ބަހުގެ އެކަޑަމީން ބޭނުންވަނީ އދ. ގައި ދިވެހި ބަހުން ރައީސް ސޯލިޙު ތަޤުރީރު ކުރެއްވުން

މިމަހުގެ 17 ން 30 އަށް އެމެރިކާގެ ނިއު ޔޯކުގައި ބާއްވާ އދ. ގެ އާންމު ޖަލްސާގައި ދިވެހި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެންމެ އިސްވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙު ވަޑައިގެން ކުރައްވާ ތަޤުރީރު ދިވެހި ބަހުން ކުރެއްވުމަކީ ދިވެހި ބަހުގެ އެކަޑަމީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ ދިވެހި ރާއްޖޭގެ އެންމެ މަތީވެރިޔާ އދ. ގެ އާންމު މަޖިލީހުގައި ދިވެހިންގެ މާދަރީ ބަހުން ތަޤުރީރު ކުރެއްވުމަކީ ދިވެހި ބަހަށާއި ދިވެހި ރާއްޖެއަށްވެސް ލިބިގެންދާނެ ޝަރަފެއް  ކަމަށެވެ. އެހެންވެ ދިވެހިންނަށްޓަކައި ދިވެހި ބަހުން އދ. ގައި ރައީސް ސޯލިޙު ދިވެހިންގެ އަޑު އުފުއްލަވައި ދެއްވުމަށް އަޝްރަފް ވަނީ އެދިވަޑައިގެންފައެވެ.

އދ. ގެ އާންމު މަޖިލީހުގައި ރައީސް ސޯލިޙު ތަޤުރީރު ކުރައްވަން ހަމަޖެހިފައިވާއިރު ރައީސް ވާހަކަފުޅު ދައްކަވާނީ ދިވެހި ބަހުން ކަމެއް ނުވަތަ އިނގިރޭސި ބަހުން ކަމެއް އަދި ރައީސް އޮފީހަކުން ނުބުނެއެވެ. އދ. ގެ އާންމު މަޖިލީހުގައި މީގެކުރިންވެސް ދިވެހި ބަހުން ތަޤުރީރު ކުރެއްވި ހަމައެކަނި ރައީސަކީ 30 އަހަރު ރައީސްކަން ކުރެއްވި މައުމޫން އަބްދުލްގަތްޔޫމެވެ.

ރައީސް ސޯލިޙު މިމަހު އދ. ގައި ތަޤުރީރު ކުރައްވާއިރު މިއީ ކޮންމެ އަހަރަކުވެސް އެއްފަހަރު ބާއްވަމުން އަންނަ އދ. ގެ އާންމު ޖަލްސާގައި ރާއްޖޭގެ ރައީސަކު ތަޤުރީރު ނުކުރައްވައި ހަ އަހަރު ހޭދަވުމަށް ފަހު ތަޤުރީރު ކުރައްވާ ފަހަރެވެ. ރާއްޖޭގެ ރައީސަކު އދ. އަށް ވަޑައިނުގެން މިދިޔަ އަހަރު ތަކުގައި އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ބައިވެރި ވެފައިވަނީ ދިވެހި ޚާރިޖިއްޔާގެ އިސްބޭފުޅުންނެވެ.

ރައީސް ސޯލިޙުގެ މިދަތުރުފުޅާބެހޭ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ހާމަ ކުރައްވާފައި ނުވެއެވެ. ނަމަވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަން ކުރެވިފައިވާ ގޮތާއި، އިންސާނީ ހައްގުތައް ދަމަހައްޓަން ރާއްޖެއިން ކުރަމުން އަންނަ ކަންކަމާއި، ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ  މައްސަލަތަކާއި، ރާއްޖޭގެ ސިޔާސީ މަސްރަޙަށްވެސް ރައީސްގެ ތަޤުރީރުގައި އަލި އަޅުވާލައްވާނެ ކަމަށްވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.