އިތުބާރު - 8

(27 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަޅުގަނޑު... އަޅުގަނޑު އޭނާ ފޮނުވާލަން އުޅެންވީ ކީއްވެގެންތޯ؟ އަޅުގަނޑު ހަމައެކަނި އަޅުގަނޑަށް ފެންނަ ގޮތެއް ނަންގަނެލީ. އަޅުގަނޑަށް ފެންނަ ގޮތުގައި އޭނާއަށް އެންމެ ރައްކާތެރި ގޮތަކަށް ވާނީ އޭނާގެ ކާފައާއި ބޮޑުބޭބެ ގާތަށް ދިއުން. މިގެއަކު މުޅި އުމުރުދުވަހު ނޫޅެވޭނެއެއް ނޫންތޯ؟ އަޅުގަނޑުމެން އޭނާ ބަލަހައްޓާނީ ކިހައިދުވަހެއް ވާންދެންތޯ؟" ޙައިދަރު ވާހަކަ ދެއްކީ މަޑުމަޑުން ފަރުވާތެރިކަމާ އެކުގައެވެ.

"ޙައިދަރު! މިއީ ދަރިފުޅުގެ މައްސަލައެއް ނޫން. އޭނާ މިގޭގައި އުޅޭނީ ކިހައި ދުވަހެއް ވާންދެންތޯ ކަނޑައަޅާނީ އޭނާ އަމިއްލައަށް. މުޅި އުމުރު ދުވަހު މި ގޭގައި އުޅެން ކަނޑައެޅިޔަސް އެކަމާ ވާހަކަ ދެއްކުމުގެ ހައްގެއް ދަރިފުޅަކަށް ނޯންނާނެ." ޢާރިފީން ހަރުކަށިކަމާއެކު ބުންޏެވެ.

ޙައިދަރަކަށް އިތުރު ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އެހެންވީމާ އަނގައިންވެސް ނުބުނެ ނާސްތާ ކުރާން ފަށައިފިއެވެ. ސާރާވެސް ހިމޭނުން އިނދެގެން ނާސްތާ ކުރަނީއެވެ. އެކަމަކު އޭނާ މިގޭގައި އުޅުމަކީ ޙައިދަރު ރުހޭ ކަމެއް ނޫންކަން އެންމެ ފުރަތަމަ ދުވަހުވެސް އޭނާއަށް އެނގުނެވެ. މިހާރު އެ ދައްކާ ވާހަކައިން އެކަން ބޮޑަށް ކަށަވަރު ވީއެވެ،

އޭނާގެ ހިތުގައި އޮތް ބުރަ ބޮޑު ވެގެން ދިޔައެވެ. އެތަނުން ނުކުމެގެން ދުވެފައި ހިނގައިދާާނަމޭ އޭނާގެ ހިތަށް އެތައް ފަހަރަކު އެރިއެވެ. ބަޔަކަށް ބުރައަކަށް ވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ގޭގެ އަހުލުވެރިންގެ ނުރުހުމުގައި ގެޔަކު ހުރުމަކީ ލަދުވެތިކަމެކެވެ.

"ބޭކާރު ޚަރަދު ކުރުމާއި ބޭކާރު ޒިންމާ އުފުލުމަކީ އެއްވެސް މީހަކު ހިތްހަމަ ޖެހޭނޭ ކަމެއް ނޫނެވެ. ޙައިދަރު އެ ދެއްކީ ރަނގަޅު ވާހަކައެވެ. މިގޭގައި އުޅެވޭނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟ އޭނާޔާ ބެހޭ ގޮތުން ޙައިދަރުގެ ވިސްނުން ހުރި ގޮތް ނުބައެއް ނޫނެވެ. އޭނާއަށް ގަދަރު ކުރުމަކީ ޙައިދަރަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ޙައިދަރުގެ ބައްޕަ އެއް ދުވަސްވަރެއްގައި އޭނާގެ މަންމަ ދެކެ ލޯބިވިއެވެ. އަދި މިހާރުވެސް އެ ލޯބި ހަމަ އެ ގޮތަށް ދެމި އޮތްކަން ވަރަށް ފާޅުކޮށް އެބަ އެނގެއެވެ. ބައްޕަ ލޯބިވީ އަދި މިހާރުވެސް ލޯބިވާ އަންހެންމީހާގެ ދަރި މިހާރު މިހިރީ ޙައިދަރުގެ ގެއަށް އައިހެވެ. ބުރައަކަށް ވެގެންނެވެ. މިއީ  އެއްވެސް ދަރިއަކަށް ރުހެވޭނޭ ކަމެއް ނޫނެވެ."

ސާރާ ހިތުގެ އަޑިން ގަބޫލުކުރާ ގޮތުގައި ޙައިދަރު އެ ދައްކަނީ  ރަނގަޅު ވާހަކައެވެ. ޙައިދަރުގެ އަމަލުތައް ހުރީވެސް ރަނގަޅަށެވެ. އޭނާޔާ މެދު ޙައިދަރު ދެކޭ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

"ކާފަގެ ގާތަށް ނުދެވުނަސް މިގެއިން ނުކުމެގެން ދާން އަހަންނަށް އެބަ ޖެހެއެވެ. މާ ގިނަ ދުވަހަކު މިގެޔަކު ނޫޅެވޭނެއެވެ."

ސާރާ ހިތާހިތުން ކަނޑައަޅައި ނިންމިއެވެ.

* * *

ސަރްމުދްގެ ކާވެނީގެ ކަންތައް ފެށިއްޖެއެވެ. މަސް ދުވަސް ކުރީން ފެށިގެން އެކި ކަހަލަ ރަސްމިއްޔާތުތައް ބާއްވާން ފަށައިފިއެވެ. އެކަހަލަ މިއުޒިކާއި ނެށުމާއި ސަކަރާތް ޖެހުމުގެ ހަފްލާާތަކަކީ އެއްވެސް އިރަކު ޞަބާއަކަށް ކަމުދާ ކަންކަމެއް ނޫނެވެ. އެއިން ތަނަކަށް ގޮސް އިނަސް މާ ގިނަ އިރަކު ނީނދެއެވެ. އެ ރޭވެސް ވީ އެހެންނެވެ. ރޭގަނޑު ބެރު ޖަހައި މިއުޒިކު ކުޅެ ހަދާ އަޑު އޭނާގެ ގެޔާ ހަމައަށް ފޯރައެވެ. ފޮތެއް ކިޔައިލާން އުޅުނީމާވެސް ކިޔައިލެވޭވަރެއް ނުވިއެވެ. އަޑުފައްގަނޑު ހުއްޓުވުމަކީ އޭނާާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަދި ކުރާން ގަސްތުކުރާ ކަމެއްވެސް ނޫނެވެ.

ކާވެނީގެ ތިންހަަތަރު ދުވަސް ކުރީން އޭނާ ހަފުލާއަށް ގެންދާން އޭނާގެ ތިއްތިބޭބެގެ ދަރިން އެގެއަށް އަތުވެއްޖެއެވެ. އެމީހުން ކިޔާން ފެށީމާ އޭނާއަކަށް އިންކާރެއް ނުކުރެވުނެވެ. އަނެއްކޮޅުން ކާވެންޏަށް ދެން މާ ގިނަ ދުވަހެއްވެސް ނެތެވެ. އެހެންވީމާ ހުރިހައި ކަމަކާ ދެކޮޅު ހެދުންވެސް ރަނގަޅެއް ނުވާނެތާއެވެ. ތިންހަތަރު ދުވަހުން ހުރިހައި ކަމެއް ނިމިދާނެއެވެ. އެހެންވީމާ އޭނާވެސް ބެރުޖަހާ ތާނގައި އިށީނދެގެން އިނދެ އަތްތިލަބަޑި ޖެހިއެވެ. ދޮޅުގަޑިއެއްހައި އިރު އިނދެފައި އެނބުރި ގެއަށް އަތުވެއްޖެއެވެ.

