ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލުކުރުމަށް ބިންކަނޑައޅުއްވައިފައިވާ ކަމަށް ތިލަފުށި ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ. ގުދަންތައްބަދަލުކުރުމަށް ކަނޑައަޅައިފައިވާ ބިމުގައި 200 އެއްހާ ގުދަނަށް ޖާގަ ދެވޭނެކަމަށް އެކުންފުނިން ހާމަކުރެއްވިއެވެ. ނަމަވެސް އެންމެ ފުރަތަމަ ދޫކުރެވޭނީ މިހާރުން މިހާރަށް ބަދަލު ކުރަން ޖެހޭ ގުދަންތައް ބަދަލު ކުރުމަށް ކަމަށް އެކުންފުނިން ހާމަ ކުރައްވައެވެ. ގުދަން ހެދުމަށް ބިންދޫކުރުމުގެ ބަދަލުގައި ނިންމަވައިފައިވަނީ ވަކި ފެންވަރަކަށް ހެދުމަށް ފަހު ގުދަންކުރާނެ ޖާގަ ދިނުމަށެވެ.
މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަމާބެހޭ ފަރާތްތަކަށް މިއަދު ވަނީ އަންގަވައިފައެވެ. އެމަނިކުފާނު މިކަން މިގޮތަށް އެންގެވީ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދުލުވުމުގައެވެ.
މުލީއާގޭގައި މިއަދު ބޭއްވެވި މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ކަމޭބެހޭ ފަރާތްތަކަށް މިގޮތަށް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުން ގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ލާގައި ހުރި ކެމިކަލް ގުދަންތަކުގެ 63 އިންސައްތަ ހުރީ މީހުން ދިރިއުޅޭ ސަރަޙައްދުގައެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވިގޮތުގައި 126 ކެމިކަލް ގުދަން އެމްއެންޑީއެފް އިން ޗެކްކުރިއިރު އޭގެ ތެރެއިން 80 ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައެވެ. އަދި 98 ގުދަން ހުރީ މީހުން ދިރިއުޅޭ ތަންތަނާ އިންވެގެންނެވެ.