އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ސީރިޔާގެ ވެރިރަށް ދިމިޝްޤު ކައިރިއަށް ވައިގެ ހަމަލާތަކެއް ދީފިއެވެ. އިސްރާއީލުން ބުނީ ހަމަލާދިނީ ދިމިޝްޤު ކައިރީގައި ހުރި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ޑްރޯން މަރުޒަކަށް ކަމުގައެވެ. އަދި އޭގެ ބޭނުމަކީ އީރާނުގެ ޑްރޯންތަކުން އިސްރާއީލަށް ހަމަލާދިނުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަން ސިފަކުރީ "ބޮޑު އޮޕަރޭޝަނެއް"ގެ ގޮތުގައެވެ.
އިސްރާއީލުގެ ވައިގެ އަސްކަރިއްޔާއިން ދޭތެރެ ދޭތެރެއިން ސީރިޔާގެ ތަންތަނަށް ހަމަލާދިން ނަމަވެސް އިސްރާއީލުން އެކަމަށް އެއްބަސްވުމަކީ ނާދިރުކަމެކެވެ. މިހަމަލާގެ ވާހަކަ މިގޮތަށް ބުނީ އިރާނަށް އިންޒާރެއް ދިނުމުގެ ގޮތުން ކަމުގައި ބެލެވެއެވެ.
ސީރިޔާ ސިފައިންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ ޖޫލާންގެ އުސްބިންތަކާ ވީ ފަރާތުން ދިމިޝްޤާ ދިމާއަށް ދުޝްމަނުންގެ ބޯޓުތަކެއް އަންނަތަން ފެނިގެން ވައިގެ ދިފާއީ ނިޒާމުތައް ހަރަކާތްތެރިވެފައިވާ ކަމުގައެވެ.
އިސްރާއީލު ބުނީ އެމީހުން ހަމަލާދިނީ ދިމިޝްޤު ކައިރީގައި އޮންމަ އަރްޤަދާގައި ތިބޭ ރިވޮލިއިޝަނަރީ ގާޑްސްގެ ގުދްސް ފޯސްއަށް ކަމުގައެވެ.
އެހެންނަމަވެސް، ރިވޮލިއުޝަނަރީ ގާޑްސްއިން އިސްރާއީލުގެ ހަމަލާއެއް އެމީހުން އެއްވެސް ތަނަކަށް އަރާފައިވާކަން ދޮގުކޮށްފައެވެ.
"އެއީ ދޮގެއް، ތެދެއް ނޫން. އީރާނުގެ މަރުކަޒުތަކަށް ހަމަލާދިނުމުގެ ބާރެއް އިސްރާއީލާއި އެމެރިކާއަށް ލިބިގެން ނުވޭ. އަދި އަހަރުމެންގެ އަސްކަރީ މަރުކަޒަކަށް އެއްވެސް ގެއްލުމެއް ނުލިބޭ." ރިވޮލިއުޝަނަރީ ގާޑްސްގެ ސެކްރެޓަރީ މޭޖާ ޖެނެރަލް މުހްސިން ރަޒާއީ ވިދާޅުވިއެވެ.
އަނެއްކޮޅުން، ލެބެނާނުގެ ޙިޒްބުﷲ އިން ވަނީ ލެބްނާނުގެ ވެރިރަށް ބޭރޫތުގެ ދެކުނުގައި އެ ޖަމާއަތުން ކޮންޓުރޯލުކުރާ ސަރަހައްދަކަށް އިސްރާއީލުގެ އެއް ޑްރޯން ވެއްޓި އަނެއް ޑްރޯން ގޮވާފައިވާކަމަށް ބުނެފައެވެ. އަދި ޑްރޯން ގޮވުމުގެ ސަބަބުން ކައިރީގައި ހުރި ބައެއް އިމާރާތްތަކަށް ގެއްލުންވެފައިވާ ކަމަށްވެސް ޙިޒްބުﷲއިން ބުނެފައި ވެއެވެ.
2007 ވަނަ އަހަރު އިސްރާއީލާއި ޙިޒްބުﷲ އިން ވަނީ އެއް މަސްދުވަހަށް ދިގުދެމިގެން ދިޔަ ހަނގުރާމައެއް ކޮށްފައެވެ. މި ހަނގުރާމައިގައި ލުބްނާނުގެ 1200 މީހުން މަރުވެފައި ވާއިރު، އިސްރާއީލުގެ 159 މީހުން ވަނީ މަރުވެފައެވެ.