ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން ދެ އަންހެން ބޭފުޅުންގެ ނަންފުޅު ފޮނުވުމާއި ގުޅިގެން ޚިޔާލު ތަފާތުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އަންހެން ފަނޑިޔާރުން އައްޔަން ކުރެއްވުމަށް ތާއީދު ކުރައްވައި މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވިއެވެ.
މިއަދުގެ ޖަލްސާގައި އެކަމާމެދު މެމްބަރުން ވާހަކަ ދެއްކެވީ އަންހެން ފަނޑިޔާރުން އައްޔަން ކުރައްވާތީ އެކަމާ ދެކޮޅަށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙަންމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައެވެ. ބަހުސްގައި ނަޝީދު ފިޔަވައި ދެން ގިނައިން ވާހަކަފުޅު ދެއްކެވީ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ.
ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރައްވަން އުޅޭ މައްސަލައިގައި ގިނަ މެމްބަރުންގެ ރާގު އެކަމާ އެއްކޮޅަށް ހުރިއިރު އެ މެމްބަރުން އެކަން ދިފާއު ކުރައްވައި ދެއްކެވީ ރާއްޖޭގެ ޝަރުއީ ކޯޓުތަކާއި އިސްލާމީ ބޮޑެތި ގައުމުތަކުގެ ޝަރުއީ ކޯޓު ތަކުގައިވެސް އަންހެން ފަނޑިޔާރުން ތިއްބެވި ކަމެވެ. ކުރިންވެސް އަދި މިހާރުވެސް ރާއްޖެ އާއި އިސްލާމީ ގައުމުތަކުން އެ މަންޒަރު ފެންނަމުންދާ ކަމެވެ. ގިނަ މެމްބަރުން ވިދާޅުވީ މި މައްސަލައަކީ އިލްމްވެރިންގެ މެދުގައިވެސް ޚިލާފު އުފެދިފައިވާ މައްސަލައެއް ކަމަށްވާތީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ދީނީ ގޮތުން ހުއްދަ ނޫން ކަމެއް ކަމުގައިވާނަމަ ދުނިޔޭގެ އެންމެ ބޮޑެތި އިސްލާމީ ގައުމުތަކުން އެކަން ނުކުރީސް ކަމަށެވެ.
ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މެދުހެންވާރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އިސްލާމީ ގައުމުތަކުގެ ތެރެއިން ސަތޭކަ ޕަސެންޓް މުސްލިމް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެގުމަށް ފަހު ދެން އޮތް ސައުދީއަރަބިއްޔާގައިވެސް އަންހެން ފަނޑިޔާރުން އެގައުމުގެ ކޯޓު ތަކުގައިވެސް އެބަތިއްބެވި ކަމަށެވެ. އަދި ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިޔާގައިވެސް ފަނޑިޔާރުންގެ ގޮތުގައި އަންހެން ބޭފުޅުން ތިއްބެވިކަން އޮޅިފައި ނޯންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކޯޓު ތަކުގައި މީގެކުރިންވެސް އަދި މިހާރުވެސް އަންހެން ފަނޑިޔާރުން ތިއްބެވިއިރު އެކަން އޭރު "ޙަރާމް" ނުވީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު ވިދާޅުވީ އަންހެނުނަކީ ވިސްނުން ކުޑަބަޔެއް ނޫން ކަމަށާއި އެކަން އިސްލާމީ ތާރީޚުންވެސް ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން އޭނާ މިސާލެއްގެ ގޮތުގައި ތިންކަމެއް ފާހަގަ ކުރެއްވިއެވެ. އޭގެތެރެއިން އެއްކަމަކަށް