މީސް މީޑިޔާގައި ދިވެހި ބަސް ބޭނުންކުރާނެ ގޮތުގެ ކޯހެއް ބާއްވައިފި

މީސް މީޑިޔާގައި ދިވެހި ބަހުން ލިޔެ، ބޭނުން ކުރާނެ ގޮތް ބުނެދިނުމަށްޓަކައި ދިވެހި ބަހުގެ އެކަޑަމީން ކުރު ކޯހެއް ބާއްވައިފިއެވެ.

ދިވެހި ބަހުގެ އެކަޑަމީން ހިންގި މި ކޯހުގައި ބައިވެރިންނަށް ކިޔަވައި ދެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ  އެކަޑަމީގެ ރައީސް އަޝްރަފް އަލީއެވެ. މި ކޯހުގައި ސޯޝަލް މީޑިޔާގައި ވަރަށް ޙަރަކާތްތެރި ފަރާތްތަކުންވެސް ބައިވެރި ވެފައިވެއެވެ.

ކޯހުގެ ބައިވެރިންގެ ކިބައިން އެކަޑަމީގެ ރައީސް އަޝްރަފް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި މީސް މީޑިޔާ ބޭނުން ކުރާއިރު، މި ކޯހުން ދަސްވި އެއްޗެހީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށެވެ. އަދި ދިވެހި ބަސް ވީހާވެސް ފުޅާކޮށް، ފުންކޮށް މީސް މީޑިޔާގެ ތެރެއިން ގެނެވޭނެ ގޮތަކަށް ކޯހުގެ ބައިވެރިން މަސައްކަތް ކޮށްދިނުމަށް އަޝްރަފް އެދިވަޑައިގަތެވެ. އެކަޑަމީން ކުރާ ކަންކަމުގައި ކޯހުގެ ބައިވެރިން ތިބިކަން އެއީ މުއައްސަސާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށްވެސް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ 2011 ން ފެށިގެން ދިވެހި ބަސް ކުރިއަރުވަން ރާއްޖޭގެ އެކިކަންކޮޅު ތަކުގައި އެކަޑަމީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފަންނީ ދަތިތަކާއި ބަޖެޓުގެ ތާށިކަންވެސް އެކަޑަމީއަށް އޮތްނަމަވެސް އެތަނުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާ ކަމަށެވެ.

ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ދިވެހި ބަހުގެ އެކަޑަމީން މިހާރު ތައްޔާރު ވަމުން ދަނީ އަންނަ ހަފްތާގައި ނ. އަތޮޅުގެ ހުރިހާ ރަށަކުން އެއަތޮޅު މަނަދޫއަށް މީހުން ގެނެސްގެން ބާއްވަން ނިންމާފައިވާ "ގައުމީ އަދަބީ އީދު" ފާހަގަ ކުރުމުގެ މަސައްކަތަށެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.