އެރޭ އޭނާ ކޮޓަރިއަށް ވަންތަނާ ޢާރިފީންގެ މަންމަ އަތުވެއްޖެއެވެ.

"ޞަބާ. އަހަންނާއެކު އާދެބަލަ. ޞަބާގެ ބޮޑުބޭބެ ކިޔައިފި މަތީގައި ހުންނަ ޢާރިފީންގެ ކޮޓަރީގެ އެނދު ތަންމަތި އަޅާށޭ. ކޮންމެވެސް އެހެން ބަޔަކު އެބަ އާދެއޭ. އަންހެނުން ތިބެން ހަމަޖައްސާފައި އޮތީ ޚާލިދުގެ ގޭގައި. އޭނާ އެކަން އެބަ އިންތިޒާމު ކުރޭ. އެކަމަކު ފިރިހެނުން ބައިތިއްބާ ވަރަކަށް އެގެޔަކު ޖާގައެއް ނެތް. އެހެންވީމާ ބޮޑުބޭބެ އެންގީ ފިރިހެނުން ގެޔަށް ގެންނަން. ނަޖްމާއާއި ސަލްމާވެސް ދަރިންނާއެކު ކާވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާން މާދަމާ އަންނާނެ. ޢާރިފީންވެސް ވީ އިސްލާމްއާބާދުގައި. އެހެންވީމާ އަހަރެންގެ ހިތަށް އެރީ އޭނާގެ ކޮޓަރިއަށްވެސް ކޮންމެވެސް އެއް ބަޔަކު ލާނީއޭ."

"އެންމެ ރަނގަޅު. ހިންގަވާ ތަންމަތި އަޅަން."

އޭނާ އަށް މިކަން ވެގެން ދިޔައީ އުފާވެރި ކަމަކަށެވެ. މިހައި ގާތްކޮށް މީގެ ކުރީން ދުވަހަކުވެސް ބޮޑުދައިތަ އޭނާޔަކާ ވާހަކައެއް ނުދައްކައެވެ. ދެއްކިއްޔާ ދެއްކީ ހިތުގައި ޖެހޭ ކަހަލަ ވާހަކައެކެވެ. އެހެންވީމާ މިއީ ރަނގަޅު ފާލެއް ކަމަށް އޭނާ ގަބޫލުކުރިއެވެ.

ދެމީހުން އެކީގައި ގޮސް ވަނީ އިސްޓޯރަށެވެ. އެތަނުން އަލަމާރިއެއް ހުޅުވައި ބޭނުންވާ ސާމާނު ނަގާން ފަށައިފައި ކުއްލިއަކަށް ބޮޑުދައިތަ ކިޔައިފިއެވެ.

"ޞަބާ. އަހަރެން މިހިރީ ހަނދާން ނެތިފައި. ޢާރިފީންގެ އެނދު ތަންމަތި އަޅާށޭ އަހަރެން އާސިޔާ ގާތު ބުނިން. އަހަންނަށް ހީވަނީ އޭނާ އެކަން ކޮށްފިހެން. މި އަލަމާރިން ބައެއް ފޮތި މަދު. ޢާރިފީންގެ ކޮޓަރިއަށް ގޮސް ތަންމަތި އަޅާފައި ހުރިތޯ ބަލާފައި އާދޭ. އަޅާފައި ހުރިއްޔާ މި ހުރިހައި ސާމާނު ހިފައިގެން އަނެއްކާ މައްޗަށް އަރާނެ ކަމެއް ނެތެއްނު؟ އަނެއްކާ ހުރިހައި އެއްޗެއް ހިފައިގެން ފައިބަންވެސް ޖެހިދާނެ."

"އެންމެ ރަނގަޅު ބޮޑުދައިތާ. އަޅުގަނޑު ބަލާފައި އެބަ އަންނަން." އޭނާ ކިޔަަމަންތެރިކަމާއެކު އިސްޓޯރުން ނުކުމެގެން، މަތީބުރިއަށް އަރާން ހުންނަ ސިޑިއާ ދިމާއަށް ހިނގައިގެންފިއެވެ.