އޭނާ ވިދާޅުވީ އިސްލާމީ ތާރީޚުގެ މަޝްހޫރު ހުދައިބިއްޔާގެ ޙާދިސާ ހަމައަކަށް އަޅުވައި ދެއްވީ އަންހެން ބޭފުޅެއްގެ ލަފަޔަށް ކަންތައް ކޮށްގެން ކަމަށް ފެންނަން އޮތުމެވެ. ދެވަނަ ކަމަކަށް އޭނާ ވިދާޅުވީ ފިޤުހީ އެންމެ ބޮޑެތި މައްސަލަތަކުގައި ހަދީޝް ރިވާ ކުރައްވާފައި އަންހެން ބޭފުޅުން ތިއްބެވި ކަމެވެ. ތިންވަނަ ކަމަށް އޭނާ ވިދާޅުވީ އުމަރުގެ ފާނުގެ ޚިލާފަތުގެ ދުވަސްވަރު ބާޒާރާއި ވިޔަފާރީގެ މައްސަލަތައް ނިންމުމުގެ ބާރު އަންހެން ބޭފުޅަކަށް ދެއްވާފައިވާ ކަމަށެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ އިސްލާމީ ތާރީޚުގައިވެސް އަންހެން ބޭފުޅުން ވަރަށްގިނަ ޚިދުމަތް ކުރައްވާފައިވާ ކަމަށާއި އެކަން ކީރިތި ޤުރުއާނުންވެސް އެނގެން އެބައޮތް ކަމަށެވެ. ޝަރީފު ވަނީ ޤުރުއާނުގައި ހުރި ބަޔެއް އާޔަތްތައް ބަޔެއް އިލްމްވެރިން މާހަނިކޮށް ތަރުޖަމާ ކުރައްވަމުން އަންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާވެސް ވިދާޅުވީ އަރަބި އިސްލާމީ ވަރަށްގިނަ ގައުމުތަކުގައި އަންހެން ފަނޑިޔާރުން އެބަތިއްބެވި ކަމަށެވެ. އަދި ރާއްޖޭގައިވެސް އަންހެން ފަނޑިޔާރުން އެބަތިއްބެވިކަން ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ދުނިޔޭގެ ތާރީޚުގައި ޙައްވާގެ ފާނުގެ ދައުރާއި އައިޝަތުގެ ފާނުގެ އަރިހުން އައިސްފައި ހުރި ރަސޫލާގެ ހަދީސްތަކަށް ދުނިޔޭގެ ބޮޑެތި އިލްމްވެރިންވެސް ތަބާވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުޙަންމަދު ޝިފާއު ވިދާޅުވީ އިލްމްވެރިންގެ މެދުގައި ޚިލާފު އުފެދިފައި އޮތް މައްސަލައަކަށް އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުން ވެފައިވާއިރު އެކަން ކުރުމަކީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފުވުން ކަމަށް ނުބުނެވޭނެ ކަމަށެވެ. އޭނާވެސް ވިދާޅުވީ ރާއްޖޭގައި އަންހެން ފަނޑިޔާރުން މަސައްކަތް ކުރައްވާފައި ހުރިއިރު، ދުނިޔޭގެ އިސްލާމީ ބޮޑެތި ގައުމުތައް ކަމަށްވާ ސައުދީރަބިއްޔާ، ޔޫއޭއީ، މެލޭޝިޔާ، މިސްރު، އަފްޣާނިސްތާން، ގައިވެސް އަންހެން ފަނޑިޔާރުން އެބަތިއްބެވި ކަމަށެވެ. އަދި ރަމަޞާން މަހަށް ހަނދު ބެލުމުގައިވެސް ރާއްޖެއިން ސައުދީއަރަބިއްޔާގައި އެކަން ކުރާގޮތް ބަލަމުން އައިކަމަށާއި ނަމަވެސް އަންހެން ފަނޑިޔާރުން ސައުދީއަރަބިއްޔާގައި އައްޔަން ކުރާއިރު އެކަމަށް އަމަލު ކުރުން ބަޔެއް މީހުންނަށް ކަމުނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރު މީކާއީލް ނަސީމު ވިދާޅުވީ އަންހެނެއްގެ ބަނޑުގައި އޮވެ ދުނިޔެއަށް އުފަންވެ، އަންހެނެއްގެ ބެލުމުގެ ދަށުން ބޮޑުވެ ގައިގައި ރަނގަޅަށް މަސްޖަހާލުމުން އަންހެނުންނާ ދެކޮޅަށް ނުކުތުމަކީ ލަދުވެތި ކަމެއް ކަމަށެވެ. މީކާއީލް ވިދާޅުވީ އިސްލާމީ ގައުމުތަކުގެ ތެރެއިން ޕާކިސްތާން، ބަހުރެއިން، ކުވޭތު، ޖޯޑަން، އޮމާން، ޔޫއޭއީ، ޔަމަން އަދި މިސްރުގައިވެސް އޮންނަނީ އިސްލާމް ދީން ކަމަށާއި އެހުރިހާ ގައުމުތަކެއްގައިވެސް އަންހެން ފަނޑިޔާރުން އެބަތިއްބެވި ކަމަށެވެ. އަދި އެހުރިހާ ގައުމަކުން އެތިބީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ޙަރާމް ކަމަކަށް އަރައިގެންފައިތޯ ސުވާލު އުފެދޭ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ އާދަމް ވިދާޅުވީ އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިލްމުވެރިންގެ މެދުގައި ދީނުގައި ޚިލާފު އުފެދިފައިވާ ކަމަކަށްވާއިރު، އެކި އިލްމްވެރިންގެ ރައުޔުވެސް މި ކަމުގައި ހުރީ އެކިގޮތަށް ކަމަށެވެ. އިލްމްވެރިންގެ ރައުޔު އެކިގޮތަށް ހުރުމާއެކު މިކަމުގައި ކުރިޔަށްދާންވީ އަންހެނުންގެ ހައްގުތައް އެންމެ ބޮޑަށް ލިބޭ ގޮތަށް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ މެލޭޝިޔާގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަންހެން ބޭފުޅެއް ކަމަށާއި އަދި ޕާކިތާންގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވީވެސް އަންހެން ބޭފުޅެއް ކަމަށެވެ. މީގެއިތުރުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގައި އަންހެން ހަތް ފަނޑިޔާރުން އެބަތިއްބެވި ކަމަށާއި އަދި ޖޯޑަން، މިސްރު، ބަހުރެއިން، ޔޫއޭއީ، އިންޑޮނޭޝިޔާގެ އިތުރުން ސީރިއާގައިވެސް އަންހެން ފަނޑިޔާރުން އެބަތިއްބެވި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ޓިއުނީޝިޔާ، މޮރޮކޯ، އަލްޖީރިޔާ އަދި ސޫދާންގައި 1960 ވަނަ އަހަރުން ފެށިގެން އަންހެނުން ފަނޑިޔާރުކަން ކުރައްވަމުން އަންނަކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންހެނުން އައްޔަން ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އެއްވެސް ޤާނޫނަކާވެސް ޚިލާފު ކަމެއްވެސް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހު ކުރަމުންދިޔަ ދުވަސްވަރު ދިވެހިރާއްޖޭގެ ވެރިކަމާ އަންހެނަކަށް ޙަވާލުވެވިދާނެތޯ ނުވަތަ ނޫންތޯ މަޖިލީހުގައި ބަހުސް ކުރެވިގެން ދިޔަ ކަމަށާއި އެގޮތުން ރާއްޖޭގެ ވެރިކަމަށްވެސް އަންހެނަކަށް ހަވާލު ވެވިދާނެ ކަމަށް މަޖިލީހުން އޭރު ނިންމައި، ޤާނޫނު އަސާސީގައިވެސް އެގޮތަށް ލިޔެފައި އެބައޮތް ކަމަށް މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އީވާ ވިދާޅުވިއެވެ. އީވާވެސް ވިދާޅުވީ އިސްލާމީ ބޮޑެތި ގައުމުތައް ކަމަށްވާ ކުވޭތު، ޔޫއޭއީ، ބަހުރެއިން، މިސްރު، ޕާކިސްތާން، ބަންގްލަދޭޝް، ސައުދީއަރަބިއްޔާ އަދި ދުނިޔޭގައި މުސްލިމުން އެންމެގިނަ ގައުމު ކަމަށްވާ އިންޑޮނޭޝިޔާގައިވެސް އަންހެން ބޭފުޅުން "ހަމަ ރީއްޗަށް ފަނޑިޔާރުކަން ކުރަމުން" އެބަގެންދަވާ ކަމަށެވެ.
