ދަރީންނަށް މަސައްކަތް ދަސްކޮށްދީ، ޅަ އިރުއްސުރެ މަސައްކަތަށް ލޯބި ޖައްސުވައި ހީވާގި ބަޔަކަށް ދަރީން ހަދަންޖެހޭނެ ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ ދަރީންނަށް މަސައްކަތް ދަސްކޮށްދީ މުޖުތަމައުގެ މަސައްކަތުގައި ބައިވެރިކުރުވުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. އަމިއްލައަށް ކުރެވޭވަރުގެ ކަންތައްތައް އަމިއްލައަށް ކުރުމުގެ އާދަ ދަރީންގެ ކިބައިގައި ހަރުލައްވަން ޖެހޭނެ ކަމަށާއި ގޭތެރޭގައާއި މުޖްތަމައުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫޙު އަށަަގަންނުވަން ޖެހޭ ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. ހަމައެހެންމެ ބޭނުންތެރި، ހުއްދަ އެއްވެސް މަސައްކަތެއް ކުރުމުގައި ޖެހިލުންވިޔަ ނުދިނުމަށް ބާރު އަޅާފައިވެއެވެ. މަސައްކަތް ކުރުމަކީ ޙައްގެއް ކަމާއި އެއީ ޝަރަފެއް އަދި ވާޖިބެއް ކަމުގައި ވެސް ފާހަގަކޮށް އެއީ ކުރުއެރުމެއްކަން ދަނެ އެ ޝިޢާރު އުފުލަންޖެހޭކަން ފާހަގަކުރިއެވެ. އަދި ތިމާ ކުރާ ކޮންމެ ކަމެއް ކުރަންވާނީ އެ ކަމެއް ކުރެވެން އޮތް އެންމެ ރަނގަޅަކަށް އަދި ފުރިހަމަ ގޮތުގައި ކަމަށާއި އޭރުން އެ މީހަކު ދެކެ ﷲ ލޯބިވެ ވޮޑިގަންނަވާނެ ކަމަށެވެ.
ނަމަވެސް އެއާ ޚިލާފަށް މުޖްތަމައުން ފެންނަމުންދަނީ މަސައްކަތުގައި ފަރުވާ ކުޑަކުރުމާއި، ތެދުވެރިކަމެއް ނެތި ހަމައެކަނި ފައިސާގެ ދަިހވެތި ކަމުގައި މަސައްކަތް ކުރާތަން ކަމަަށާއި އޭގެ ސަބަބުން ބަރުދާސްތު ނުކުރެވޭ ފަދަ ގެއްލުންތައް ލިބެމުންދާ ކަން ފާހަގަކުރިއެވެ. އޭގެ ސަބަބުން އެންމެންނަށްވެސް ލިބެމުންދާނީ ގެއްލުން ކަމަށާއި މަކަރާއި ޙީލަތުން އެއްކިބާވެ ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ޚުޠުބާގައި ގޮވާލިއެވެ. އަދި އެފަދަ ނުބައި ވިހަ އަސަރު މުޖްތަމައުން ފިލާނީ މުސްލިމުންގެ ޅަދަރީންނާއި ޒުވާނުންގެ މެދުގައި މަސައްކަތްތެރިކަމުގެ އޮށް އިންދައިންގެން ކަން ފާހަގަކުރިއެވެ.
މިއަދުގެ ޚޫޠުބާގަިއ ފާހަގަކުރި ގޮތގުަިއ އިސްލާމީ ޙޞާރަތު ކުރިއަރައި ދިޔައީ މުސްލިުން މަސައްކަތްތެރިކަމުގެ މައިދާނުގައި ޙަރަކާތްތެރިވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި އިސްލާމުން ބިނާކުރި ކިއްލާތަކާއި ބޮދެތި ބިނާތަކަކީ މިއަުވެސް މަސައްކަތްތެރި ކަމުގެ ނަމޫނާ ތަކެއްކަށް ފާހަގކުރިއެވެ.
"ދިފާޢީ ފިޔަވަޅެއްގެ ގޮތުން ޚަންދަޣް ކޮނުމާއ ސްޕޭނުގައި ބިނާޚުރި ޤަޞްރުލްޙަމާރާ އާއި ވަށްބުރެއްގެ ސިފައިގައި ބަޣުދާދު ބިނާކުރުމާއި މިޞްރުގައި އަލްއަޒްހަރް ބިނާކުރެއްވުމާއި ދިމިޝްޤގުގެ އަލްޖާމިޢުލްއުމަވީ އާއި ޤުދުސްގައި ހުރި ޤުއްބަތުއްޞަޚްރާ ބިނާކުރުން ފަދަ މަސައްކަތްތަކުން ވެސް އިސްލާމުންގެ މަސައްކަތްތެރިކަމުގެ ފެންވަރު ވަރަށް ރީތިކޮށް ހާމާވާން އެބަހުއްޓެވެ." ޚުޠޫބާގަިއ ފާހަގަކުރިއެވެ. އެއީ އެތަންތާނގައި ކުރަހާފަިއ ހުރި ލިޔުންތަކުންނާއި ކުރަހާފައި ހުރި ކުރެހުންތަކުން ކަމަށާއި ކޮށްފައިވާ މަސައްކަތުގެ ފުރިހަމަ ކަމުންނާއި ބިނާތަކުގެ ވަރުގަދަ ކަމުން ކަން ފާހަގކުރިއެވެ.