ޢާރިފީންގެ ކޮޓަރީގެ ދޮރު ހުރީ ހުޅުވައިފައެވެ. އެތެރެއިން ފެންނަނީ ވަރަށް ފަނޑު އައްޔެކެވެ. އޭނާ ކުޑަކޮށް ޖެހިލުންވިއެވެ.

"ކާާކު އެތެރޭގައި އުޅެނީ؟" އޭނާ ބޭރުގައި ހުރެގެން އަހައިިއެވެ.

"ޞަބާ. އަހަރެން. މި ކޮޓަރީގެ ބޮކި ޖަހާ ހޯލްޑަރުހުރީ ހަލާކު ވެފައި. ބޮޑުދައިތަ ބުނެގެން އެ ރަނގަޅު ކޮށްލަން ވެގެން މި އުޅެނީ" އޭނާއަށް އޭނާގެ ތިއްތިބޭބެގެ ދަރިފުޅު ޢާދިލްގެ އަޑު އެނގިއްޖެއެވެ. އެހެންވީމާ ހިތްހަމަ ޖެހިގެން ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އޭރު ޢާދިލް އެއް އަތުން ފާނޫޒެއް ހިފައިގެން ހަރުގަނޑަކަށް އަރައި ހުރެގެން ހޯލްޑަރުގައި ބޮކި ޖަހަން މަސައްކަތް ކުރަނީއެވެ.

"އަހަރެން މި އައީ މި ކޮޓަރީގެ އެނދުތަންމަތި އަޅާފައި ހުރިތޯ ބަލަން. އެކަމަކު މި ކޮޓަރިއަކު އެނދެއްވެސް ނެތް." ފަނޑު އަލީގެ ތެރެއިން އޭނާ ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ.

"މިތަނަށް މިހާރު ތިޔަހަރީ އާދެވިފައިތާ. މި ފާނޫޒުން އަލިކޮށްލަ..." ޢާދިލްގެ ވާހަކަ ފުރިހަމަަ ނުވަނީސް ކޮންމެވެސް މީހަކު ދޮރު ލައްޕައިފިއެވެ. އޭނާ އަވަސް އަވަހަށް ހަރުގަނޑުން ފައިބައިފިއެވެ.

"އެވީ ކިހިނެއް؟" ޢާދިލް ދޮރާ ދިމާއަށް ހިނގައިގެންފިއެވެ. ދޮރު ހުޅުވާން ހިފި އިރު ހުރީ ބޭރުން ތަޅުލައިފައެވެ.

"ޞަބާ. ކޮންމެވެސް މީހަކު ބޭރުން ތަންޑު އަޅުވައިފި." އޭނާ ހާސް ވެފައި ބުނެލިއެވެ.

"އަހަރެން ދޮރުގައި ތަޅާނަން. ބޮޑުދައިތަ ބޭރުގައި އެބައުޅޭ. އަޑު އިވިގެން އައިސް ހުޅުވައި ދީފާނެ."

ޢާދިލްް ފަދައިން ޞަބާ ބިރެއް ނުގަނެއެވެ. އޭނާ ބާރަށް ދޮރުގައި ތަޅާން ފަށައިފިއެވެ. ދެތިން މިނިޓު ވީއިރުވެސް މީހެއްގެ ޚަބަރެއް ނުވެއެވެ. ޢާދިލް ހުރީ ވަރަށް ބޮޑަށް ބިރު ގެންފައެވެ. ބޮކި ޖަހަންވެސް ހަނދާން ނެތިއްޖެއެވެ.

