ރާއްޖޭގައި ތިބި ފަންނުވެރިންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅައިލުން ނުދެވުމުގެ ސަބަބުން އެމީހުންގެ މަސައްކަތް ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް އާޓުގެލެރީގައި ހޯމަދުވަހުގެރޭ ފެށި "ފަންނު އެކްސްޕޯ 2019" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއީ ވެގެންވާނެ ގޮތެއް ނޫންކަމަށާއި އެކަން އެހެން ވިޔަ ނުދިނުމަށްޓަކައި ސްކޫލް ނިޒާމުގެ ތެރެއިން ވެސް ކުދިންގެ ކިބައިގައި ފަންނުވެރިކަން އަށަގެންނެވުމަށް މި ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި އެކްސްޕޯގެ ސަބަބުން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އެފުރުސަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި ދިރިއުޅުން އާރާސްތު ކުރުމާއެކު ޤައުމުގެ ތަރައްޤީއަށް މަސައްކަތް ކުރާ ބަޔަކަށް ވެސް ޒުވާނުން ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އމި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެންމެ ކުރިއްސުރެވެސް ރާއްޖޭގެ އެކިހިސާބުތަކުން ދިވެހިންގެ ފަންނުވެރިކަން ފެނިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ހުނަރުތަރައް ތަރައްޤީ ނުވެހުރީ ކީއްވެތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވައިފައެވެ. ނާއިބު ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުން ކަމަށް ވިދާޅުވިއެވެ.
ފަންނު އެކްސްޕޯއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކުރައްވައިގެން ބާއްވާ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައެވެ.
މި މަޢުރަޒުގައި 77 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލ އޭގެ ތެރޭގައި އަތްތެރި މަސައްކަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އުފެއްދުންތެރި ކުރެހުމާއި ފަރުމާ ކުރުމާއި، ކާބޯތަކެއްޗާއި، ބަހުގެ އުފެއްދުންތަކާއި، ލަކުޑީގެ އުފެއްދުންތަކާއި، ފެޝަން އެންޑް ޑިޒައިނާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.
ނާއިބު ރައީސް ވިދާޅުވީ ރިޔާސީ ކެމްޕޭން ތެރޭގައި ރަށްރަށަށް ވަޑައިގެންނެވިއިރު ފަންނުތައް ދިރުވައި އާލާކުރުމަށްހުރި ގޮންޖެހުންތަކާ ބެހޭގޮތުން މީހުން ވާހަކަ ދައްކާފައިވާ ކަމަށެވެ.