ވިއްސާރައިގެ ސަބަބުން ޅ. ނައިފަރުގައި ފެންބޮޑުވެ އެރަށުގެ ބަޔެއް ގެތަކަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުންނާއި ސިފައިންގެ އެހީގައި އެރަށުން ފެން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދާއިރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެރަށުގެ ހަތަރު ގެޔަކަށް ވަނީ ވަރަށް ބޮޑަށް ފެންވަދެ ގެއްލުންތަކެއް ވެފައެވެ.
ފުލުހުން ބުނީ އެންމެ ބޮޑަށް ފެން ވަދެފައިވާ ހަތަރު ގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށާއި އަދި އިތުރަށް ފެންވަނުން ހުއްޓުވުމަށް ބަސްތާ ޖަހަމުންވެސް އަންނަ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިފަރަށް ވެހެމުންދާ ބޯވާރޭގެ ސަބަބުން ހެދެމުންދާ ފެންގަނޑު އެންމެ ބޮޑަށް ވައްދާލި ހަތަރު ގޭގައި ހުރި ފަރުނީޗަރުތަކާއި ހިފައިގެންގުޅޭ ބަޔެއް ސާމާނުތައްވެސް ވަނީ ފެންޖެހި ހަލާކު ވެފައެވެ.
މިދުވަސް ވަރަކީ މުޅި ރާއްޖެއަށްވެސް ބޯކޮށް ވާރޭވެހި، މޫސުން ގޯސް ދުވަސްވަރެކެވެ. ޚާއްސަގޮތެއްގައި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ގޮސް ކޮޅުމަޑުލާ ހަމައަށް މިދުވަސްވަރު މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ. އީދަށް ބަންދުވި މާލެ ސަރަހައްދަށްވެސް ދޭތެރެދޭތެރެއިން ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.