ނޫސްވެރިން ސަރުކާރަށް ފާޑުކިޔާ ކަމަށާއި އެކަން އެގޮތަށް ކުރަނީ ސަރުކާރާ ދެކޮޅުވެރިވެގެން ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދަރުބާރުގޭގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވަމުން ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރަށް ފާޑުކިޔުމަކީ ނޫސްވެރިންގެ ޒިންމާއެއް ކަމަށެވެ. ނޫސްވެރިންގެ ބިނާކުރަނިވި ފާޑުކިޔުންތައް އަޑުއަހައި ކަންކަން އިސްލާޙު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވިއިރު ނޫސްވެރިކަން އޮތީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ. މިސަރުކާރު އައިއިރު މީޑިއާގެ މިނިވަންކަން އެއްގޮތަކަށް ވެސް ނެތޭ ބުނެވޭ ހިސާބަށް ޙާލަތު ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓައިގެން ޤައުމަށް ލިބޭނޭ އެއްވެސް ކުރިއެރުމެއް ނޯންނާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިސަރުކާރު ދެމިއޮތްހާ ހިނދަކު ސަރުކާރާ އިދިކޮޅު މީޑިއާއެއް ނޯންނާނެ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ. މީޑިއާއަށް މިނިވަންކަން ދީގެން މިސަރުކާރަށް ލިބުނު އެއްވެސް ގެއްލުމެއްނެތް ކަމަށާއި އޭގެ ބަދަލުގައިވީ ފައިދާ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.
މިޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމެންވާއިރަށް ޤައުމީ ޕްރެސް ކުލަބެއް އުފެއްދުން ކަމަށެވެ. ޕްރެސް ކްލަބެއް އުފެއްދުމުގެ އިތުރަށް ޕަބްލިކް ސަރވިސް މީޑިޔާގެ ޤާނޫނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނަށް ސަރުކާރުން ބަދަލުތަކެއް ގެންނަވާނެ ކަމަށް ވެސް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ތަމްރީނާއި މަތީ ތަޢުލީމު ފުޅާކޮށް، އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމަށް ރާއްޖޭގައި ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމުގައި ވެސް ނާއިބު ރައީސް ވިދާޅުވިއެވެ. ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރުމަށް، ސްކޮލަޝިޕާއި ލޯނުގެ ފުރުޞަތުވެސް، ކުރިމަގުގައި އިތުރުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން ކުރިއަށް އޮތް އަހަރުތަކަކީ، ރާއްޖޭގެ ނޫސްވެރިކަމަށް، ވަރަށް ފާގަތި އަހަރުތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ނާއިބު ރައީސް ވަނީ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސްގަލަން ހާޞިލުކުރި ފަރާތްތަކަށް އެ އެވޯޑް ހަވާލުކޮށްދެއްވައިފައެވެ.