ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެގައުމަށް ފުރާވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިޙުގެ ދެކަނބަލުންގެ މިދަތުރުފުޅަކީ ބޮޑު އީދު ޗުއްޓީ ހޭދަކޮށްލެއްވުމަށްޓަކައި ލަންކާއަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުންވެސް ބުނީ ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި މިއީ ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސްގެ ދެކަނބަލުން އީދު ޗުއްޓީގެ ބަޔެއް ދުވަސްތައް ރާއްޖޭގައި ހޭދަކުރެއްވުމަށް ފަހު ބާކީ އޮތް ހަތަރު ދުވަސް ލަންކާގައި ހޭދަކުރެއްވުމަށް ފަހު އަންނަ ހަފްތާގެ އާދީއްތަ ދުވަހު އެމަނިކުފާނު ހުންނަވާނީ ރާއްޖޭގައެވެ.
ރައީސް ސޯލިޙު މިއަދު ލަންކާއަށް ވަޑައިގަތުމުގެ ކުރިން ރޭ ވަނީ ލަންކާގެ ގައުމީ ވޮލީ ޓީމާއި ރާއްޖޭގެ ގައުމީ ވޮލީ ޓީމު ސޯޝަލް ސެންޓަރުގައި ކުޅުނު އެކުވެރިކަމުގެ މެޗު ބައްލަވާލަންވެސް ވަޑައިގެންފައެވެ. އެނގިފައިވާ ގޮތުގައި އެމަނިކުފާނު ޗުއްޓީއަށް ފުރާވަޑައިގަތުން ކުޑަކޮށް ލަސްކޮށްލެއްވީވެސް މިމެޗު ބައްލަވާލައްވަން ބޭނުންފުޅުވާތީއެވެ.
ރައީސްގެ ދެކަނބަލުން އީދު ޗުއްޓީއަށް ސްރީލަންކާއަށް ވަޑައިގެންނެވިއިރު މިފަހަރު ބޮޑު އީދު ބަންދުގައި އެންމެގިނަ ދިވެހިން ޗުއްޓީ ހޭދަކޮށްލަން ގޮސްފައި ވަނީވެސް ސްރީލަންކާއަށް ކަމަށްވެއެވެ.