ހުރާގެ މޫނުމަތި ރީތި ކޮށްދޭ "ދަ ހާބަރ ކެފޭ"

އަޅުގަނޑު ބޮޑު ޢީދު ޗުއްޓީއަށް ހުރައަށް ގޮސް އެންމެ ފުރަތަމަ ވެސް ވަނީ ބަނދަރު މަތީގައި ހުރި ރެސްޓޯރެންޓަކަށެވެ. ކުރިއަކުން އެތަނުގެ ވާހަކަ އަޅުގަނޑު ނާހަމަވެ. ގަނދަކަނޑުގައި ބައިގަޑިއެއްހާއިރު ސްޕީޑް ލޯންޗްގައި ދަތުރުކުރުމުން ވެފައި ހުރި ވަރުބައްޔާ އެކު އެރެސްޓޯރެންޓަށް ވަދެލީ ވަރުބަލިފިލުވާލާ އެއްޗެއް ކައިބޮއެ ހަދާލުމުގެ ބޭނުމުގައެވެ.

ރެސްޓޯރެންޓް އެތެރެއަށް ވަނުމާ އެކު އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ފުރަތަމަ ވެސް ލޯ އަޅައިގަތީ ކޭޝް ކައުންޓަރާ ދިމާގައި ހުރި ފާރުގައި އިނގިރޭސި ބަހުން ލިޔެފައިވާ "ދަ ހާބަރ" ލޯގޯ އެވެ. އެއީ މި ބުނާ ރެސްޓޯރެންޓެވެ. ދަ ހާބަރ އަކީ މިހާތަނަށް ރާއްޖޭގައި އަޅުގަނޑަށް ވަދެވުނު އެންމެ ތަފާތު އެއް ރެސްޓޯރެންޓޭ އެވަގުތު ހިތަށް އެރިއެވެ.

ވަށައިގެން ގޮދަޑި ޖަހައި، ކުޝަންތައް ޖަހައިފައިވާ އަރާމު ދިގު ގޮނޑިތައް ފެނުމުން ކުދިން ގޮވައިގެން އެތަނުގައި އިށީނދެ ހަމަޖެހިލާން ބޭނުންވިއެވެ. ގޮނޑީގައި ހަމަޖެހިލުމަށްފަހު "ދަ ހާބަރ" ގެ "ސަޅި" ފަރުމާއަށް ވަށައިގެން ބަލާލެވުނެވެ. ތަނުގެ ފަރުމާއިން އެކަނިވެސް އެތަނަށް ހިތް ދަމައިގަތެވެ. ރެސްޓޯރެންޓް ބާރގެ ފާރު ފަރުމާ ކޮށްފައި ވަނީ އެތަނުގެ ބުއިންތަކާއި ކެއުންތަކަށް މީހުން ހިތްދަމައިގަންނަ ގޮތަށް އިނގިރޭސި ބަހުން ލިޔެފައިވާ ތަފާތު ޢިބާރާތް ތަކުންންނެވެ. ތަނުގެ މެދުގައި އެލުވައިފައިވާ ބޮޑެތި ބޮކިތަކާއި ވަށައިގެން ހަރުކޮށްފައިވާ ކުދި ބޮކި ތަކުގެ އިތުރުން ކައުންޓަރާ ދިމާލުގައި އެލުވައިފައިވާ ދިގު ފަލަ ދަނޑިއެއްގައި އެލުވައިފައިވާ ބޮކިތަކަކީ ހަމައެކަނި ރޭގަނޑު ތަން އަލިކުރުމަށް ބޭނުން ކުރެވޭ އެއްޗަކަށްވުރެ ތަނުގެ ރީތިކަން އިތުރުކޮށްދޭ ގޮތަށް ޑިޒައިން ކުރެވިފައިވާ ތަކެއްޗެވެ. ހުރިހާ ބޮކިތަކެއްވެސް ހަރުކޮށްފައިވަނީ އެލުވައިފައިވާ ފަލަ ވާތަކެއްގައެވެ. މީގެ އިތުރުން ކޮންމެ މޭޒެއްގައި ވަރަށް ރީތި ފަރުމާއެއްގެ މޭޒު ބައްތި ނުވަތަ ޓޭބަލް ލޭންޕެއް ހުއްޓެވެ. މިބޮކިތައް ދިއްލާލުމުން ރޭގަނޑު ގަޑީ ތަނުގެ ހިތްގައިމުކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ.

