުޅެވެ. ނަމަވެސް އެންމެ ފުރަތަމަ ވޯޓަށް އެއްސެވީ ތަރުތީބުން ކަމަށްވާތީ ފުއާދުގެ ނަންފުޅު ފާސްވުމުން ދެން ހުރި އެއްވެސް ނަންފުޅަކަށް ވޯޓަކަށް ނާހައެވެ.
ފުއާދު ވަނީ މީގެކުރިން އިލެކްޝަން ކޮމިޝަނުގެ ރައީސްކަން ކުރައްވާފައެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަން ކޮމިޝަނާއި، ސުޕްރީމް ކޯޓާމެދު އުފެދުނު ނުތަނަވަސް ކަމެއްގެ ތެރެއިން ފުއާދުގެ މަގާމު ގެއްލުނެވެ.
ކޮމިޓީ މަރުޙަލާގައި އިންޓަވިއުގައި ފުއާދު ވިދާޅުވެފައި ވަނީ ކޮމިޝަނުގެ މެމްބަރު ކަމަށް ހޮވިވަޑައިގެންފިނަމަ، އަދި ޚާއްސަކޮށް ކޮމިޝަނުގެ ރައީސްކަން އަލުން ލިބިވަޑައިގެންފިނަމަ ކޮމިޝަނުގެ މަސައްކަތް މިހާރަށްވުރެ ރަނގަޅު ކުރައްވާނެ ކަމަށެވެ. އެގޮތުން އިލެކްޝަން ކޮމިޝަނަކީ މީޑިޔާއާ ރައްޓެހި ތަނަކަށް ހައްދަވައި، ރާއްޖެ އާއި ރާއްޖެއިން ބޭރުން ކޮމިޝަނުގެ މުއައްޒަފުންނަށް ތަމްރީނު ލިބޭނެ ގޮތް ހައްދެވުމުގެ އިތުރުން ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަން ކޮމިޝަން ރަނގަޅު ކުރެއްވުމަށް ހޯއްދަވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.