މެމްބަރު އިމްތިޔާޒް ފަހުމީވެސް ވިދާޅުވީ މުސްލިމް ބޮޑެތި ގައުމުތަކުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އަންހެން ބޭފުޅުން އެބަތިއްބެވި ކަމަށާއި އެގޮތުން ޕާކިސްތާން، އިންޑޮނޭޝިޔާ، މެލޭޝިޔާ، ޔޫއޭއީ، ބަންގްލަދޭޝް، ބަހުރެއިން، ލީބިޔާ، ޓިއުނީޝިޔާ، ކުވޭތު، ޖޯޑަން އަދި ސޫދާނުގެ އިތުރުންވެސް އެތައް މުސްލިމް ގައުމެއްގެ ކޯޓު ތަކުގައި އަންހެން ފަނޑިޔާރުން އެބަތިއްބެވި ކަމަށެވެ.
"އަޅުގަނޑު ހިތަށް އަރަނީ މިސުވާލުތައް، އެތަންތަނުގައި މުސްލިމް އިލްމްވެރިން ނުތިއްބަވަނީބާވައޭ، އެކަން އެގޮތަށް އެގައުމުތަކުގައި ހިނގަނީ ކީއްވެގެންބާވައޭ" ބަހުސްގައި އިމްތިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެކުރިންވެސް ދިވެހިރާއްޖޭގައި އަންހެން ބޭކަނބަލުން ފަނޑިޔާރުކަން ކުރައްވާފައި ތިއްބެވިއިރު ރާއްޖޭގެ އެންމެ މަތީ ކޯޓު ތަކުގައިވެސް އަންހެނުން ފަނޑިޔާރުކަން ކުރައްވާފައި އެބަހުރި ކަމަށެވެ.
"ދިވެހިރާއްޖޭގައިވެސް އެތަކެއް އެތަކެއް އިލްމްވެރިންނެއް މީހަމަ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ވިދާޅުވަމުން އެބަގެންދޭ، ބަޔެއް ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތު ވަނީ، އެހެންވީމާ މިވަގުތުގައި މި ސުވާލު އުފައްދައިގެން އަޅުގަނޑުމެންގެ ތެރޭގައި މަސްލަޙަތު ނަގާލުމުގެ މަސައްކަތްތަކެއް ކުރެވެނީ ނޫންބާވައޭވެސް އަޅުގަނޑުގެ ހިތަށް އަރާ." އިންތި ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް އެންމެ ބޮޑަށް ވިސްނަންޖެހޭ އެއްސަބަބަކީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ރައްޔިތުންނަށް ދޭންޖެހޭ ހައްގުތަކާއި އިންސާފު ހޯދައިނުދީ ސީދާ ފާޅުގައާއި ސިއްރުން ރިޝްވަތު ނަގައިގެން ހާމަކަން ބޮޑުގޮތެއްގައި އަނިޔާވެރިކަމާއި ނާއިންސާފުން ފުރިގެންވާ ޙުކުމްތައް އިއްވަމުން ދިޔައިރު ރާއްޖޭގެ ގިނަ އިލްމްވެރިން ތިއްބެވީ ހަނު ކަމަށްވުން ކަމަށެވެ. "އެ ޙައްގުތައް ހޯދައިދިނުމަށްޓަކައި އުޅުއްވީ އަންހެން ބޭކަނބަލުން، އިންސާފު ހޯދުމަށް މަގުތައް ފުރާލައިގެން އަނިޔާތައް ތަހަންމަލުކޮށް، ކުޑަގޮޅިޔަށް ދިޔައީ އަންހެނުން، އޭރުވެސް ގިނަ އިލްމްވެރިން ތިބީ ހަނު" ބަޔެއް އިލްމްވެރިންނަށް އަމާޒު ކުރައްވައި އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގައި ޖުމްލަ ހަތް ފަނޑިޔާރުން ތިއްބަވާއިރު އަންހެން ދެ ފަނޑިޔާރަކު އައްޔަން ކުރެއްވި ނަމަވެސް ފިރިހެން ފަސް ފަނޑިޔާރުން ތިއްބަވާނެ ކަމަށް ބެލެވޭތީ އެ ބެންޗަށް އެންމެ އަންހެން ދެފަނޑިޔާރުން އައްޔަން ކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