މިދެންނެވުނީ ހަމައެކަނި ރެސްޓޯރެންޓްގެ އެތެރޭގެ ވާހަކަ އެވެ. ބޭރުވެސް ފަރުމާކޮށްފައިވަނީ ތަފާތު ގޮތަކަށެވެ. ދަ ހާބަރ ކެފޭގެ ހަރިންމައިގެ ތެރެއަށް ވަނުމާއެކު ދިމާވީ ފާރުގައި ދަ ހާބަރގެ ލޯގޯ ޖަހައިފައި ވަށައިގެން ގޮދަޑިޖަހާ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން އެތަނުގައި ޖަހައިފައިވާ ގޮދަޑިތަކާއި ކުޝަންތައް އެވަގުތު ހުރީ ނަގާފައެވެ. މެނޭޖްމެންޓާ ވާހަކަ ދައްކާލުމުން އެނގުނީ އެތަނަކީ ތަންކޮޅެއް އެގެޒެކެޓިވްކޮށް ބޭރުގައި ތިބެލަން ބޭނުންވާ ކަސްޓަމަރުންނަށް ޚާއްޞަ، ދަ ހާބަރ ލޯގޯ "ލައުންޖް" ކަމެވެ. މީގެ އިތުރުން ތަނުގައި ދެބުރިއަށް ނަގައިފައި ހުރި ތަނެއް ފެނުނެވެ. އެތަނުގެ މަތީ ބުރީގައިވެސް ވަނީ ވަށައިގެން ގޮދަޑިއާއެކު ކުޝަން ޖަހައިފައިވާ ތިރި ސީޓް ނުވަތަ ދިގު ގޮނޑިތަކެވެ. އެއީ ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ބައެކެވެ. އެތަން ވެސް ފަރުމާ ކުރެވިފައިވަނީ އެލުވައިފައިވާ ރީތި ބޮކިތަކަކާ އެކުއެވެ. ތަނަށް އަރަން ހުރި ސިޑީގެ ކޮންމެ ހަރުފަތެއް ތަފާތު ޑިޒައިނަކުން ފަރުމާކޮށްފައި ހުރުމުން ތަނުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ތިރިން އޮންނަ ހާމަ ތަނަކީ ޑައިވިނަށާއި މޫދަށް ގޮސްފައި އަންނަ މީހުން ތެމިގެން ތިބެވެސް ތަނުގެ ޚިދުމަތް ހޯދޭ ގޮތަށް ގޮނޑިއާއި މޭޒު ޖަހައިފައިވާ ތަނެކެވެ. އެ ސަރަޙައްދުވެސް ވަނީ ތަފާތު ތަކެތިން ފާރުމާކުރެވިފައެވެ. އޭގެތެރެއިންވެސް އަޅުގަނޑުގެ ލޯ އަޅައިގަތީ ބޮޑު މުށި ރުނބަޔާއި އެލުވައިފައިވާ ދެ ބަނޑިޔާ ލައިޓަށެވެ.

އަޅުގަނޑުމެންނަށް ދެވުނީ ހަވީރު ގަޑީގައި ކަމުން ހަވީރު ގަޑީގެ ބުފޭ އޮތި ތައްޔާރުކޮށްފައެވެ. ބުފޭގައި އޮތީ ދިވެހިންނަށް ހަވީރު ސަޔަށް އެންމެ ކަމުދާ ވައްތަރުގެ ހެދިކާއެވެ. އެހެންކަމުން ބޭނުންވީ ހެދިކާ ނަގައިގެން ކާށެވެ. އަޅުގަނޑަކީ އާއްމުކޮށް ކޮފީ ބޯ މީހަކަށްވިއަސް އެދުވަހު އަޅުގަނޑު ބޭނުންވީ ކަޅުސައި ބޯށެވެ. އެހެން ކަމުން ހެދިކާއާ އެކު ބޯން ކަޅުސަޔަށް އޯޑަރު ކުރީމެވެ. އަޅުގަނޑަށް ލިބުނީ އަދި ދުވަހަކުވެސް ނުލިބޭފަދަ ފުރިހަމަ ސައިތަށްޓެކެވެ. ސައިތަށީގެ ރީތިކަމުން، ރަހަ ނުބަލަނީސް ވެސް ބަނޑު ފުރުނު ކަހަކަލައެވެ. އާދަޔާ ޚިލާފް ރީތި ބިއްލޫރި ޓީޕޮޓެކެވެ. ބަހައްޓައިފައި ހުރީ އެ ޓީޕޮޓާއި ތަށްޓަށް ޚާއްޞަކޮށް ފަރުމާ ކޮށްފައިވާ އެހާމެ ރީތި ލަކުޑި ތަބަކެއްގައެވެ. ޕޮޓުން ސައި އަޅައިގެން އަވަހަށް ސައިތަށި ރަހަބަލާލީމެވެ. ވަރަށް ވެސް ފުރިހަމައެވެ. ސައިފަތުގެ ރަހަ ހުރީ އެންމެ ބޭނުންވާ ވަރަށެވެ. ޖޯޑް ފުރާ ސައި އަޅައިފައި ބޮއެލުމަށްފަހު، އަނެއްކާ ހުރި ސައިފޮދު ވެސް އަޅައިގެން ބޯލެވުނެވެ. މި ސަޔަކީ ދުނިޔޭގެ އެއްނަމްބަރ ސައިގެ ގޮތުގައި މަޝްހޫރު "ދިލްމާ" ސައިކަން އެނގުނީ ފަހުން މެނޭޖްމެންޓާ ވާހަކަ ދައްކާލުމުންނެވެ.