އަނެއްކާވެސް ދެތިން މިނިޓު ފާއިތު ވެގެން ހިނގައްޖެއެވެ. މީހެއްގެ ޚަބަރެއް ނުވެއެވެ. ޞަބާވެސް މިހާރު ބިރު ގަންނާން ފަށައިފިއެވެ. އެ ދެމީހުން ތިބި ތަނާއި ހާލަތު އޮތް ގޮތް އިހުސާސް ކުރެވިއްޖެއެވެ. ކުއްލިއަކަށް ތިރީން ބަޔަކު ބާރަށް ވާހަކަ ދައްކާ އަޑު އިވޭން ފަށައިފިއެވެ. ޞަބާ ދޮރުގައި ތެޅުން ހުއްޓާލައިފިއެވެ.

އިވެނީ ވަރަށް އާދަޔާ ޚިލާފު އަޑެކެވެ. ތޫލި އަޑެއްވެސް އިވޭހެން ހީވެއެވެ. ޞަބާ ބިރުން ހުރެ ޢާދިލްގެ މޫނަށް ބަލައިލިއެވެ. އޭނާގެ މޫނުވެސް ހީވަނީ ހުދު ކަފަކޮޅެއްހެންނެވެ. އަޑު މިހާރު އަންނަނީ ކައިރި ވަމުންނެވެ. ސިޑިން ބަޔަކު އަރަނީކަން ގައިމެވެ. ޞަބާއަށް ބޮޑުދައިތަގެ އަޑު ފާހަގަ ކުރެވިއްޖެއެވެ. ބޮޑުދައިތަ އަޑުންއަޑު ނަގައި ރޮނީއެވެ. އެޔާއެކު ކޮންމެވެސް އެއްޗެކޭ އެބަ ކިޔައެވެ. އެ ދެ މީހުން ދޮރުގައި ތެޅުމުގެ ބަދަލުގައި އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ތިބީއެވެ. ނޭވާ ހިފަހައްޓައިލައިގެންނެވެ. ބޮޑުދައިތަ ކިޔާ އެއްޗެއް އެމީހުންނަށް މިހާރު އެބަ އޮޅުންފިލައެވެ. އެހެންވީމާ ދޮރުގައި ނުތެޅިޔަސް ދޮރު ހުޅުވާނެކަން ވަރަށް ރަނގަޅަށް އެނގިއްޖެއެވެ.

* * *

ކޮންމެ ދުވަހަކު ނޫސް ލިބުނީމާ އޭނާ ބަލަނީ ނޫހުގައި އިޝްތިހާރު ކޮށްފައި ހުންނަ ވަޒީފާގެ ފުރުސަތުތަކެވެ. އޭނާއަށް އަދާ ކުރެވިދާނެހެން ކިރިޔާވެސް ހީވާ ކަހަލަ ވަޒީފާއެއް އޮތިއްޔާ އެ ވަޒީފާއަކަށް އެދި އޭނާ ލިޔެއެވެ. އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި މާސްޓަރސް ނެތިއްޔާ ވަޒީފާ ލިބުން ފަސޭހައެއް ނޫނެވެ. ފުރަތަމަ ޑިގްރީ އޮތިއްޔާ އެ ޑިގްރީ ނެގިތާ ތިން މަސް ދުވަސް ހަމަނުވެ އޮތުން ލާޒިމެވެ. އޭނާ ފުރަތަމަ ޑިގްރީ ނެގިތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ. އެކަމަކު ގަރަންޓީއެއް ދޭނޭ މީހަކު ނެތިގެން ވަޒީފާ ނުލިބޭ ގޮތް ނުވުން އެއީ ހިތްހަމަ ޖެހޭ ކަމަކަށް ވިއެވެ.

ވަޒީފާއެއް ލިބޭތޯ މަސައްކަަތް ކުރާ ވާހަކަ އޭނާ އަދި ޢާރިފީން ޢައްބާސް ގާތަކު ނުބުނެއެވެ. އޭނާ ނިންމައިގެން ހުރީ ވަޒީފާ ލިބުނީމާ ބުނާށެވެ. އޭގެ ކުރީން ބުނެފިއްޔާ ވަޒީފާ ހޯދުމުގެ މަސައްކަތް ހުއްޓުވައިފާނެތީ އޭނާ ޖެހިލުންވީއެވެ.

