ދިރާގުން މި އަހަރުވެސް ދިވެހި ރެޑް ކެްރެސެންޓާއެކު ކޯޕަރޭޓް މެންބަރޝިޕް އައުކޮށްފިއެވެ. މިއީ އެ ޖަމާއަތުން އިންސާނިއްޔަތަށްޓަކައި ދެމުންގެންދާ ޚިދުމަތްތަކަށް އެހީތެރިވުމނުގެ ގޮތުން ދިރާގާއި ރެޑް ކްރެސެންޓާއެކު ވެފައިވާ އެއްބަސްވުމެކެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގ މެންބަރޝިޕަކީ ކާރިސާތަކުގެ ވަގުތުގައްތާއި އާއްމު ޙާލަތްތަކުގައި ރެޑް ކްރެސެންޓުން ފޯރުކޯށްދޭ ޚިދުމަތްތަކަށް އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވިޔަފާރި ކުންފުނިތަކަށް އެ ޖަމާއަތުން ހުޅުވާފައި އޮންނަ ފުރުސަތެކެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ޚިދުމަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންގޮސްފައިވަނީ ދިރާގުގެ އަމިއްލަ އިސްނެގުމަކަށެވެ. އެގޮތުން ދިރާގުން ވަނީ ރެޑް ކްރެސެންޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެއްބަސްވުން އައު ކުރުމަށް މިއަދު ދިރާގުގެ މައި އޮފިހުގައި ބޭއްވި ރަސްމިއްޔާތުގައި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ދިރާގުގެ އެއްބަސްވުމުގެ ސަބަބުން އެ ޖަމާއަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންގެންދާ ޚިދުމަތްތަކަށް އެތައް ލުޔެއް ލިބި އިތުރު ފުރިހަމަކަމެއް ލިބިގެންދާ ކަމަށެވެ. އަދި ހަރުދަނާ، ބަދަހި ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް ދިރާގުން ދެއްވާ އެހީތެރިކަން ނޫރާ ފާހަގަކުރެއްވިއެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާޢީލް ރަޝީދް ވަނީ ރެޑް ކްރެސެންޓުން މުޖްތަމަައަށް ވެދެއްވާ އަގުނުކުރެވޭނޭ ޚިދުމަތްތައް ފާހަކަކުރައްވައި އެ ޖަމާއަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ އުފަލެއް ކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ.
ދިވެހި ރެޑް ކްރެސެންޓު އުފެދިފައިވަނީ 2006ވަނަ އަހަރުގެ އޯގަސްޓު މަހުގެ 16ވަނަ ދުވަހުއެވެ. އެ ޖަމާއަތުގެ މައިގަނޑު މަގްސަދަކީ ހާލުގަިއ ޖެހިފައިތިބޭ މީހުންނާއި، ނާޒުކު ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދީ އެ ޙާލަތްތަކުން އަރައިގަތުމަށް އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޯށްދިނުމެވެ. ރާއްޖޭގެ ވިހި ރަށެއްގައި އެ ޖަމާއަތުގެ ހަތަރު ހާހަށްވުރެ ގިނަ ދަރުމަވެރިން މަސައްކަތް ކުރެއެވެ.