ދަ ހާބަރ އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ހިންގަން ފެށި ރެސްޓޯރެންޓެކެވެ. ކ. ހުރާގެ ބަނދަރު މަތީގައި ހުންނަ މިރެސްޓޯރެންޓަކީ އެހެން ރެސްޓޯރެންޓްތަކާ ވަރަށް ތަފާތު ތަނެކެވެ.

ދަ ހާބަރ ގެ މުގުލުގައި ތިއްބެވި ދެމޭސްތިރިންނަކީ ފަތުރުވެރިކަމާއި ހިނގުމުގެ ދާއިރާއިން ތަޖްރިބާ ލިބިވަޑިގެން ތިއްބެވި ދެބޭފުޅުންނެވެ. އެއް ބޭފުޅަކީ އޮޕަރޭޓިން ޕާޓްނަރ އަބްދުﷲ މުފީދެވެ. އަނެއް ބޭފުޅަކީ ހުރާގެ ރައްޔިތެއްކަމުގައިވާ މުހައްމަދު ނިޒާމް ހަޞަން އެވެ. ނާޒިމަކީ މިހާރުވެސް ކަޑިންމަ ރިސޯޓްގެ  އެފް އެންޑް ބީ މެނެޖަރެވެ. ދަ ހާބަރ ކެފޭ އަކީ ކުރިންވެސް ރެސްޓޯރެންޓެއް ހިންގި ތަނެކެވެ. ނަމަވެސް މި ދެޒުވާނުން ބޭނުންވީ ދަ ހާބަރ ކެފޭއަކީ މީހުން ބަލައިގަންނަ ތަނެއްގެ ގޮތުގައި ތަރައްޤީ ކުރުމެވެ. އެހެންކަމުން ތަނުގެ ފުރާޅު ފިޔަވައި އެހެންހުރިހާ ތަނެއްވަނީ މުޅިން ބަދަލުކޮށް އާބާތުރަ ފިލުވައިފައެވެ.

"އާންމުކޮށް ރެސްޓޯރެންޓް ތަކަކީ ބަޑުހައިވީމާ ކައިލަން ވަންނަ ތަންތަން. ނަމަވެސް އަޅުގަނޑުމެން ވިސްނީ ކިހިނެއްތޯ ހުރިހާ ވައްތަރެއްގެ މީހުންނަށް މިތަނުން ސާރވިސް ދެވޭނީ. އެއީ މެއިން އައިޑިއާ އަކީ. މޫދުން އަރައިގެން އަންނަ މީހުންނަށް ތެމިގެން ތިއްބަސް މިތަނުން ސާރވިސް ދެވޭނެ. ހާބަރ ލޯގޯ ލައުންޖް އެއީ ތަންކޮޅެއް އެގެޒެކެޓިވްކޮށް އައުޓްސައިޑްގައި ތިބެލަން ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ތަނެއް. ޝީޝާ ލައުންޖް އެއީ ސްމޯކިން އޭރިއާ. އެއީ ވަރަށް ލޯ ސީޓްތަކެއްލެވި ވަރަށް ކޯޒީ ކޮށް ތިބެލެވޭނެ ތަނެއް. އިންޑޯ އެއީ ފެމެލީއަށް ޚާއްޞަކޮށް ހެދިފައިވާ ބައި، ކުއްޖާ ނިދާފައި އޮތަސް އެތަނުގައި ބާއްވައިލައިގެން ތިބެވެނޭ. ކޮންމެ ސިޗުއޭޝަނެއްގައި ތިބޭ ކަސްޓަމާރސްއަށް ވެސް ޚިދުމަތް ދިނުން އެއީ އަޅުގަނޑުމެންގެ މެއިން ކޮންސެޕްޓަކީ." އެހެން ރެސްޓޯރެންޓްތަކާ ދަ ހާބަރ ކެފޭގެ ތަފާތު ހާމަކުރައްވަމުން އެތަނުގެ އެއް ޙިއްސާދާރު ކަމަށްވާ މުފީދު ވިދާޅުވެ ދެއްވިއެވެ.