މަޑުމަޑުން އިންޓަވިއުއަށް ދާން ސިޓީ އަންނާން ފަށައިފިއެވެ. އެހެންވީމާ އޭނާ ގެއިން ބޭރަށް ދާންވެސް ފަށައިފިއެވެ. އޭނާ އިންޓަވިއުއަށް ދާ ކަމެއްވެސް ޢާރިފީން އަކަށް ނޭނގެއެވެ. ގެއަށް ފޯނު ކުރާއިރު އޭނާ ނެތިއްޔާ ނޯކަރު ބުނަނީ ރައްޓެއްސެއްގެ ގެއަށް ދިޔަ ވާހަކައެވެ. އެއީ އޭނާ ނޯކަރުން ގާތު ބުނާ ގޮތެވެ. ފަހުން ޢާރިފީން ސުވާލު ކުރީމާވެސް އޭނާ ހިތްހަމަ ޖެހޭ ވަރުގެ ޖަވާބެއް ދީފައި ނިންމައިލަނީއެވެ.

ޢާރިފީން ޢައްބާސް ހުންނަނީ ހިތްހަމަ ޖައްސާލައިގެންނެވެ. މަޑުމަޑުން ނަމަވެސް ރަށުގެ އާބުހަވަޔަށް ފެތި، ފެނަށް ދިރެން ފެށީމާ ރަނގަޅު ވާނެ ކަމަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ.

ސަހަރުގެ ބޮޑުކަމާއި ވަޒީފާއެއް ހޯދުމުގެ ދަތިކަން އޭނާއަށް އިހުސާސް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރީން މަންމަ މަސައްކަތް ކުރި ކާރުޚާނާއިން އޭނާއަށް ވަޒީފާއެއް ލިބުނީ މަންމަގެ ސަބަބުންނެވެ. އޭރުވެސް އެހެން ތަނަކުން ވަޒީފާއެއް ހޯދާން އުޅެއުޅެ ލިބޭ ގޮތެއް ނުވިއެވެ. އެކަމަކު އޭރަކު އޭނާ ކަންބޮޑެއް ނުވެއެވެ. މި ފަހަރު ތަފާތެވެ. މިހާރު ވަޒީފާއެއްގެ ބޭނުން މި ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. އަމިއްލަ ޚަރަދު ބެލެހެއްޓޭ ވަރުގެ އާމްދަނީއެއް ހޯދުުގެ މުހިއްމުކަން ވަރަށް ބޮޑެވެ.

ދުވާލު ހަތަރު ދަމު އެއް އޮފީހުން އަނެއް އޮފީހަށް ހިނގުމުގެ ސަބަބުން އޭނާ ވަރުބަލި ވެއްޖެއެވެ. އޭނާއަށް އިހުސާސް ކުރެވުނު ގޮތުގައި އޭނާއަށް އޮތް ވަޒީފާއެއް މި ދުނިޔޭގެ އެއްވެސް ތަނަކު ނެތެވެ.

އެރޭވެސް އާދައިގެ މަތީން ކާން ތިބެގެން ޢާރިފީންއާއި ޙައިދަރު ފަރަންސޭސި ބަހުން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ކާ ހިތްނުވެ ހުރެމެ، ކަމުން ދިޔައެވެ. އެހެން ރޭރެޔާ ޚިލާފަށް އެރޭ އެންމެ ފުރަތަމަ ތެދުވެގެން ދިޔައީ ޢާރިފީންއެވެ. ޙައިދަރު މޭޒުދޮށުގައި އިނީއެވެ. ޢާރިފީން ދިޔަތާ މާ ގިނަ އިރުތަކެއް ނުވެ ސާރާވެސް ތެދުވެއްޖެއެވެ. އެވަގުތު ޙައިދަރު އޭނާ ހުއްޓުވިއެވެ.

"ސާރާ. އިހަށް އިށީނދެބަލަ. އަހަރެން ވާހަކައެއް ދައްކާލަން ބޭނުން."

(ނުނިމޭ)

6 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.