2018 ގެ ނިޔަލަށް މާލޭ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ މަސައްކަތް ނިމި އަމާޒު ކޮށްފައިވާ 50 ރިސޯޓު ހުޅުވުނީމާ ނުވަދިހަ ފަސް ހާސް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށާއި އެހެން ނަމަވެސް އެ ވަޒީފާތަކުގެ ފައިދާ ދިވެހިންނަށް ކުރާނީ އޭގެ ބޭނުން ހިފީމާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅު ވެއްޖެއެވެ. ޒުވާނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެކި ވަޒީފާތަކުން ބިދޭސީން އެއް ފަރާތްކޮށް ދިވެހިން އެ ވަޒީފާތަކަށް ލެއްވުމަކީ ސަރުކާރަކަށް ފަސޭހަ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނަކުން މަޖުބޫރު ކޮށްގެން ކުރުވާ ކަމަކަށް ވުމުގެ ބަދަލުގައި އުފެދޭ ވަޒީފާތަކުގެ ބޭނުން ހިފުމަކީ ޒިންމާއެއް ކަމަށް ދިވެހިން ބަލަން ޖެހިއްޖެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ދުނިޔެ ކުރިއަރަމުން އަންނަ މިންވަރަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ މުޅި ދުނިޔޭގައި އެއް ފައިސާ ފޮއްޗެއް ބޭނުން ކުރަން ފެށުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށާއި ތަރައްގީއަކީ އަޅުގަނޑުމެން ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ އަތުން ބީވެގެން ހިނގައިދާނޭ ކަމެއް ކަމުގައެވެ. އެހެންވީމާ ދުނިޔެއަށް އަންނަ ބަދަލާއެކު އަޅުގަނޑުމެންވެސް ބަދަލުވެ ފުރުސަތުގެ ބޭނުން ހިފާ ބަޔަކަށް ވާން ރައީސް ގޮވައިލެއްވިއެވެ.
އަދި ޒުވާން ފިރިހެން ކުދިންނެކޭ އެއް ފަދައިން ޒުވާން އަންހެން ކުދިންވެސް އެކި ވަޒީފާތަކަށް ނުކުންނާން ޖެހޭ ކަމަށާއި، ކޮންމެ ވަޒީފާއަކުން ބޮޑު މުސާރައެއް ނުލިބުނަސް ވަޒީފާއެއް އަދާ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރަންވެސް އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. އަދި ގައުމު ތަރައްގީ ކުރުމާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއު ކުރުމާއި ހިފެހެއްޓުމަކީ މީގެ ކުރިންވެސް ޒުވާނުން ކުރަމުން އައި ކަމެއް ކަމަށާއި މީގެ ފަހުންވެސް އެކަން އެ ގޮތަށް އޮތުމަކީ މުހިއްމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސްގެ ވާހަކަފުޅަށް ފަހު ކުރިއަށް ދިޔަ ބޮޑު ބެރު ލަވައިގެ އައިޓަމުގައި ދެ ޖިންސުގެ ޒުވާނުން އެ ކުދިންގެ ހުނަރު ދެއްކިއެވެ. ބޮޑު ބެރު ޖަހަމުން ދިޔަ އިރު ރައީސުލްޖުމްހޫރިއްޔާ ބެރުގެ ރާގަށް އިސްތަށިފުޅު ޖައްސަވައި ކުޑަކޮށް ހަށިކޮޅު ހަރަކާތްތެރި ކުރެއްވި ތަން ފެނުނެވެ.