" ބޮޑެތި ފަސް ފިރިހެނުންގެ ތެރޭގައި އެންމެ ދެ އަންހެނުން ބޭކަނބަލުން ތިއްބެވުމަކީ މައްސަލައެއްތޯއޭ އަޅުގަނޑު ހިތަށް އަރާ" އިންތި ވިދާޅުވިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރިޔަށްދާ ވަގުތުވެސް އަންހެން ފަނޑިޔާރަކު ރާއްޖޭގެ ކޯޓެއްގައި އެބަހުންނެވި ކަމަށެވެ. އަދި ރައީސް ސޯލިޙު ނަން ފޮނުއްވި އަންހެން ދެބޭފުޅުންނަކީ ކުރިންވެސް ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންކަން އޭނާ ފާހަގަ ކުރެއްވިއެވެ. ހަސަންވެސް ވިދާޅުވީ އިސްލާމީ އެންމެ ބޮޑެތި ގައުމުތަކުގެ ތެރެއިން ސައުދީއަރަބިއްޔާ އާއި އިންޑޮނޭޝިޔާގައިވެސް އަންހެން ފަނޑިޔާރުން ކޯޓު ތަކުގައި ތިއްބެވުމުން ރާއްޖޭގައި އެކަން ކުރުމުން މައްސަލައެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ވެލިދޫ ދާއިރާ މެމްބަރު މުޙަންމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މާޒީއަށް ޖެހިލާއިރު ރައީސް މައުމޫނުގެ ވެރިކަމުގައި 2007 ވަނަ އަހަރު އަންހެން ދެބޭފުޅަކު ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވި ކަމަށާއި އެއީ އައިޝާ ސުޖޫން އާއި އަލްއުސްތާޒާ ހުޒައިފާ މުޙަންމަދުކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. 2014 ވަނަ އަހަރާ ޖެހެންދެން ސިވިލް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ސުޖޫން ހުންނެވި ކަމަށާއި އެ މުއްދަތުގައި ސުޖޫންއާ ބެހޭގޮތުން ނޭދެވޭ ވާހަކައެއް އިވިފައި ނެތް ކަމަށްވެސް މުޙަންމަދު ވިދާޅުވިއެވެ. އަދި ރައީސް ސޯލިޙު ނަން ފޮނުއްވާފައިވާ ޑރ އަޒްމިރަލްދާ ޒާހިރުވެސް 2011 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި، 2016 ގެ ޑިސެމްބަރު ގައި އިސްތިއުފާ ދެއްވުމާ ހަމައަށް އެމަގާމުގައި ހުންނެވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މުހަންމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ފަނޑިޔާރު ކަމުގައި މީގެކުރިންވެސް އަދި މިހާރުވެސް އަންހެން ބޭފުޅުން ރާއްޖޭގައި ތިއްބެވިއިރު، ރާއްޖޭގެ ވެރިކަމާއި މަޖިލީހުގެ މެޖޯރިޓީ އެކިގޮތްގޮތަށް ބަދަލުވި އިރުވެސް އެކަމާ ކަންބޮޑުވެ އެވާހަކަ ދެއްކި މީހަކުވެސް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީގައި މިހާރުވެސް 4 ބޭކަނބަލަކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ކުއްލި މައްސަލައިގައި ބަހުސް ކުރެއްވި ސަރުކާރަށް ނިސްބަތްވާ ބަޔެއް މެމްބަރުންގެ އިތުރުން ބަޔެއް އަމިއްލަ މެމްބަރުންވެސް ވަނީ އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ އާއި އިސްލާމީ ބޮޑެތި ގައުމުތަކުގައިވެސް އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައިވާކަން ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ސަމާލު ކަމަށް ގެނެސްފައެވެ.
ކަންކަމަށް އެކަށިގެންނުވާ މީހުންލީމަ ކޮންމެ ކަމެއްވެސް ދާނީ މިގޮތަށް. ދީނާވެސް ޙިލާފުވާނެ އަދި އެހެންކަންތަކާވެސް ޙިލާފުވާނެ.