ކަޝްމީރުގައި ބޮޑު ލޭއޮހޮރުވުމެއް ހިނގުމަކީ ގާތް ކަމެއް: އިމްރާން ޚާން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަނީ

ކަޝްމީރުގެ އިންޑިޔާ ފަޅީގައި ހިންގާފައި އޮތް ކާފިއު އުވާލުމާއެކު އެ ސަރަހައްދުގައި ބޮޑު ލޭއޮހޮރުވުމެއް ހިންގުމަކީ ގާތް ކަމެއް ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އދ. އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަމުން އޭނާ އިންޒާރުދެއްވި ގޮތުގައި ނިއުކުލިޔާ ހަތިޔާރު ހުރި ދެ އަވަށްޓެރިންގެ މެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ އަސަރުކުރާނީ ދެގައުމަށް އެކަންޏެއް ނޫނެވެ.

ވަރަށް ޖަޒުބާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ޚާން ވަނީ އިންޑިޔާއިން ކަޝްމީރަށް ދީފައި އޮތް އިމްތިޔާޒުތައް ނިގުޅައި ގަތުމަށް ފަހު އެ ސަރަހައްދުގެ ހާލަތު ބަޔާންކުރައްވާފައެވެ.

"އެތަނުގައި (އިންޑިޔާ) ސިފައިންގެ 9 ލައްކަ މީހުން އެބައިތިބި. އެމީހުން އެތަނަށް އައީ (ނަރެންދްރަ މޯދީ ވިދާޅުވި ފަދައިން) އެތަނުގެ ކުރިއެރުމަށް މަސައްކަތްކުރާކަށް ނޫން. އެމީހުން (ކަޝްމީރު މީހުން) ނުކުތުމުން ސިފައިންގެ 9 ލައްކަ މީހުން އެތަނުގައި ކުރަނީ ކީއް؟ އެތަނުގައި ބޮޑު ލޭއޮހޮރުވުމެއް ހިނގާނެ." އިމްރާން ޚާން ވިދާޅުވިއެވެ.

"ކަމެއް ގޯސްވެއްޖެނަމަ އަބަދުވެސް އުއްމީދު ކުރަންވާނީ ރަނގަޅަށް. އެހެންނަމަވެސް އެންމެ ނުބައި ހާލަތަށްވެސް ތައްޔާރުވެ ތިބެން ޖެހެނީ." އޭނާ އިތުރަށް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަޝްމީރުގެ މައްސަލައިގައި މި މޭމުރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއްމު މަޖިލީހުގައި ތަގްރީރުކުރައްވަމުން ކަޝްމީރުގެ ނަންވެސް ގެންނަވާފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މޯދީގެ ތަގުރީރުގައި ކަޝްމީރުގެ މައްސަލައިގެ ވާހަކަ ނުގެންނަވައި އޭނާ ވަނީ އާއްމުކޮށް ޓެރަރިޒަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.

"އަހަރުމެން ނިސްބަތްވަނީ ދުނިޔެއަށް ހަނގުރާމަ ގެނެސްދިން ގައުމަކަށް ނޫން. ބުއްދާގެ ސުލްހައިގެ މެސެޖް ދުނިޔެއަށް ގެނެސްދިން ގައުމަށް. އަހަރުމެން ޓެރަރިޒަމާ ދެކޮޅަށް އަޑުއުފުލާ ސަބަބަކީ އެއީ. އެކަމުގެ ނުބައިކަމަށް ދުނިޔެ ހޭލެއްވުމަށް." މޯދީ ވިދާޅުވިއެވެ.

ނަރެންދްރަ މޯދީ މިހެން ވިދާޅުވިނަމަވެސް، ކަޝްމީރުގެ ރައްޔިތުން ގޭ ބަންދުގެ ހާލަތުގައި ބައިތިއްބައި، އަސާސީ ޚިދުމަތްތަކުން މަހުރޫމުކޮށް ހިންގަމުންދާ އަމަލުތަކަކީ ޓެރަރިޒަމް ކަމަށް ދެކޭ ގައުމުތައް ދުނިޔޭގައި މަދެއް ނޫނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ އިންޑިޔާއިން ހިންގާ ޓެރަރިޒަމް ވަރަށް ރީތިކޮށް ސިފަކޮށްދެއްވާފައެވެ.

"އަހަރެން ތަސައްވަރު މިކުރަނީ އަހަރެން މިހިރީ ކަޝްމީރުގައި ކަމަށް. އަހަރެންނަށް އެއްވެސް ތަނަކަށް ނުދެވޭ ގޮތަށް ބަންދުކޮށްފައި ހުންނަތާ 55 ދުވަސް ވެއްޖެ.... އަންހެނުންގެ އިއްފަތްތެރިކަން ދަނީ ފޭރެމުން. އިންޑިޔާ ސިފައިންގެ މީހުން ދަނީ ގެތަކަށް ވަންނަމުން. މި ގޮތަށް ނިކަމެތިކޮށްލުމުން އަހަރެން މަޑުން ހުންނަންވީތަ؟ އަހަރެން އެގޮތަށް ދިރިއުޅެން ބޭނުންވާނެތަ. އަހަރެން ބަޑިއެއް އުފުލާލާނީ." އިމްރާން ޚާން ވިދާޅުވިއެވެ.

"ކަލޭމެން މީހުންނަށް ހައްދު ފަހަނައަޅައިދާން މަޖުބޫރުކުރަނީ." އިންޑިޔާއާ މުޚާޠާބުކުރައްވަމުން އިމްރާން ޚާން ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.