ދަ ހާބަރ ކެފޭ ގެ ޚާއްޞަ އަނެއްކަމަކީ އެތަނުގެ ބާރ އިން ދޭ ޚިދުމަތެވެ. މިދެންނެވީ ބަނގުރާ ފަދަ ތަކެތި ވިއްކާ ބާރއެއް ނޫނެވެ. ތަފާތު ބުއިންތަކުގެ ޚިދުމަތްދޭ ބާރ އެކެވެ. އެ ބުއިންތަކުގެ ރަހައިގެ ފުރިހަމަ ކަމުގެ އިތުރުން ފޯރުކޮށްދެވޭ ގޮތުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިއްބައިދޭ ހިތްހަމަ ޖެހުމެވެ. ދަ ހާބަރ ކެފޭގެ މެނޭޖްމަންޓުން ބޭނުންވަނީ ކޮންމެ މީހަކީވެސް އެތަނަށް އަންނަ ހިތުން އަންނަ މީހަކަށް ހެދުމެވެ.

"މިލްކްޝޭކެއް ލިބިދާނެ ކޮންމެ ތަނަކުންވެސް، އެކަމު އަޅުގަނޑުމެންގެ ތަފާތަކީ އެ ފޯރުކޮށްދޭ އިރު އެ ލުކް (ހުންނަ ފުރިހަމަ ކަން) އެލިބޭ ހިތްހަމަ ޖެހުން." ކަމަށް މުފީދު ވިދާޅުވިއެވެ.

ދަ ހާބރ ކެފޭގެ މެނޭޖްމެންޓާ ވާހަކަ ދައްކާލުމުން ތަނުން ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަގަ ކުރެވުނެވެ. އެތަނަށް ގެންދެވޭ މޭވާއާއި ތަރުކާރީއަކީ ބާޒާރުގައި އާއްމުކޮށް ވިއްކަން ހުންނަ ތަކެއްޗެއް ނޫނެވެ. ދަ ހާބަރ ކެފޭގައި ބޭނުންކުރާ ތަރުކާރީ އާއި މޭވާ އާއި އެނޫންވެސް ތަކެއްޗަކީ ރިސޯރޓްތަކަށް ވެސް ސަޕްލައި ކުރާ ފެންވަރުގެ ތަކެއްޗެވެ. މެނޭޖްމަންޓުން މަޢުލޫމާތު ދިން ގޮތުގައި އާއްމުކޮށް ގިނަ ރެސްޓޯރެންޓް ތަކުގައި ލިބެން ހުންނަ ފްރެޝް ޖޫސް އެތަނުން ނުލިބިދާނެއެވެ. ނަމަވެސް ލިބެން ހުންނަ މަދު ވައްތަރު ތަކަކީ ފެންވަރު ރަނގަޅު ތެކެތިކަން ފާހަގަ ކުރެއްވިއެވެ.

"ވަރަށް ގިނަ ތަންތަނުން ލިބޭނެ މެންގޯ ޖޫސް، ޕަޕާޔާ ޖޫސް، އެކަމު އަޅުގަނޑުމެން ނުވިއްކަން، އަޅުގަނޑުމެންނަށްވެސް އެނގޭ ވިއްކީމާ އަޅުގަނޑުމެންނަށްވެސް ފައިދާ ވަނެކަން. އެކަމު މެންގޯ، ޕަޕާޔާ އަޅުގަނޑުމެން ބޭނުންވާ ކޮލިޓީގައި ރާއްޖެއަކުން ނުލިބޭ." ކަން ފާހަގަ ކުރަމުން މުފީދު ވިދާޅުވިއެވެ.

