ކަޝްމީރުގައި ސްކޫލްތައް ހުޅުވި ނަމަވެސް ކްލާސްރޫމުތައް ހުހަށް

ކަޝްމީރުގައި އިއްޔެ ހުޅުވި ސްކޫލެއްގެ ކްލާސްރޫމް ހުހަށް

ކަޝްމީރުގެ އިންޑިޔާ ފަޅި، ޖައްމޫ އެންޑް ކަޝްމީރުގައި އިއްޔެ ސްކޫލްތައް އަލުހުން ހުޅުވިނަމަވެސް ގިނަ ސްކޫލްތަކަށް ކިޔަވާކުދިން ހާޒިރުނުވާތީ ކްލާސްރޫމުތައް ހުރީ ހުހަށެވެ.

ކަޝްމީރުގައި އިންޑިޔާއިން މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އާއްމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައި ވިޔަސް، އިންޑިޔާ ސަރުކާރުން ކަޝްމީރުގެ ސްކޫލްތައް ހުޅުވަން ނިންމީ ދިރިއުޅުން އާއްމު ހާލަތަށް ބަދަލުވެއްޖެކަން ދެއްކުމަށެވެ. ކަޝްމީރު މީހުން ތުހުމަތުކުރާ ގޮތުގައި އިންޑިޔާއިން ބޭނުންވީ 'މަސްނޫއީ އާއްމު ހާލަތެއް' ދުނިޔެއަށް ދައްކާށެވެ.

ސްކޫލްތައް ހުޅުވިނަމަވެސް، ބެލެނިވެރިން ވަނީ ދަރިވަރުން ސްކޫލަށް ފޮނުވުމަށް ދެކޮޅުހަދާފައެވެ. "އަހަރުމެންގެ ދަރިންގެ ފުރާނަ ނުރައްކަލަށް ހުށަހަޅަން ކެރޭނީ ކިހިނެއް؟" ބަޓަމަލޫގެ ސްކޫލަކަށް ދެ ކުދިން ފޮނުވާ ބައްޕައަކު ބުންޏެވެ.

"ފާއިތުވި ދެ ހަފުތާގައި ސިފައިން ވަނީ ކުޑަކުދިން ހައްޔަރުކޮށްފައި. ހަމަނުޖެހުންތަކުގައި އެތައް ކުދިންނެއް ވަނީ ޒަޚަމްވެފައި. އަހަރުމެންގެ ދަރިން ގޭގައި ތިބުމުން އެމީހުން ސަލާމަތުން ތިބިކަން އަހަރުމެންނަށް ޔަގީންކުރެވޭ. އެކުދިން ސްކޫލަށް ފޮނުވުން އެކުދިން ސަލާމަތުން ތިބޭނެކަން ކަށަވަރުކޮށްދޭނީ ކާކު؟" އޭނާ ސުވާލުކުރިއެވެ.

ވެރިރަށް ސްރީނަގަރުގައި ދުއިސައްތައެއްހާ ޕްރައިމަރީ ސްކޫލް އިއްޔެ ހުޅުވި ނަމަވެސް އެ ސްކޫލްތަކަށް ދަރިވަރުން ކިޔަވަން ނުދެއެވެ. އިންޑިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަވެރިން ގިނަ ސަރަހައްދެއް ކަމުގައިވާ ޝޮޕިއާންގައި 12 ޕްރައިމަރީ ސްކޫލް ހުޅުވިނަމަވެސް، އެއްވެސް ދަރިވަރަކު ސްކޫލަށް ނުދެއެވެ. ކަޝްމީރުގެ ތައުލީމާ ޑިރެކްޓަރު ޔޫނުސް މަލިކު ވިދާޅުވި ގޮތުގައި އެ ސްކޫލްތަކުގެ ހަޒީރީ އަކީ ސުމެކެވެ.

ބެލެނިވެރިން ބުނަމުން ގެންދަނީ މުވާސަލާތީ ޚިދުމަތް އަލުން ލިބި، ކުދިންގެ ހާލު ބަލަން ގުޅޭނެ ގޮތް ނުވަނީސް ކުދިން ސްކޫލަށް ނުފޮނުވާނެ ކަމުގައެވެ.

އިންޑިޔާގެ ގާނޫނު އަސާސީގައި ކަޝްމީރަށް ދީފައި ހުރި ޚާއްސަ އިމްތިޔާޒުތައް ސަރުކާރުން މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ނިގުޅައިގަތް ފަހުން ކަޝްމީރުގެ އާއްމު ރައްޔިތުން ދަނީ އިންޑިޔާ ސިފައިންގެ ހަރުކަށިކަމާއި، އަނިޔާވެރިކަން ކުރިއަށްވުރެ ބޮޑަށް ތަހައްމަލްކުރަމުންނެވެ. ކުރީއްސުރެ ކަޝްމީރުގައި ތިބި ސިފައިންގެ 5 ލައްކައެއްހާ މީހުންނާ، އޮގަސްޓު 5 ގެ ފަހުން 1 ލައްކަ 20 ހާސް ސިފައިންގެ މީހުން ވަނީ ގުޅިފައެވެ.

ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 4 ހާހަށްވުރެ ގިނަ މީހުން ކަޝްމީރުގައި ހައްޔަރުކޮފައި ވާއިރު، ކަޝްމީރުގެ މެޖިސްޓްރޭރަކު ބޭރުގެ ބައެއް ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި އޭގެތެރޭން ގިނަ މީހުން ވަނީ ކަޝްމީރުން ބޭރަށް ގެންގޮސްފައެވެ. އެ ސަރަހައްދުގެ ޖަލުތައް ފުރިފައި ވާތީއެވެ.

އާއްމު ހާލަތަކަށް ކަޝްމީރު އެނބުރި އަތުވެއްޖެކަމަށް އިންޑިޔާއިން ބުންޏަސް، މޯބައިލް ފޯނުން އަދިވެސް ނުގުޅެއެވެ. ލޭންޑް ލައިނު ފޯނުތަކުގެވެސް މަސައްކަތް ކުރަނީ %20 އެވެ. މަގުތަކާއި ބާޒާރުތައް އޮތީ ފަޅުކޮށެވެ. އާއްމުން ތިބީ ގެއިން ބޭރަށް ނުކުންނަން ބިރުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.