މީގެ ިއތުރުން ދިވެހި ކާބަފައިންނަކީ ވެސް މަސައްކަތް ކުރުމުގައި އިސްލާމީ އުޞޫލުގެ މަތިން ކަމަށް ކަމޭ ހިތައި އެކަމެއް ވީ އެންމެ ފުރިހަމައަށް ކުރި ބައެއްކަން މާލޭގެ ހުކުރު މިސްކިތާއި ޢީދު މިސްކިތާއި ދިވެހި ސަގާފީ ތަރިކައެއް ކަމުގައިވަ މަޝްހޫރު ކަޅުވަކަރު މިސްކިތް ފެނިގެންދާ ކަމަށް ބުންޏެވެ. މިގެ އިތުރުން ރަށްރަސުގައި ހުރި މިފަދ މަސައްކަތް ވެސް ފާހަގަކުރިއެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި ގައުމެއް ކުރިއަރައި ދާނީ ގައުމެއްގެ ދަރީންނަކީ ގޯތިގެފޮރުގެ މަސައްކަތާއި އަމިއްލަ މަސައްކަތްތަކުން ފެށިގެން ގައުމީ ފެންވަރުގެ މަސައްކަތުގައި ފަސްނުޖެހި ބައިވެރި ވެގެންކަން ފާހަގަކުރިއެވެ. އެހެންކަމުން ދަރީންނަށް ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތު އެބައެްގެ ކޮނޑުގައި އެޅިފައިވާ ފަރާތްތަކުން އިސްލާމީ ގިއުގަނޑެއްގެ ތެރޭގައި ދަރީންނަށް ތަރުބިއްޔަތު ދީ މަސައްކަތްތެރިކަމުގެ ޝައުގެވެރިކަން އެކުދިންގެ ހިތްތަކުގެި އުފެއްދުމުގެ މައްޗަށް ޚުޠުބަގަިއ އަލިއަޅުވާފައިވެއެވެ. އަދި ހަމައެހެންމެ އިޖްތިމާއީ މަސައްކަތްތެރިކަމުގައި ބައިވެރިވެ އެއްބާރުލުމުގެ ރޫޙު ދަރީންގެ ކިބައގައި އަށަގެންނެވުމަކީ ވަރަސް މުހިއްމު ކަމެއްކަން ފާހަގކުރިއެވެ. މުޖްތަމައު ކުރިއަރައިދާނީ ދަރީން ހަރުދަނާ ބަޔަކަށްވެގެން ކަން ފާހަގަކޮށް ދަރީންނަކީ މަސައްކަތްތެރި، އުފެއްދުންތެރި، ހީވާގި ބަޔަކު ކަމުގައި ހެދުމުގެ މައްޗަށް ވެސް އަލިއަޅުވާފައިވެއެވެ.
މިއަދުގެ ޚުޠުބާ ކުރިއަށް ދިޔައިރު ސައިން ލެނގުއޭޖުން ވެސް ޚުޠުބާ ގެނެސްދެވުނެވެ. ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީ އިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން ދެން ކޮންމެ ހުކުރު ދުވަހަކުވެސް، ކަންފަތަށް އިވުމުން މަޙްރޫމުވެފައިވާ ކުދީންނަށް ޚާއްޞަކޮށްގެން ސައިން ލެނގުއޭޖުން ޚުޠުބާ ގެނެސްދެވޭނެއެވެ. އަދި އިސްލާމީ މަރުކަޒުގެ ތިންވަނަ ބުރީގެ ކަނާތްފަޅީގައި އެފަދަ ކުދީންނަށް ތިބެވޭނޭ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށް ވެސް މިނިސްޓްރީ އިން ވިދާޅުވިއެވެ.
Madhama 27/9 hurukuru dhuvahunfeshigen aduivumun mahrōm vefaiva kudhinah sign language beynun kohgen huthubaga kiya thakethi kiya dhinumah vany hamajehifa adhi TVM screenun fenaane vahaka ves dhennevin. Adhi 3 vana buryge kanai falhygai efadha kudhinah thibeveyne goi vany hedhifa
— Ministry of Islamic Affairs (@MVIaffairs) September 26, 2019