ދަހާބަރަގެ ޕއްޒާއަކީ ވެސް ވަރަށް ޚާއްޞަ އެހާމެ ޑިމާންޑް ބޮޑު މީރު އުފެއްދުމެކެވެ.

"ޕިއްޒާއަކީ މިތަނުގެ ސްޕެޝަލިޓީއެއް. އަޅުގަނޑުމެން ޗެލެންޖް ކޮށްފައި ބުނަން ކެރޭ މާލެއަށްވުރެވެސް މިތަނުން ލިބޭ ޕިއްޒާގެ ކޮލިޓީ ރަނގަޅުވާނެކަން. އަޅުގަނޑުމެން ބޭނުން ކުރަނީ ބާޒާރުމަތިން ލިބޭ އާދައިގެ އެއްޗިއްސެއް ނުން، އަޅުގަނޑުމެންގެ ޕްރައިސްތައް ހައިވާ ސަބަބަކީ ވެސް އެއީ" ކަމަށް ދަ ހާބަރ ކެފޭގެ އެއް ޙިއްސާދާރު މުފީދު ވިދާޅުވިއެވެ.

ދަ ހާބަރ ކެފޭއިން ލިބޭ ކޮފީގެ ޚާއްޞަ ކަމަކީ އެ ކޮފީއާއެކު ފޯރުކޮށްދެވޭ ކުޑަކުޑަ ފެންތަށްޓެވެ. އެއީ އިންފިއުޒް ފެނެވެ.

"ގިނަ ތަންތަނުން ދެނީ ކޮފީތައްޓާއެކު ބިސްކަޓެއް، އޭގެ ބަދަލުގައި އަޅުގަނޑުމެން މިތަޢާރަފް ކުރީ އަމިއްލަ ޕްރޮޑަކްޓެއް. ކޮންމެ ދުވަހަކުވެސް ހުންނާނެ ތަފާތު ރަހައެއްގެ އިންފިއުޒްޑް ވޯޓަރ އެއް" މުފީދު ވިދާޅުވިއެވެ.

ދަ ހާބަރ އިން ލިބޭ ކެއުން ތަކުގެތެރޭގައި އޭޝިއަންފުޑާއި ތައިފުޑާއި ޔޫރަޕިއަން ފުޑްގެ އިތުރުން ރާއްޖޭގެ ކެއުންތައް ހިމެނެއެވެ. އާންމުކޮށް ލިބޭނީ މެނޫގައި ހިމެނޭ ތަކެތި ކަމުގައި ވިއަސް އޯޑަރު ކުރުމުން އެހެން ބާވަތްތައް ވެސް ތައްޔާރުކޮށްދެއެވެ. ދަ ހާބަރ ކެފޭގެ މަސް ރިހަޔަކީ ފަތުރުވެރިންނަށް ވެސް ވަރަށް ކަމުދާ އެއްޗެކެވެ.

ދަ ހާބަރ ގެ ހެޑް ޝެފަކީ ވެސް ދިވެއްސެކެވެ. އަދި ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހަތަރު މީހުން ފިޔަވައި އެންމެންނަކީވެސް ދިވެހިންނެވެ. ދަ ހާބަރ އިން މުވައްޒަފުން ހޯދުމުގައި އެންމެ އިސްކަން ދެނީ ހުރާގެ ޒުވާނުންނަށެވެ. ރަށުން ބޭރުން މުވައްޒަފެއް ހޯދަނީ ބޭނުންވާ ކަހަލަ މުވައްޒަފެއް އެރަށުން ނުލިބިއްޖެނަމައެވެ. ހުރައަކީ ގިނަޢަދަދެއްގެ ޒުވާނުން ކޮންމެވެސް ވަޒީފާއެއްގައި އުޅޭ ރަށަކަށް ވުމުން އެރަށުން، މުވައްޒަފުން ހޯދުމަކީވެސް ވަރަށް ދަތިކަމެއްކަމަށް، ދަ ހާބރ ގެ މެނޭޖް މަންޓުން ފާހަގަ ކުރެއްވިއެވެ.

