އީރާނުގެ ތެޔޮ ޓޭންކަރަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ގައުމެއްގެ ނުވަތަ ގައުމުތަކެއްގެ ސަރުކާރު: ޒަރީފު

ތެޔޮ ޓޭންކަރު ސާބިތީއަށް ދެ މިސައިލުން ދިން ހަމަލާގައި ލިބުނު ގެއްލުން

ފާއިތުވި ހަފްތާ ތެރޭގައި ސައޫދީ އަރަބިއްޔާގެ ޖިއްދާއާއި ދިމާއަށް ބޭރުން ރަތް ކަނޑުގައި ދަތުރުކޮށްފައި ދަނިކޮށް މިސައިލް ހަމަލާއަމާޒުވި ތެޔޮ ޓޭންކަރު، ސާބިތީއަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ގައުމެއްގެ ނުވަތަ ގައުމުތަކެއްގެ ސަރުކާރު ކަމުގައި އީރާނުގެ ޚާރިޖީ ވަޒިރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވެއްޖެއެވެ.

"ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އީރާނުގެ ޓޭންކަރަށް ދިން ހަމަލާ ދިނުމުގައި ގައުމެއްގެ ނުވަތަ  ގައުމުތަކެއްގެ  ސަރުކާރު ބައިވެރިވޭ. ޝައްކެއް ނެތް. ތަހުގީގު ވަނީ ފެށިފައި. އެހެންނަމަވެސް، ޔަގީންވާ ނަތީޖާއަކާ ހަމައަށް ދެވުމުން މެނުވީ ވަކި ގައުމަކަށް އަހަރުމެން ތުހުމަތު ނުކުރާނަން." އީރާނުގެ އިސްލާމިކް ކޮންސަލްޓެޓިވް އެސެމްބްލީ ނިއުސް އެޖެންސީ (އިކާނާ) އަށް ދެއްވި ބަސްދީގަތުމެއްގައި ޒަރީފު ވިދާޅުވިއެވެ.

"ޓޭންކަރަށް ދިން ހަމަލާއަކީ، ސަރުކާރެއް ފަހަތުގައި އޮވެގެން ދީފައިވާ މަތީފެންވަރުގެ ރޭވުންތެރިކަން އެކުލެވޭ އަމަލެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.

ސާބިތީއަށް ދެ މިސައިލުން ހަމަލާދީފައި ވަނީ ޖިއްދާއާ ދިމާއަށް 100 ކިލޯމީޓަރު ބޭރުން ދަތުރުކޮށްފައި ދަނިކޮށެވެ. ޓޭންކަރުގެ ވެރިފަރާތް ނޭޝަނަލް އީރާނިއަން އޮއިލް ކޮމްޕެނީ (އެންއައިއޯސީ) އިން އާއްމު ކުރި ފޮޓޯތަކުގައި މިސައިލުތައް ޓޭންކަރަށް އަރާފައިވާ ތަންތަން ސާފުކޮށް ފެންނާން ހުއްޓެވެ.  

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ދެއްވަމުން އީރާނުގެ ރައީސު ޙަސަން ރޫޙާނީވެސް ވިދާޅުވީ ޓޭންކަރަށް ހަމަލާދިނީ ސަރުކާރަކުން ކަން ޔަގީންކަމަށާ، އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެޙޭނެ ކަމަށެވެ.

އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޮގަނައިޒޭޝަންގެ ވެރިޔާ މުޙައްމަދު ރަސްތާދު މިއަދު ވިދާޅުވި ގޮތުގައި ތެޔޮ ޓޭންކަރު ސާބިތީއަށް ހަމަލާ އެރިއިރު އޭގައި 1 ލައްކަ 40 ހާސް ޓަނުގެ ސާފުނުކުރާ ތެޔޮ ހުއްޓެވެ. އަދި ވަގުތުން އެޅި ފިޔަވަޅުގެ ސަބަބުން ތެލުގެ ބޮޑުބައި ވަނީ ސަލާމަތްކުރެވިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އުޅަނދު މިހާރު ދަތުރުކުރަމުން ދަނީ ބަންދަރު އާއްބާސްއަށް ދިއުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.