ރައްޔިތުން އެދެނީ މިހާރު މިތިއްބެވި ފަނޑިޔާރުންގެ ބަދަލުގައި ހަމަހަމަކަމާއެކު އިންސާފު ގެނެސްދޭނެ ފަނޑިޔާރުން އައްޔަން ކުރަން: ނިޔާޒް

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ކަންތަކުގައި މަޖިލީހުން ކަންކަން ކުރައްވަން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަކީ އެކޯޓުގައި މިހާރު މިތިއްބެވި ފަނޑިޔާރުންގެ ބަދަލުގައި އިންސާފުވެރިކަމާއިވީ ކޮމިޓީއަކަށް ފޮނުވަން، ނިޔާޒް ތާއީދު ކުރައްވައި ރިޕޯޓު ދިރާސާ ކުރުމަށް ވަނީ ކޮމިޓީ އަކަށް ފޮނުވާފައެވެ. ކަމަށާއި ރަ ހަމަހަމަކަމާއެކު ގެނެސްދޭނެ ފަނޑިޔާރުން އައްޔަން ކުރުން ކަމަށް މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނު އަސާސީއާ ޚިލާފު ނިންމުންތަކާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ފޮނުއްވި ރިޕޯޓާ ގުޅޭގޮތުން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ނިޔާޒް ވިދާޅުވީ ފާއިތުވީ ތަނުގައި ސިޔާސީ ކަންކަން ޙައްލު ކުރުމަށްޓަކައިވެސް ސުޕްރީމް ކޯޓުގެ ބޭނުން ކުރިކަން އެނގެން އެބައޮތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެފަދަ ނުފޫޒުތައް ފޯރުވީ ކޮންފަރާތަކުންތޯ ބަލަންޖެހޭ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ޝަރީއަތުގެ މަޖިލީހުންވެސް ފެނިގެން ދިޔައީ ތިންބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުގައި ކަންކަން ވެގެންދިޔަ ގޮތް ކަމަށެވެ. އެހެންވެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ އޭރު ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނެވި ފަރާތުންތޯވެސް ބަލަންޖެހޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި މަޖިލީހަށް ފޮނުވި ރިޕޯޓު ކޮމިޓީއަކަށް ފޮނުވައިގެން އެ ރިޕޯޓު ދިރާސާ ކުރައްވާއިރު މިހާރު ތިއްބެވި ފަނޑިޔާރުން ބައިތިއްބައިގެން އަނެއްކާވެސް އެކަން ކުރަންވީތޯ އާއި މިހާރު ތިއްބެވި ފަނޑިޔާރުންނާމެދު އިތުބާރު އޮތްތޯވެސް ސުވާލު އުފެދޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓު ކޮމިޓީ މަރުޙަލާގައި މަޖިލީހުގެ މެމްބަރުން ވަރަށް ބޮޑަށް ދިރާސާ ކުރަންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ކުރަން އޮތް ކަމަކީ މިކަން ކުރުމަށް ރައްޔިތުން ދެކެނީ ކޮންގޮތެއްތޯ ބެލުން. އަޅުގަނޑަށް މިހާރުން މިހާރަށްވެސް ޔަގީންކަމާއެކު ބުނަންކެރޭ ރައްޔިތުން އެދެނީ މިހާރު މިތިއްބެވި ފަނޑިޔާރުންގެ ބަދަލުގައި އިންސާފު ހަމަހަމަކަމާއެކު ގެނެސްދޭނެ ފަނޑިޔާރުން އައްޔަން ކުރުން. ވީހާވެސް އަވަހަކަށް. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ" ނިޔާޒް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށް އާ ފަނޑިޔާރުން އައްޔަން ކުރުމުގެ މަރުޙަލާ ކުރިޔަށް ގެންދަންޖެހޭނީ އެކަން ކުރުމަށް ހުރި އިޖުރާތްތަކާވެސް އެއްގޮތަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ. މަޖިލީހުގެ 65 މެމްބަރުންނާއެކު ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައި އޮތް ނަމަވެސް އެކަމުގައި ކުރިޔަށްދާންޖެހޭ އިޖުރާތްތަކާ ޚިލާފަށް ފަނޑިޔާރުން ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ނުޖެހޭ މިއަދުން މިއަދަށްވެސް ގެނެސް ފަނޑިޔާރުންނާ ދޭތެރޭގައި އަޅުގަނޑުމެން ހިތުހުރި ގޮތަކަށް ނުވަތަ ޖަޒުބާތުގައި ތިބެ އެކަން ކުރާކަށް" ނިޔާޒް ވިދާޅުވިއެވެ.

މަޖިލީހަށް މިއަދު ހުށަހެޅުނު ރިޕޯޓުގައި ފާހަގަ ކޮށްފައި ނެތް ކަމެއް ކޮމިޓީން ދިރާސާ ކުރާއިރު އިތުރަށް ބެލުމަށްވެސް އޭނާ މިއަދު އެދިވަޑައިގަތެވެ. އެކަމަކީ 2013 ވަނަ އަހަރުގެ ރިޔާސީ ދައުރު ސުޕްރީމް ކޯޓުގެ ލަފަޔާއެކު ދިގު ވެގެންދިޔަ މައްސަލައެވެ. ސުޕްރީމް ކޯޓުން އެގޮތަށް ކަންކަން ކުރުމުގެ ސަބަބުން ރިޔާސީ ދައުރު ފަށަންވީ ކޮންތާރީޚެއްގައި ކަންވެސް މިހާރު އޮޅޭ ހިސާބަށް ގޮސްފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެގޮތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ނިޔާޒްގެ ބޭބޭފުޅު އިބްރާހިމް މުޙަންމަދު ސޯލިޙް ރައީސް ކަމުގެ ހުވާ ކުރައްވަންވީ ކޮންދުވަހެއްކަން ނޭނގިގެން މަޖިލީހުގައި ބަހުސް ކުރާ ހިސާބަށް ދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އެކަމުގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައި އޮތްގޮތެއް ބެލުން އެއީ ބުއްދިވެރި ކަމެއް. އެހެންނޫންނަމަ ރިޔާސީ ދައުރު ދިގު ކުރުމަކީ ކޮންމެވެސް ދުވަހަކުން ސުޕްރީމް ކޯޓުން އަނެއްކާވެސް ބޭނުންކޮށްފާނެ ބާރެއް ކަމަށް ގަބޫލު ކުރެވޭ" ނިޔާޒް ވިދާޅުވިއެވެ.

މިއަދު ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބަޔެއް އެހެން މެމްބަރުންވެސް ވަނީ ސުޕްރީމް ކޯޓުން މިހާތަނަށް ނިންމާފައިވާ ބަޔެއް ނިންމުންތަކަށް ފާޑު ވިދާޅުވެ އެ ކޯޓުގެ ފަނޑިޔާރުން ބަދަލު ކުރުން އަވަސް ކުރަން ގޮވާލައްވާފައެވެ. މިއަދުގެ ރިޕޯޓަށް ބަހުސް ކޮށް އެ ރިޕޯޓު އިތުރަށް ދިރާސާ ކުރުމަށްޓަކައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

ރިޕޯޓު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވަން ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމްއެވެ. އެކަމަށް ތާއީދު ކުރެއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.