މުވައްޒަފުން މޯޓިވޭޓްކޮށް ވަޒީފާގައި ދެމެހެއްޓުމަކީ ދަ ހާބަރގެ މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަން  އެ ބޭފުޅުންގެ ވާހަކައިން ފާހަގަކުރެވުނެވެ. މުވައްޒަފުންގެ މުސާރަ މަސް ފެށޭ ތަނުން ދޭ އިރު ތަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ދެނީ ޑޮލަރުންނެވެ. މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުމުގެ އިތުރުން ކޮންމެ މަހަކުވެސް އެންމެ ރަނގަޅު މުވައްޒަފަކު ހޮވާ ފައިސާގެ އިނާމުގެ އިތުރުން ދެ މީހަކަށް ހިލޭ ރޭގަނޑުގެ ކެއުމެއް ދިނުން އޮވެއެވެ. މީގެ އިތުރުން ދަ ހާބަރ ގެ މޭނޭޖްމަންޓުން ކޮންމެ މަހަކަށްވެސް ކަނޑައަޅާ ޓާގެޓަށް ވިޔަފާރީގެ އާމްދަނީ ލިބި އިތުރުވާ ބަޔަކީ ބޯނަސްގެ ގޮތުގައި މުވައްޒަފުންގެ މެދުގައި ބަހާ އެއްޗެކެވެ. މަސް ފެށޭއިރު ބޭނުންވާ ޓާގެޓް މުވައްޒަފުންނަށް އަންގާނެކަމަށް ދަ ހާބަރ އިން ބުނެއެވެ. މިއީ ރާއްޖޭގެ ހައި ޕްރޮފައިލް ބިޒްނަސްތަކުން ނޫނީ ކުރާކަންކަމެއް ނޫނެވެ. ދަ ހާބަރގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނާނީ އެތަނަށް ޚާއްޞަ ޓްރޭނިން އެއް ހަދައި އެކަމަށް ތައްޔާރުވެގެންނެވެ. މިއީވެސް ދަ ހާބަރގެ ތަފާތު ކަންކަމެވެ.

ދަ ހާބަރ ކެފޭއަކީ ބަދަނރުމަތީގައި ހުންނަ ތަނަކަށް ވެފައި ޕަބްލިކް ފާޚާނާބަރިއެއް ނެތުމުން ތަނުގައި ހެދިފައިވާ ފެންވަރު ރަނގަޅު ފާޚާނާ ވަނީ ޕްބަލިކް ފާޚާނާއަކަށް ވެފައޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ތަނަށް ޚިދުމަތް ލިބިގަންނަން އަންނަ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހަދައިވާ މި ފާޚާނާ ޕަބްލިކް ފާޚާނާއެއްގެ ގޮތުގައި ބޭނުން ކުރަން ޖެހުމުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަކީ ތަނުގެ ފެންވަރު ހިފަހަށްޓަން މަސައްކަތް ކުރާއިރު ދަ ހާބަރ ކެފޭގެ މެނޭޖްމަންޓަށް ކުރިމަތި ވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

"ބައެއް ފަހަރަށް ވިހި ތިރީސް މީހުންވެސް އެއްފަހަރާ އެބަ އާދޭ. ހަމަ އެކަނި ފާޚާނާ ބޭނުން ކުރަންވެސް. ފާޚާނާއަކީ އަޅުގަނޑުމެން މިތަނުން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހަދައިފައިވާ ތަނެއް. އެކަމު ފާޚާނާ ބޭނުންކުރަން އަންނަ މީހުން ހުއްޓުވުމަކީވެސް، އިންސާނިއްޔަތަށްޓަކައި،އަޅުގަނޑުމެންނަށް އުދަނގޫވާނެ ކަމެއް" ކަމަށް ދަ ހާބަރގެ މެނޭޖްމަންޓުން ފާހަގަ ކުރިއެވެ.

ރަށުގެ ކައުން ސިލަކީ އެރަށުގެ ވިޔަފާރިތަކަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާ ކައުންސިލެއްކަން ހާބަރ ކެފޭގެ މޭނޭޖްމަންޓުން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެ މަސަލަވެސް ހައްލުވެގެންދާނެކަމަށް އެ ކެފޭ އިން އުއްމީދު ކުރެއެވެ.

ދަ ހާބަރ ކެފޭ އަކީ ހުރައަށް ޒިޔާތްކުރާ މެހޭމާނުންނަށް އެންމެ ފުރަތަމަ މަރުޙަބާ ކިޔާ ހިއްގަމު ރެސްޓޯރެންޓެއްގެ އިތުރުން ހުރާގެ މޫނުމަތި ރީތިކޮށް ފުރިހަމަކޮށްދޭ ތަނެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.