ޓިއުނީޝިޔާގެ ކުރީގެ ރައީސު ޒައިނުލް ޢާބިދީން ބިންޢަލީ އަވަހާރަވެއްޖެ

ޓިއުނީޝިޔާގެ ކުރީގެ ރައީސު ޒައިނުލް ޢާބިދީން ބިން ޢަލީ މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. ޓިއުނީޝިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ ބިން ޢަލީ އަވާރަވީ 2011 ވަނަ އަހަރު ވެރިކަމުން ދުރުކުރެވުމަށް ފަހު އޭނާ ދިރިއުޅުއްވަމުން ގެންދެވި ސައޫދީ އަރަބިއްޔާގައެވެ. އޭނާ އަވަހާރަވީ އިރު އުމުރުފުޅަކީ 83 އަހަރެވެ.

އޭނާ އަވަހާރަވެފައިވާކަން އޭނާގެ ގާނޫނީ ވަކީލު މުނީރު ބިންޞާލިޙާވެސް ވަނީ އޭނާ އަވަހާރަވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ވަކީލު ބިންޞާލިހާ ވިދާޅުވީ އޭނާ އަވަހާރަވީ ޖިއްދާގައި ކަމަށާއި، ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާނެ ގޮތް އާއިލާއިން ނިންމުމުން އޭނާގެ ހަށިކޮޅު ފަސްދާނުލުމަށް މައްކާއަށް ގެންދިއުމަށް ނިންމާފައިވާ ކަމުގައެވެ.

23 އަހަރު ވެރިކަމުގައި ހުންނެވުމަށް ފަހު، 2011 ވަނަ އަހަރު 'އަރަބި ރަބީއު'ގެ އިހްތިޖާޖުތަކާއެކު ޓިއުނީޝިއާއަށް އައި 'ޔާސިމީން އިންގިލާބު'ގައި ވެރިކަން ބަދަލުކޮށްލުމުން އޭނާ ވަނީ ފިއްލަވައިގެން ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ. އިންގިލާބަށް ފަހު ޓިއުނީޝިޔާގައި އުފެދުނު އާ ސަރުކާރުން ވަނީ އޭނާގެ އާއިލާގެ މުދާތައް ސަރުކާރަށް ނަގާފައެވެ.

ބިން ޢަލީގެ ޣައިރު ހާޒިރުގައި ޓިއުނީޝިޔާގެ ކޯޓަކުން ވަނީ ކޮރަޕްޝަންގެ ކުށުގައި އޭނާ 35 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.