32 އަހަރަށް ފަހު ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް މަޖިލހަށް ހުށަހެޅި ބަހުސް ފަށްޓަވައިފިއެވެ. ސަރުކާރުން ފަރާތުން މިބިލް ހުށަހެޅުއްވީ އިވަންދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޝިފާއުއެވެ. ބިލް ހުށަހަޅުއްވަމުން އިހަވަންދޫ ދާއިރާގެ މެމްބަރ ވިދާޅުވީ މިހާރު ޢަމަލު ކުރަމުންދާ މަސްވެރިކަމުގެ ޤާނޫނަކީ މަސްވެރިކަން ތަރައްޤީވެފައިވާވަރާ އަޅާބަލާއިރު މަސްވެރިކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް އެއްވެސް ވަރަކަށް އެކަށީގެންވާ ޤާނޫނެއް ނޫންކަމުގައެވެ. އެހެން ކަމުން މިހާރު މަޖިލީހަށް ހުށަހެޅުފައިވާ ބިލް ޤާނޫނަކަށް ވެގެން އައުމުން ރާއްޖޭގެ މަސްވެރިކަން ޒަމާނީ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ރެގިއުލޭޓްކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު މަޖިލީހަށް ހުށަހެޅި ބަހުސް ފަށްޓަވައިފައިވާ ބިލް ޤާނޫނަކަށް ވުމުން ކުރީގެ ޤާނޫނު އުވުނު ކަމުގައި ވިއަސް އެޤާނޫނުގެ ދަށުން ހެދިފައިވާ އެއްބަސްވުންތަކާއި ހަރަކާތްތައް މެދު ކެނޑުމެއްނެތި ކުރިއަށް ދާނެގޮތަށް ބިލްގައި ކަންކަން ތަރުތީބު ކުރެވިފައި ވާނެކަމަށް ބިލް ހުށަހަޅުއްވަމުން އިހަވަންދޫ ދާއިރާގެ މެމްބަރ ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހެޅި ބަހުސްކުރެވި ފަސްވެގެން ދިޔަ، މަސްވެރިކަމުގެ ފަސް ޤަރާރުގައި ހިމެނޭ ކަންތައްތައް ބިލްގައި ވަރަށް ފުރިހަމައަށް ހިމަނައިފައިވާ ކަމަށް މެމްބަރ ޝިފާޢު ފާހަގަ ކުރެއްވިއެވެ .ނަމަވެސް ބަހުސްގައި ވާހަކަދެއްކެވި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ޤަރާރުގައި ފާހަގަ ކޮށްފައިވާ ބައެއްކަންކަން ބިލުގައި ހިމެނިފައިނުވާކަމަށެވެ. އެހެންކަމުން ކޮމެޓީގެ މަރުހަލާގައި ބިލަށް ގިނަ އިސްލާޙުތަކެއް ގެންނަޖެހޭކަމަށަށް އެމެމްބަރުން ފާހަގަ ކުރެއްވިއެވެ.
ކޯޓް އަމުރެއް ނެތި މަސްފެކްޓްރީތައް ފާސްކުރުމުގެ ބާރު ބިލުން ދީފައި އޮތުމުން ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މިބާރު ސިޔާސީގޮތުން ބޭނުން ކުރުމުގެ ފުރުޞަތު ބިލް މިހާރު އޮތްގޮތުން ލިބިގެންދާނެ ކަމަށް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ.
ދިވެހި މަސްވެރިންނަށް އިޖުތިމާޢީ ރައްކާތެރިކަން ލިބޭނެ ނިޒާމެއް ބިލުން ކަނޑައެޅެންޖެހޭ ކަމަށާއި މަސްވެރިންނަށް ޕެންޝަން ސްކީމެއް އެކުލަވާލަންޖެހޭކަމަށްވެސް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ.
ބލްގައި ހިމެނޭ މުހިންމު ކަންތައްތައް ތަކުގެ ތެރޭގައި ޤަވާއީދާ ޚީލާފަށް ރާއްޖޭގެ މަސްކަނޑުތަކުގައި ހިނގާ މަސްވެރިކަން ހުއްޓުމަކަށް ގެނައުން ހިމެނެއެވެ. ބިލް ހުށަހަޅުއްވަމުން ޝިފާޢު ވިދާޅުވީ ބިލް އެކުލަވާލުމުގައި ދިވެހި މަސްކަނޑު ތަކަކީ ދިވެހިމަސްވެރިނަށް މިލްކްވެގެންވާ ކަނޑުތަކަކަށް ހެދުމަށް ވަރަށް ބޮޑަށް އަމާޒު ހިފިފައި ވާކަމުގައެވެ. ދިވެހިމަސްވެރިކަމުގެ ސިނާޢަތުގައި އަންހެނުގެ ބާރުވެރިކަން ފުޅާކުރުމަށްބިލްގައި ހިމެނިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލްގައި ވާގޮތުން މަސްވެރިކަމުގެ ބާވަތް ކަނޑައަޅައި ސަރުކާރުގެ ޖެޒެޓްގައި އިޢްލާން ކުރަންޖެހޭނެއެވެ. އަދި އެ މަސްވެރިކަމުގެ ބާވަތްތަކާ ބެހޭ މެނޭޖްމަންޓް ޕްލޭނެއްތައް ކަނޑައެޅަންޖެހެއެވެ.