ވަޒީފާތަކަށް ދިވެހީން ނަގާކަމަށްވާނަމަ ދިވެހީން ވަޒީފާ އަދާކުރާ ވައްޓަފާޅިއަށް ބަދަލު ގެންނަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްއުސްތާޒު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ސިވިލްސާވިސްގެ ވަޒީފާތަކުގައިއުޅެމުންދާ މީހުން ވަރަށްގިނަދުވަހު އޮފީހަށް ހާޒިރުނުވާކަން ހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ. އެހެންވީމާ އެފަދަ ކަންކަން ދިވެހީން ރަނގަޅުކޮށް ވަޒީފާ އަދާކުރުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ގެންދަވަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެމަސައްކަތުގެ ދަށުން ބިދޭސީންގެ ޢަދަދު މަދު ކުރެވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ޤަވާޢިދާ ޚިލާފަށްއުޅޭ މީހުން ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތުދީ ޤާނޫނާއި ޤަވާޢިދުގެ ތެރެއަށް ވެއްދުމަށްފަހު އަލުން މިހާރު އޮތްގޮތް ނުވާގޮތް ހެދިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރީން ގިނަވެގެން ދިވެހީން ކަންބޮޑުވާތަނެއް ނުފެންނަ ކަމަށެވެ. ދިވެހީން ކަންބޮޑުވަނީ ޤާނޫނާ ޚިލާފަށް ބިދޭސީން އުޅުމާއި ކުދިވިޔަފާރިތަކަށް ވަދެ ނޭދެވޭ ކަންކަން ކުރަމުންދާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފިހާރަތަކުގައި ސޭޓުންގެ ގޮތުގައި ބިދޭސީންނަށް ނުތިބެވޭނެ ގޮތަށް ކުރީސަރުކާރުން ނިންމިއެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ޙައްލުކުރުމަށް މިހާރުވެސް ފިހާރަތައް ބަންދު ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ބަންދު ކުރުމަކީ ވެސް ޙައްލެއް ނޫންކަމަށް ވިދާޅުވިއެވެ. އެއީ އެވިޔާފާރިއެއް ހިންގައިގެން ދިވެހީންގެ ތެރެއިން ބަޔަކަށް ވަޒީފާ ލިބުމުގެ ފުރުސަތު ވެސް އޮތުމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ބިދޭސީންގެ ކަންކަން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންދާއިރު ވެސް ޙަޤީޤީ މަސައްކަތަށް ބޭނުންވާ މީހުން ހޯދަން ކޯޓާއަށް އެދުމުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޯޓާވެސް ލިބޭނެ ކަމަށެވެ. ބިދޭސީން ގެނައުމަށް ކުރީގެސަރުކާރުން ޙަޤީޤަތުގައި ކޯޓާއެއް ނުލިބޭ ކަމަށާއި މަސައްކަތް ކުރަމުންދިޔައީ މަގުމަތީން މީހުން ނަގައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.