ޤާނޫނީ ސަރުކާރު ނަގަހައްޓައި ރައްޔިތުން ޙިމާޔަތް ކުރާނެކަމުގެ ޔަގީންކަން ފުލުހުންނާމެދު އެބައޮތް: އިމްރާން

ރާއްޖޭގައި އުފެދިފައި އޮތް ޤާނޫނީ ސަރުކާރު ނަގަހައްޓައި، ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ ކުރިޔަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޑައިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިމަހުގެ 26 ވަނަ ދުވަހުގެ ޖަލްސާއަށްވެސް މިނިސްޓަރު ވަޑައިގަތުން އެޖެންޑާ ކޮށްފައި ވަނިކޮށް "ޙައްޖު ރޯގާގެ ތުރާގައި" އުޅުއްވާތީ މިނިސްޓަރަށް އެދުވަހު ވަޑައިނުގެންނެވުމުން އޭގެބަދަލުގައި މިއަދު މަޖިލީހަށް ވަޑައިގެންނެވިއިރު ޖާބިރު ކުރެއްވި ސުވާލަކީ 6 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭގައި، ޣައިރު ޤާނޫނީ އަމުރު ކުރާކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަންނުވި ފުލުހުންތަކެއްގެ މައްސަލަ ޙައްލުނުވެ، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި، 8 ފެބްރުއަރީ 2012 ވަނަ ދުވަހު ރައްޔިތުންތަކެއް ނުކުމެ މާލެ އާއި ބަޔެއް ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި ވެހިކަލްތަކާއި ކޯޓު ތަކުގައި ހުޅުޖަހާފައިވާތީ ފުލުހުންގެ ތެރޭގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގެނެވިފައިވާ ބަދަލު ތަކަކީ ކޮބައިތޯ އާއި ފުލުހުންގެ އިމާރާތް ތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅު ތަކަކީ ކޮބައިތޯއެވެ.

ޖާބިރުގެ ސުވާލާއި ގުޅިގެން މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ކަންކަން ހަރުދަނާ ކުރުމަށް މީގެކުރީގެ އަހަރުތަކުގައި ގިނަގޮންޖެހުންތަކެއް ހުރި ކަމަށާއި ނަމަވެސް މިއަދު ފުލުހުންގެ މުއައްސަސާގެ ޙާލަތު ބަދަލު ވެއްޖެ ކަމަށެވެ.

"މިއަދު ފުލުހުންގެ މުއައްސަސާގެ ޙާލަތަށް ބަލާއިރު ޤާނޫނު އަސާސީންނާއި ޤާނޫނު ތަކުން ފުލުހުންގެ މައްޗަށް ލާޒިމްކުރާ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ހުނަރާއި ޤާބިލުކަން ލިބިދީފައިވާ އަދި މަތީފެންވަރުގެ ތައުލީމާއި ތަމްރީނު ލިބިދީފައިވާ އެތައް އޮފިސަރުންނެއް ފުލުހުންގެ ތެރޭގައި އެބަތިއްބެވި" މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މަދަނީ ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ބައްޓަންކޮށް، ހަރުދަނާ ކުރުމަށް މިހާރުވެސް ދަނީ ވަރަށްގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ފުލުހުންގެ ފުރަންޓުލައިނުގައި މަސައްކަތްކުރާ ފުލުހުންނަކީ ހިތްހެޔޮ އޯގާވެރި ބަޔަކަށް ހަދައި، ރައްޔިތުންނާ ގާތުން ގުޅިގެން މަސައްކަތްކުރާ އަދި ފޯރުކޮށްދެވޭ ޚިދުމަތަކީ ޒަމާނީ ފެންވަރުގެ ކުރިއަރާފައިވާ ފުރިހަމަ ޚިދުމަތަކަށް ހަދައި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ފުލުހުންގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އިންސާނީ ހައްގުތަކާއި ކަރާމާތްތައް ރައްކާތެރިކޮށް، އިންސާނުންނާ މެދުގައި އޯގާތެރިކޮށް ހިތޭނެ ގޮތުން ކަންކަން ބައްޓަން ކުރަމުން އަންނަކަން ފާހަގަ ކުރެއްވިއެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު އޮތް، އަދި ރައްޔިތުންގެ އިޙްތިރާމާއި ލޯބި ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށްޓަކައި ފަސް އަހަރު ދުވަހުގެ ޕްލޭނެއްވެސް މިހާރު އެކަށައަޅައި ނިމިފައިވާ ކަމަށެވެ. އަދި އެޕްލޭން ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ތަމްރީނުތައް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފުލުހުންނަށް އެހީތެރިކަން ހޯދަމުންދާކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެގޮތުން އެ މަސައްކަތުގައި ކަމިޝަނަރ އޮފް ޕޮލިސް މިވަގުތުވެސް އިނގިރޭސިވިލާތަށް ވަޑައިގެން އެބައުޅުއްވާ ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ސަފުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ފުލުހުންގެ އެތެރޭގެ ސަފުތައް ތަރުތީބުކޮށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިވަގުތު ފުލުހުންގެ މުއައްސަސާއަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ބަދަލަކީ ފުލުހުންގެ ކޮމާންޑުތަކަށް ގެނެވެމުން އަންނަ ބަދަލުތަކެވެ. އެގޮތުން ކްރިޓިކަލް ޙާލަތްތަކުގައި ފުލުހުންނަށް ކޮމާންޑް ކުރާނެ ފަރާތްތަކާއި، އެފަރާތްތަކުގެ ކޮމާންޑަށް ތަބާވުމުގެ ޗޭން އޮފް ކޮމާންޑް ހަރުދަނާ ކުރުމުގެ މަސައްކަތަކީ މިހާރު ފުލުހުންނަށްދޭ ޓްރޭނިންތަކުގައި އެންމެ ފާހަގަ ކުރެވޭ އެއްމަސައްކަތް ކަމަށް ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.