އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ޖިބްރޯލްޓާގައި 5 ހަފުތާއަށް ހިފަހައްޓާފައި ބޭއްވުމަށް ފަހު ދޫކޮށްލި އީރާނުގެ ބިޔަ ތެޔޮ ޓޭންކަރު އަދްރިޔާން ދަރްޔާ-1 (ކުރިން ގްރޭސް-1) ގައި ހުރި ތެޔޮ ސީރިޔާގެ ބަނދަރަކަށް ހުސްކޮށްފި ކަމަށް މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމުގައިވާ މިޑްލް އީސްޓް އައި އިން ބުނެފިއެވެ.
ސީރިޔާގެ އެފަދަ ކަންކަމުގެ މައުލޫމާތު އެނގޭ ދެ މަސްދަރަކާ ހަވާލާދީ މިޑްލް އީސްޓް އައި އިން ބުނެފައި ވާގޮތުގައި، އެ ޓޭންކަރުގައި ހުރި ތެލުގެ %55 ވަނީ ފާއިތުވި ބުރާސްފަތި ދުވަހުގެރޭ 10:15 ގައި (ރާއްޖޭ ގަޑިން މެންދަމު 12:15) ސީރިޔާގެ ބަނދަރަކަށް ހުސްކޮށްފައެވެ. އެ ޓޭންކަރުގައި ހުރީ 2.1 މިލިއަން ސާފުނުކުރާ ތެޔޮ ކަމުގައި ކުރިން ޚަބަރުތަކުން ބުނެފައި ވެއެވެ.
ކަނޑު ދަތުރުކުރާ އުޅަނދުތައް ދަތުރުކުރާ ގޮތް ބަލާ ވެބްސައިޓަކަށް އެންމެ ފަހުން އަދްރިޔާން ދަރްޔާ-1 ފެނިފައި ވަނީ ސީރިޔާ އާއި ސައިޕްރަސްއާ ދެމެދުން ފާއިތުވި ހޯމަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ.
ސީރިޔާ ތެޔޮ ގެންދިއުމަކީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ ޖިބްރޯލްޓާއި އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ 5 ހަފުތާ ފަހުން އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ޖިބްރޯލްޓާގެ ސުޕްރީމްކޯޓޫން ވަނީ ޓޭންކަރު ދޫކޮށްލާފައެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ އެ ތެޔޮ ޓޭންކަރުގައި ހުރި ތެޔޮ ބަޔަކަށް ވިއްކާލާފައިވާ ކަމަށެވެ. އަދި ޓޭންކަރު ދާންވީ ތަނެއް ކަނޑައަޅާނީ، އެ ފަރާތުން ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއްކަން އީރާނުން ހާމަނުކުރެއެވެ.
19 އޮގަސްޓުގައި ޖިބްރޯލްޓާއިން ފުރިއިގެން އިރުމައްޗަށް ދަތުރު ފެށި އަދްރިޔާ ދަރްޔާ-1 ފުރަތަމަ މިސުރާބު ޖެހީ ގްރީސްއާ ދިމާއަށެވެ. ނަމަވެސް ފަހުން ތުރުކީއާ ދިމާއަށް މިސުރާބު ބަދަލުކޮށް، އޭގެ ފަހުން މިސުރާބު ޖެހީ ސީރިޔާއާ ދިމާއަށެވެ.
އެމެރިކާގެ ފައިނޭންޝަލް ޓައިމްސް ނޫހުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، އެމެރިކާއަށް އެ ޓޭންކަރު އަތުލައިގަނެވޭ ފަދަ ބަނދަރަކަށް ޓޭންކަރު ގެންގޮސްފި ނަމަ، އޭގެ ކެޕްޓަން އަކިލޭޝް ކުމާރުއަށް އެތައް މިލިއަން ޑޮލަރެއް ދޭން އެމެރިކާ ހުށަހެޅިއެވެ.
އެމެރިކާއިން ބުނީ އެ ޓޭންކަރު ހިފަހައްޓަން އެމެރިކާ މަސައްކަތް ނުކުރާ ކަމުގައެވެ.