ސްރީލަންކާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށްގަދަވާނެ ކަމަށް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވާތީ ކަނޑުދަތުރުފަތުރު ކުރާ މީހުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.
އެކޮޅިގަނޑު މިހާރުދަނީ ރާއްޖެއާ ކައިރިން ހުޅަނގު އުތުރަށް ދަތުރުކޮށް އަރަބި ކަނޑަށް ޖެހުމުން ކަމަށް މޫސުމާ ބެހޭ އޮފީހުން ވިދާޅުވިއެވެ. ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް ވެސް އެ އޮފީހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް މޫސުމާ ބެހޭ އިދާރާއިން އޮޅުން ފިލުވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ ކަނޑުދަތުރުކުރައްވާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި، ދިޔަ ހިއްކާ ޕަންޕްފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރެއްވުމާއި ރޭގަނޑު ދަތުރުތައް ރާވާނަމަ، އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
"މީގެ އިތުރުން ޑައިވް ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ." އެމްއެންޑީއެފުން ވިދާޅުވިއެވެ.
ކަނޑު ދަތުރުފަތުރު ކުރައްވާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
މިޚަބަރުގެ ދެވަނަ ޕެރެގްރާފް ތަރުޖަމާކޮށްދީބަލަ.